ބުނެދޭން ނޭނގުނަސް... 02

ގެއާއި ދިމާއަށް ހިނގައިގަތް ބިންޔާ ސިހުނީ، އޭނާގެ ފަހަތުން މީހަކު އަންނަކަން އެނގުމުންނެވެ. ފަސްއެނބުރި ބަލައިލި ވަގުތު، ކުރިމަތީގައި ހުރި ޒުވާނާ ފެނި، އޭނާ ގެނައީ އަވަސް ހަރަކާތެކެވެ. މިޒްޔަލްގެ ދެއަތް ފުރަގަހަށްވާހެން ގެންގޮސް، ހިރިވެސް ނުލެވޭނޭހެން ހިފަހައްޓާލީ ކުޅަދާނަކަމާއި އެކުގައެވެ.

*********

"އާ އާ... ތަދުވޭ، ދޫކޮ...ށް....ލާ..." ވީ ތަދުން މިޒްޔަލްގެ ދެލޮލުން ކަރުނަ ހިލުވައިލިއެވެ.

ބިންޔާ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން މިޒްޔަލްއަށް ގުޑިވެސް ނުލެވުނެވެ. އަންހެން ކުއްޖެއް ކަމަކު ބިންޔާ ބާރުގަދައެވެ. ކުޑަކޮށް ހުންނަ ނިކަމެތި އަންހެން ކުއްޖަކަށް އެވަރު ކުރެވިދާނެކަމަށް މިޒްޔަލް ހީވެސް ނުކުރެއެވެ.

"ތީ ކާކު؟..." ހަރުކަށި ރާގަކަށް ބިންޔާ ސުވާލުކުރިއެވެ. "ބުނޭ، އެހެންނޫނީ ދުލެއް ނުކުރާނަން..."

"ފޯ..ނު... ފޯ..ނު..." މިޒްޔަލްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާ ޖީބުން ފޯނު ނަގަން އުޅުމުން، ބިންޔާ ވަކިން ބޮޑަށް މިޒްޔަލްގެ އަތަށް ބާރުކޮށްލިއެވެ.

"އާ، އަތް...." މިޒްޔަލް ހީކުރީ، ބިންޔާ އަތް ބިންދައިލަން އުޅެނީ ކަމަށެވެ.

"ކޮން ހިސާބަކުން އަހަރެން ފޮލޯކުރަމުން ތިއައީ؟..." ބިންޔާ ސުވާލުކުރިއެވެ.

މިޒްޔަލް ހުރީ ވާހަކަ ދެއްކޭފަދަ ހާލަތެއްގައެއް ނޫނެވެ. އޭނާއަށް ވާހަކަ ދެއްކުނީހީވެސް، އަޅަމުންދިޔަ ވޭނަށް ލުޔެއް ލިބިގެން ނޫން ހެއްޔެވެ؟ ބިންޔާ އެވަރު ވިސްނާނުލީތީ މިޒްޔަލްގެ ހިތުގައި ޝަކުވާ އުފެދުނެވެ.

މަގުމަތިން ހިނގާފައި ދިޔަ މީހުން މަންޒަރު ބަލަން އެއްވާން ފެށިއެވެ. އެމީހަކަށް އެޅުވުނު ބަދުނާމެއް މިޒްޔަލްގެ ބޮލުގައި އަޅުވަމުން ދިޔައެވެ. އެންމެންވެސް ކުށްވެރިކުރީ މިޒްޔަލްއެވެ. އަންހެނަކު ކުށެއް ނުކުރާނެބާއޭ މިޒްޔަލްގެ ހިތަށް އެރިއެވެ. ކެމެރާތައް އަމާޒުވާކަށް ގިނައިރެއް ނުނެގިއެވެ. އެކަކުވެސް ވީގޮތް އޮޅުންފިލުވާކަށް މަސައްކަތެއް ނުކުރެއެވެ. ލަދުން ގޮސް މިޒްޔަލްއަށް ގޮތް ހުސްވިއެވެ. އަދަބުވެރި ދިރިއުޅުމެއް އުޅެމުން އައިސް، މިއަދު މުޖުތަމައުގެ ތެރެއަށް އޭނާ ފަޟީހަތްވެގެން އެ ދަނީ އެއްވެސް ކުށެއް ނެތިއެވެ. ނުވެސް ދަންނަ އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އޭނާ ދުވަހަކު އެކުއްޖާއަށް މައާފު ކުރާނީ ކިހިނެއް ހެއްޔެވެ؟

މިޒްޔަލްގެ އަތުން ދޫކޮށްލަން ބިންޔާއަށް މަޖުބޫރުވީ، ފެނުނު ސޫރައަކުންނެވެ. އޭނާއަށް އެމީހަކު ފެނުނީ ކެމެރާއެއް ހިފައިގެން މީހުންތަކުގެ ތެރެއިން ނުކުންނަނިކޮށެވެ. ފުރުސަތުގެ ބޭނުން ހިފައި، ދެފަޔަށް ލެވުނުހާ ބާރެއް ލާފައި މިޒްޔަލް ދުއްވައިގަތެވެ. މިޒްޔަލް ގޮސް ލޯމަތިން އޮބާލަންދެން ބަލަން ބިންޔާ ހުއްޓެވެ.

********

ގޯލްޑަންހިޔާ ރެސްޓޯރެންޓްގައި މީހުން މަދު ވަގުތެކެވެ. މިޒްޔަލް އާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ ޝިމާޢު އާއި އަމަން ތިބީ ކޮފީއެއް ބޯށެވެ. އެކުވެރިން ހުއްޓާނުލައި ހޭތީ މިޒްޔަލް އިނީ މޫނު ކުނިކޮށްލައިގެންނެވެ. ނިތްކުރިމަތިން ތަންގަނޑެއް ރަތްވެގެން ލޭ ހިލިފައިވާއިރު، މިޒްޔަލްގެ މޫނުން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އަތަށް ތަދުވާވަރުން އޭނާ އިނީ އަތް އެކި ގޮތްގޮތަށް ހަރަކާތް ކުރާށެވެ.

"އެހެނޭ ވާނީ ތާކުން ފެންނަހާ މީހެއްގެ ފަހަތުން ދަންޏާ..." ހިނިގަނޑު މައިތިރިކުރަން މަސައްކަތް ކުރަމުން ޝިމާޢު ބުންޏެވެ. "ނަސީބެއްނު ފުރާނަ ހުއްޓާ އަހަރެމެންނާ ދިމާވިކަން..."

"އާދައިގެ ކަމެއް ނޫން އެއީ..." މިޒްޔަލް ވިސްނާލާފައި ބުންޏެވެ. "އޭނަ ހާދަ ކުޅަދާނައޭ... ހީވަނީ ޓްރޭނިންގް ހަދާފަ ހުރިހެން... އެސްފިޔަ ޖަހާލަންވާއިރަށް ދެއަތް ފުރަގަހަށްލާ ހައްޔަރުކޮށްލައިފި... އަހަންނަށް ގުޑިވެސް ނުލެވުނު..."

"ޔަގީންތަ އަންހެނެއް ކަން؟... ނޫނީ ވެމްޕަޔަރެއްތަ؟..." ޝިމާޢު ހީގަތެވެ.

"މަޖަލެއް ނޫނޭ... ބައްޕައަށް އެނގިއްޖެއްޔާ ވާނެގޮތް އެނގެއެއްނު..." މިޒްޔަލްގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. "ހުރިހާ ޕޭޖުތަކެއްގަ ޕޯސްޓުތައް ޖަހައިފިއްޔާ އަހަރެން ކިހިނެއް ހަދާނީ؟..."

"ހާސްނުވެބަލަ..." މިޒްޔަލްގެ ކޮނޑުގައި ޖަހައިލަމުން ޝިމާޢު ބުނެލިއެވެ. "ތިކަހަލަ ހުރިހާ ޕޭޖަކަށް އަހަރެންގެ ބާރު ހިނގާނެ... ޖެހިޔަކަ ނުދޭނަމޭ..."

"ވެދާނެ ފުލުހަކަށްވެސް..." އަމަން ވިސްނައިލާފައި ބުންޏެވެ.

"ޔަގީން ތި ވާނީ ކޮންމެސް ގޭންގެއްގެ މީހަކަށް... މިހާރު އެގޮތަށް ގުރޫޕް ހަދައިގެން އުޅޭ އަންހެނުންވެސް މަދެއް ނޫން..." ޝިމާޢު ވިސްނީ އެންމެ ގޯސްކޮށެވެ.

"ގޭންގް މީހަކަށްވިޔަސް، އަހަރެން އޭނަ ދުލެއް ނުކުރާނަން..." މިޒްޔަލްގެ މޫނުން ފެނުނީ ތަފާތު އަސަރެކެވެ.

********

ފެންވަރައިގެން ނުކުމެ، އިސްތަށިގަނޑު ހިއްކަން ބިންޔާ ހުރީ ލޯގަނޑުގެ ކުރިމަތީގައެވެ. ސަލާހުގެ ބަސްތައް އޭނާގެ ކަންފަތް ކައިރީގައި ގުގުމަމުން ދިޔައެވެ. ސަލާހު ފޫހިވީ ސަބަބު ކިތަންމެ ސާފު ނަމަވެސް، ބިންޔާގެ ހިތުގައިވީ ޝަކުވާއެވެ. ބިންޔާއާއި ގުޅުނުއިރު، ސަލާހަށް އޭނާއަކީ ކާކު ކަން ރަނގަޅަށް އެނގޭނެއެވެ. އެކަމަކު ފަސް އަހަރުވީއިރު، ދުވަހަކުވެސް ސަލާހު އެއްވެސް ކަމަކާއި ޝަކުވާއެއް ކޮށްފައެއް ނުވެއެވެ.

ބިންޔާ އޭނާ ދިރިއުޅެމުންދިޔަ ކުޑަކުޑަ ކޮޓަރިގަނޑުގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އޭނާގެ މުޅި ދިރިއުޅުން ހުރީ އެ ހަތަރުފާރުން އެތެރެއިން ފެންނާށެވެ. އެހެން މީހުން އުޅޭހެން ކައްކާ ކައިބޮއެ ހަދާކަށް ވަކި ތަނެއް އޭނާ ދިރިއުޅޭ ތަނުގައި ނުހުރެއެވެ. ގެންގުޅޭ ހުރިހާ އެއްޗެއް އެ ކުޑަކުޑަ ކޮޓަރީގެ ތެރޭގައި ކިތަންމެ ފުރިހަމައަށް ތަރުތީބުކޮށްފައި ހުއްޓަސް، އެތަނެކޭ ގުދަނެކޭ ތަފާތެއް ނެތެވެ. ވަސްގަދަ އެއްޗެއްސެއް ނުކެއްކެއެވެ. ކިތަންމެ ކާހިތްވިނަމަވެސް، ބިންޔާއަށް އުޅެންޖެހިފައިވީ މީރު އެތައް އެއްޗެއް ކެއުމުން މަހުރޫމުވެގެންނެވެ.

ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިންދައިލަމުން، ބިންޔާ ކަބަޑު ހުޅުވައިލިއެވެ. ބަނޑުހައިވެގެން އޭނާ ހުރީ، ހަށިގަނޑު ސީދާވެސް ކޮށްނުލެވިފައެވެ. ދަބަރުޖަހައިގެން ވެއްޓެން ކައިރިވެފައިވާ ކަބަޑުގެ ދޮރުފަތް އައީ ބިންޔާގެ އަތަށެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް ބިންޔާގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. ހުރިހާ ކަމަކާއި، އޭނާއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށިއެވެ. ކަޕްނޫޑްލްސް ތައްޓަކަށް ހޫނުފެން އަޅައިގެން އެއަށް ބަލަން ބިންޔާ ހުއްޓެވެ. އެހެން މީހުން ކާހެން މީރު އެއްޗެހި ކެވޭނޭނަމައޭ ބިންޔާގެ ހިތަށް އެރިއެވެ. އެހެން ރޭރޭ އެއްވެސް ޝަކުވާއެއްނެތި ކާލާ ނޫޑްލްސް ތަށި އެރޭ ކެއުން، ބިންޔާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ގިސްލާފައި ރޮމުން، ގަދަކަމުން ކަމުންދިޔައިރު، ދިރިއުޅުމާއިމެދު އެ ހިތުގައި ވަނީ ޝަކުވާ އުފެދިފައެވެ.

********

ހެނދުނު ސަޔަށް އިންސާފުކުރަން މިޒްޔަލްގެ އާއިލާ ތިބީ ކާމޭޒު ކައިރީގައެވެ. މިޒްޔަލްގެ ކައިރީގައި އިނީ މުސްކުޅި އަންހެނެކެވެ. މޭޒުގެ އެއްކޮޅުގައި މެދު އުމުރުގެ ފިރިހެނަކު އިންއިރު، އަނެއްކޮޅުގައި ތިބީ، ހަމަ އެ އުމުރުގެ އަންހެނަކާއި، މިޒްޔަލްއެކޭ ދާދި އެއްފުރައިގެ ޒުވާން ފިރިހެނެކެވެ.

ކާތަކެތީގެ މީރުވަހުން މުޅި ތަން އެއްވަސް ކުރުވާފައިވިއެވެ. ކިތަންމެ ފުރިހަމައަށް މޭޒުމަތި ފަޅުފިލުވާލާފައިވިޔަސް، ތަނުގައި ދިރުމެއް ނެތެވެ. ފެންނަނީ ވީރާނާވަމުންދިޔަ އާއިލާއެއް ގަދަކަމުން އެއްތަންކޮށްފައި ތިއްބައެވެ. ގުޅުމެއް ނެތެވެ. މޭޒުގެ ކޮޅުގައި އިން މިޒްޔަލްގެ ބައްޕަ ސައީދު ކާން ފެށުމާއިއެކު، އެހެން މީހުންވެސް ތައްޓަށް އެއްޗެހި އަޅަން ފެށިއެވެ.

މިޒްޔަލް އިނީ ކާހިތް ނުވެފައެވެ. މޭޒު ކައިރީގައި އޭނާ އިނީ އަދަބެއް ދީފައިވާ މީހަކު ފަދައިންނެވެ. ގެ ކިތަންމެ ސާހީވެފައި ތަނަވަސްވިޔަސް، އެ ގެއިން މިޒްޔަލްއަކަށް އުފަލެއް ނުލިބެއެވެ.

"ދަރިފުޅު ހާދަ އަވަހަކަށް ނިންމާލީ..." މިޒްޔަލް ކައި ނިންމާލި ތަން ފެނުމުން، ކައިރީގައި އިން އޭނާގެ މާމަ ސަރަފިއްޔާ ޝަކުވާކުރިއެވެ. "މީގެ މަސްކޮޅެއް ރަހަބަލާލަބަލަ..."

ސަރަފިއްޔާ މިޒްޔަލްގެ ތައްޓަށް ލައިދިނީ ރީތިކޮށް ކަށި ފިލުވާފައިވާ ފިހުނުމަސްކޮޅެކެވެ. މާމަގެ މޫނަށް މިޒްޔަލް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.

"މާމާ ދޮންބެއަށް ދިން ކަހަލަ މަސްކޮޅެއް އަޅުގަނޑުވެސް ބޭނުން..." މޭޒުގެ އަނެއްކޮޅުގައި އިން ޒަޔާން އޭނާގެ ތަށި ދިއްކޮށްލިއެވެ.

ސަރަފިއްޔާގެ މޫނުން ފެނުނީ ތަފާތު އަސަރެކެވެ. މަސްކޮޅެއް ނަގާފައި ދިނުމުގެ ބަދަލުގައި އޭނާ ދިއްކޮށްލީ މަސް ލާފައިވާ ތައްޓެވެ. ޒަޔާންގެ ދެލޯ ފެންކަޅިވާން އުޅުނު ނަމަވެސް އޭނާ ގަދަކަމުން ހިނިތުންވެލިއެވެ.

ކައި ނިންމާލައިގެން ސައީދު ތެދުވި ތަން ފެނި، އޭނާގެ އަންހެނުން ނާޒިރާ ތެދުވިއެވެ. އެ މޫނުން ހީވަނީ އަލިފާންކަނި ބުރާހެންނެވެ. މިޒްޔަލްއާއި ދިމާއަށް ލޯ އަޅައިގަތްގޮތުން ހީވީ އަލިފާންގަނޑެއްގެ ތެރޭގައި އަންދައިލި ހެންނެވެ. ސައީދުގެ ފަހަތުން ގޮސް ކޮޓަރިއަށް ވަންއިރު، ނާޒިރާ ހުރީ ހަމަ ރަނގަޅަށްވެސް ޒުވާބަކަށް ތައްޔާރުވެގެންނެވެ. އޮފީހަށް ދާން ތައްޔާރުވާން ހުރި ސައީދަށް ޖެހުނީ އޭނާ ކުރަން ހުރި ކަންތައް ބަހައްޓާފައި ނާޒިރާއަށް ސަމާލުކަންދޭށެވެ. ބޮޑުކަމެއް ލައިގެންފިކަން އޭނާއަށް އެނގުނެވެ. ނާޒިރާގެ ރުޅިގަނޑު ދާނެ ހިސާބު އެނގޭތީ، ސައީދު އަބަދުވެސް އިސްކަމެއް ދެނީ ނާޒިރާ ހަމަޖެއްސުމަށެވެ.

"މިގޭގަ އަހަރެމެން ބާކީކޮށްލާފަ ތިބެނީ ކީއްވެތަ؟..." ރޮއެގަންނަމުން ނާޒިރާ ބުންޏެވެ.

"ކާކު ނާޒިރާ ބާކީކުރީ؟... ގައިމު އަހަރެން މިއުޅެނީ ނުލާހިކު ލޯބިން..." ސައީދު ނިކަން ލޯބިން ސަމާސާކޮށްލިއެވެ.

"މަޖަލެއް ނޫނޭ... އަހަރެން މިހުރީ ވަރަށް ހިތުގަ ޖެހިފަ... ސައީދުގެ މަންމަ ދުވަހަކުވެސް އަހަންނަށް ރުހުމުގެ ލޮލުން ބަލާނުލާ... ޒަޔާންވެސް އެއީ މާމަ ދަރިއެއް... އެކަމަކު މިޒްޔަލްދެކެ ލޯބިވާގޮތަށް ޒަޔާންދެކެ ލޯތްބެއް ނުވޭ... އެކުއްޖާ ހަމަ ބާކީކޮށްލާފަ ހުންނަނީ... މިޒްޔަލް އެއީ އަހަރެންގެ ދޮންދަރިއަކަސް، އަހަރެން އޭނަޔާ ޒަޔާން ތަފާތެއް ނުކުރަން..." ނާޒިރާ ޝަކުވާކުރިއެވެ.

"އަހަންނަށް ތިހުރިހާ ކަމެއްވެސް އެނގެޔޭ ނާޒިރާ... އެ އުމުރަށް ދިޔާމަ އުޅޭނީ އެކަހަލަ ގޮތަކަށޭ..." ސައީދު އޭނާގެ ހިޔާލު ފާޅުކުރިއެވެ. "މަންމަ ޒަޔާންދެކެވެސް ލޯބިވޭ..."

"ނުވޭ ލޯތްބެއް... ހުންނަނީވެސް ލޯ އަޅައިގެން... އަޅެ އެކުއްޖާ އެއީ ސައީދުގެ ދަރިއެއް ނޫންތަ؟... އަހަންނަކަށް ކެތެއް ނުވާނެ މިކަހަލަ ކަންކަން ހިނގަންޏަކާ... ސައީދަށް މިކަންކަން ނުހުއްޓުވެންޏާ، އަހަރެން މިގޭން ހިނގައިދާނަން... އަހަރެންގެ ގޭގަ އަހަރެންގެ ދަރިފުޅުދެކެ ލޯބިވާނެ މީހުން ބައިވަރު ތިބޭނެ..." ނާޒިރާ ރުޅި އައިސްގެން ކޮޓަރިން ނުކުތެވެ.

********

ގޯލްޑަންހިޔާ މައި އޮފީހުގެ ތެރެއަށް ވަން ޒަޔާން ހުރީ ރަސްމީ ހެދުމުގައެވެ. ބައްޕަގެ ވިޔަފާރި ނަގާ ކޮޅަށް ޖެހުމުގައި މިޒްޔަލްއެކޭ އެއްވަރަށް ޒަޔާންވެސް އިސްރޯލެއް އަދާކުރެއެވެ. ރެސްޓޯރެންޓަކުން ފެށި ވިޔަފާރި ފުޅާވެ، ސައީދާއި އޭނާގެ ދަރިންގެ މަސައްކަތުން، ގޯލްޑަންހިޔާ ގެސްޓްހައުސްއަކާއި، ޝޮޕިން މޯލެއް ގާއިމުކުރެވުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ޒަޔާން ހުރީ ލިފްޓްގައެވެ. ލިފްޓާއި ދިމާއަށް ދުވެފައި އައި އަންހެން ކުއްޖާ އޭނާއަށް ފެނުނީ، ދޮރު ލެއްޕެނިކޮށެވެ. ޒަޔާން ހުށިޔާރުކަމާއިއެކު ދޮރު ލެއްޕުނަނުދީ ހިފެހެއްޓިއެވެ.

ބިންޔާ ހަލުވިކަމާއިއެކު ލިފްޓްގެ ތެރެއަށް ދެމިގަތެވެ. ލިފްޓުން ޖާގަ ލިބުމުން، އޭނާ ހުރީ ހަމަޖެހިފައެވެ. އަތުގައި އޮތް ފައިލަށް ބަލައިލުމަށްފަހު، ދާންވީ ފަންގިފިލާގެ ނަންބަރަށް ފިތައިލަން އޭނާ އުޅުނެވެ. އެކަމަކު ލިފްޓުގައި ހުރި މީހަކުވެސް ދަނީ އެ ފަންގިފިލާއަށް ކަން އެނގުމުން، އޭނާ ފަސްއެނބުރި އެމީހަކަށް ބަލައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު