މިފަހަރުގެ ވޯލްޑްކަޕުގައި ކުޅޭ އެންމެ ރީތި ކުޅުންތެރިއަކީ ކޮބާ؟

ވޯލްޑްކަޕްގައި ކުޅޭނެ އެންމެ ރީތި ފަސް ކުޅުންތެރިން ---

އަންނަ އާދިއްތަ ދުވަހު ޤަތަރުގައި ފަށާ ވޯލްޑް ކަޕްގައި 32 ގައުމު ވާދަކުރާއިރު މުބާރާތުގައި 832 ކުޅުންތެރިން ފެންނާނެއެވެ.

މިއީ ފުޓްބޯޅައިގެ އީދެއްކަމުން، އެހުރިހާ ކުޅުންތެރިންގެ ތެރެއިން އެންމެ ރީތީ ކޮން ކުޅުންތެރިންތަކެއްތޯ ބަލައި އެ ކުޅުންތެރިންނަށް ސަޕޯޓުކުރާ މީހުންވެސް މަދެއް ނޫނެވެ. މިކަމުގައި ގިނައީ ފިރިހެނުންނަށްވުރެ، ފުޓުބޯޅަ ފޭންސްގެ ގޮތުގައި ތިބި އަންހެން ކަނބަލުންނެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން އެންމެ ރީތި ކުޅުންތެރިން ފާހަގަކުރުމަށް 'ރޭންކާ' އިން ވަނީ ދިރާސާއެއް ކޮށްފައެވެ.

'ރޭންކާ' ގެ ދިރާސާގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކުގެ ދިރާސާތަކަށް ރިއާޔަތްކޮށް، މިފަހަރު މި ބަލާލަނީ ފީފާ ވޯލްޑް ކަޕް 2022 ގައި ފެނިގެންދާނެ ކަމަށް ބުނާ އެންމެ ރީތި ފަސް ކުޅުންތެރިންނަށެވެ.

މާކޯ އެސެންސިއޯ

މާކޯ އެސެއިންސިއޯ --- ފޮޓޯ/ މާކާ

ލިސްޓުގެ އެއްވަނަ ހޯދާފައިވަނީ 1996 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ސްޕެއިން އަށް އުފަންވި މާކޯ އެސެންސިއޯ އެވެ.

އުމުރުން 26 އަހަރުގެ އެސެންސިއޯ އަކީ ފުޓުބޯޅައިގެ ދުނިޔޭގައި ފަނޑު ނަމެއް ނޫނެވެ.

ފުޓުބޯޅަ ކުޅުމުގެ ވައްޓަފާޅި އާއި، ބޯޅަ ގެންގުޅުމުގެ ފަރިތަކަން އެއީ އެސެންސިއޯގެ "ސްޕެޝާލިޓީ" އަށްވާއިރު، އޭނާ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ރެއާލް މެޑްރިޑާއި ސްޕެއިންގެ ގައުމީ ޓީމަށް ސްޓްރައިކަރެއް އަދި އެޓޭކިން މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެމުން އަންނަ ހަލުވި ކުޅުންތެރިއެކެވެ.

ސްޕެއިންގެ މަޔޯކާއިން 2013 ވަނަ އަހަރު ސީނިއާ ކެރިއަރުފެށި އެސެންސިއޯ، ވަރުގަދަ ރެއާލް މެޑްރިޑަށް ސޮއިކުރީ 2014 ވަނަ އަހަރުއެވެ.

އެހެންނަމަވެސް ރެއާލްގެ އެއްބަސްވުމުގައި ސޮއިކުރިފަހުން ފުރަތަމަ ދެއަހަރު އެސެންސިއޯ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މަޔޯކާ އާއި އެސްޕަނިޔޯލް އަށް ކުޅެފައެވެ.

ރެއާލްގެ ޖާޒީގައި ވާދަވެރި މެޗެއްގައި އެސެންސިއޯ އެންމެފުރަތަމަ މެޗެއް ކުޅެފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހު، ޔުއެފާ ސުޕާ ކަޕުގައި ރެއާލް އިން ސެވިއާގެ މައްޗަށް 2-3 އިން ކުރިހޯދި މެޗުގައެވެ. އެމެޗުގައި އެސެންސިއޯ ވަނީ ގޯލާއި 25 މީޓަރު ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ރެއާލްގެ ޖާޒީގައި ފުރަތަމަ ރަސްމީ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ރެއާލް އާއިއެކު އެސެންސިއޯ ވަނީ ތިން ޗެމްޕިއަންސް ލީގާއި ތިން ލަލީގާ ކާމިޔާބުކޮށްފައެވެ. ސްޕެއިންގެ ސީނިއާ ގައުމީ ޓީމަށް އެސެންސިއޯ އެންމެފުރަތަމަ މެޗެއް ކުޅެފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ އެކުވެރިކަމުގެ މެޗެއްގައި ބޮސްނިއާ އެންޑް ހާޓްޒަގަވީނާ އާއި ދެކޮޅަށްކުޅެ 1-3 އިން ސްޕެއިން މޮޅުވި މެޗުގައެވެ.

ވާދަވެރި މެޗެއްގައި އެސެންސިއޯ އެންމެ ފުރަތަމަ ގައުމީ ޖާޒީގައި ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި، އެ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު މުބާރާތުގައި ސްޕެއިން އިން 0-1 އިން އީރާންގެ މައްޗަށް ކުރިހޯދި މެޗުގައެވެ. އެ މެޗުގައި އެސެންސިއޯ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ފުޓުބޯޅައިގެ ތެރެއިން އެތައް ބައެއްގެ ލޯތްބާއި ރުހުން ހޯދާފައިވާ އެސެންސިއޯ އަކީ މިފަހަރުގެ ވޯލްޑްކަޕްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން "ބުރުސޫރަ" އެންމެ ރިވެތިވެފައި ބަލައިލަން އެންމެ ހިތްގައިމު ކުޅުންތެރިޔާ ކަމަށް ގިނަބަޔަކު ދެކޭކަމަށް މިކަމަށްޓަކައި ހަދާފައިވާ ސާވޭތަކުން ދައްކައެވެ.

ޚާއްސަކޮށް އަންހެން ސަޕޯޓަރުންގެ މެދުގައި އެސެންސިއޯއަކީ ވަރަށް މަގުބޫލު ކުޅުންތެރިޔެކެވެ.

މާކޮސް ލޮރެންޓޭ

މާކޮސް ލޮރެންޓޭ --- ފޮޓޯ/ މާކާ

ލިސްޓުގެ ދެވަނައިންވެސް ޖާގަ ހޯދާފައިވަނީ ސްޕެއިން އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

1995 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އުފަންވި މާކޮސް ލޮރެންޓޭ މޮރޭނޯ އަކީ ލަލީގާގެ، އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމަށް މިޑްފީލްޑަރު އަދި ފުލް ބެކެއްގެ ގޮތުގައި ކުޅޭ ކުޅުންތެރިއެކެވެ.

"އެތުލެޓިކް" ހަށިގަނޑަކާއި، ފިޓު ކަމުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ލޮރެންޓޭ އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ސަޕޯޓު ލިބެމުންނެވެ.

ރީތިކަމުގެ އިތުރުން ފުޓުބޯޅަކުޅުމުގައި އޭނާ ދައްކާލާ ހުނަރުތަކުގެ ސަބަބުންވެސް އެތައް ބައެއްގެ ހިތްތައް އޭނާ ވަނީ ފަތަހަ ކޮށްފައެވެ.

ލޮރެންޓޭ ސީނިއާ ކެރިއަރު ފެށީ 2014 ވަނަ އަހަރު ރެއާލް މެޑްރިޑުންނެވެ. އޭނާ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވަނީ 2019 ވަނަ އަހަރުއެވެ.

ލޮރެންޓޭ ސްޕެއިންގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށީ، 2020 ވަނަ އަހަރުއެވެ.

ފަބިއަން ޝާ

ފަބިއަން ޝާ --- ފޮޓޯ/ މާކާ

1991 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އުފަންވި ސްވިޒަލެންޑްއަށް ނިސްބަތްވާ ފެބިއަން ލޫކަސް ޝާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ނިއުކާސަލް ޔުނައިޓެޑާއި ސްވިޒަލޭންޑްގެ ގައުމީ ޓީމުގެ ސެންޓަ ބެކެއްގެ ގޮތުގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ޝާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. އޭނާ ނިއުކާސަލްއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އަދި ޝާ ސްވިޒަލެންޑު ގައުމީ ޓީމަށް ކުޅެންފެށީ 2013 ވަނަ އަހަރުއެވެ.

އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 72 މެޗު ކުޅެދީފައެވެ. މިއަހަރުގެ ވޯލްޑްކަޕްގައިވެސް އޭނޭގެ މޮޅު ކުޅުން ފެންނާނެކަމަށް ގިނަބަޔަކު އުންމީދުކުރެއެވެ

ދަނޑުމަތީގައި އޭނާ ދައްކާލާ މޮޅު ކުޅުމުގެ އިތުރުން އޭނާ އަކީ ބަލާލަންވެސް ހިތްގައިމު ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އޮލިވިއާ ޖިރޫ

އޮލީވިއާ ޖިރޫ --- ފޮޓޯ/ މާކާ

ލިސްޓުގެ ހަތަރު ވަނައިން ޖާގަ ހޯދާފައިވަނީ ފްރާންސަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އުފަންވި ފްރާންސްގެ އޮލިވިއާ ޖޮނަތަން ޖިރޫއަކީ އިޓަލީގެ އޭސީ މިލާނާއި ފްރާންސްގެ ގައުމީ ޓީމަށް ފޯވާޑެއްގެ ގޮތުގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

އޭނާގެ ވޯކް ރޭޓާއި ޝޮޓް ޕަވާ އަދި ހަމަޖެހިގެން ގޯލް ޖެހުމުގެ ގާބިލުކަމަށް ގިނަ ބައެއްގެ ތައުރީފު އޮހެމުންދާއިރު އެއީ ދުނިޔޭގައި ހުރި އެންމެ "އަންޑަރޭޓެޑް" ސްޓްރައިކަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ލިސްޓުގައި ހިމެނޭ އެހެން ކުޅުންތެރިންނެކޭ ވެސް އެއްފަދައިން ޖިރޫގެ ރީތި ކަމުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ދަނީ ލިބެމުންނެވެ. ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ރީތި ކުޅުންތެރިންގެ ލިސްޓެއް ހަދާކަމުގައި ވަނީނަމަ ޖިރޫ އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެއެވެ. ޚާއްސަކޮށް، އަންހެން ކުދިންގެ މެދުގައި ޖިރޫޑަކީ ވަރަށްވެސް މަގުބޫލު ތަރިއެކެވެ.

ސޮން ހުއަންގް-މިން

ސޮން ހުއަންގް-މިން ---- ފޮޓޯ/

ސައުތު ކޮރެއާއަށް ނިސްބަތްވާ ސޮން ހުއަންގް-މިން އަކީ ޕްރިމިއާ ލީގުގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާގައި ފޯވާޑެއްގެ ގޮތުގައި ކުޅޭ އަދި ސައުތް ކޮރެއާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާ ކުޅުންތެރިއާއެވެ.

1992 ވަނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހު އުފަންވި ސޮން އަކީ އޭޝިއާގެ އެންމެ ރީތި ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ވޯލްޑްކަޕް "ރީތީ"ގެ ލިސްޓުގެ ފަސް ވަނައިން ޖާގަ ހޯދާފައިވާ ސޮން ޓޮޓެންހަމަށް ސޮއިކުރީ 22 މިލިއަން ޕައުންޑަށެވެ. ސޮން އަކީ ޕްރިމިއާ ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި އޭޝިއާ އަށް ނިސްބަގްވާ ކުޅުންތެރިޔާއެވެ.

ސޮން ވަނީ 2014 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސައުތް ކޮރެއާ ތަމްސީލުކޮށްފައެވެ. އަދި 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ކޮރެއާ ތަމްސީލުކޮށް، އެ ޓީމުން ރަން މެޑަލް ހޯދި އިރު، އޭއެފްސީ އޭޝިއަން ކަޕްގެ 2011، 2015 އަދި 2019 ވަނަ އަހަރުގެ ރަނަރަޕްކަން ވެސް ހޯދައިފައިވެއެވެ.

ކޮންމެއަކަސް މިއީ މުބާރާތުގައި ފެނިގެންދާނެ ރީތި ކުޅުންތެރިންގެ "ޓޮޕް 5" އެވެ. އެހެންނަމަވެސް މިއީ "ރީތީގެ ރާޖާ" ހޮވަން ބާއްވާ މުބާރާތެއް ކަމުގައި ނުވުމުން، ގިނަބަޔަކު ދެކެން ބޭނުންވާނީ، ގައުމީ ޓިމަށް ކާމިޔާބީ ހޯދައިދެން ގައުމީ ޖޯޝުގައި ކުޅޭ، ހުނަރުވެރި ޤާބިލް ކުޅުންތެރިންތަކެވެ.

comment ކޮމެންޓް