ރަޝިއާ، 100 އަށްވުރެ ގިނަ މިސައިލުން ޔުކްރެއިންގެ ބޮޑެތި ސިޓީތަކަށް ހަމަލާދީފި

ރަޝިއާއިން ވަނީ ޔުކްރެއިންގެ ވެރިރަށް ކިޔޭވް އަށާއި އެނޫންވެސް އެގައުމުގެ ސިޓީތަކަށް ވަރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފަ --

ކިޔޭވް (16 ނޮވެމްބަރު 2022): ރަޝިއާއިން ޔުކްރެއިންގެ ވެރިރަށް ކިޔޭވް އަށާއި އެނޫންވެސް އެގައުމުގެ ސިޓީތަކަށް ވަރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

ޔުކްރެއިން ބުނާގޮތުން ރޭ ރަޝިއާވަނީ ޔުކްރެއިންގެ ސިޓީތަކަށް 100އަށް ވުރެ ގިނަ މިސައިލް ހަމަލާތައް ދީފައެވެ. މި މިސައިލްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކަރަންޓާއި ހަކަތައިގެ މަރުކަޒުތަކަށެވެ. ރަޝިއާގެ ވަރުގަދަ ހަމަލާތަކަށްފަހު ކިޔޭވްގެ ބޮޑު ބަޔަކުންނާއި ޔުކްރެއިންގެ އެނޫންވެސް އެތައް ސަރަހައްދަކުން ވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. ރޭލާއި ދަތުރުފަތުރުގެ އެހެން ޚިދުމަތްތައްވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޔުކްރެއިން ބުނާގޮތުން ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ހަ މިލިއަން ވަރަކަށް މީހުން ވަނީ ކަރަންޓުގެ ޚިދުމަތުން މަހުރޫމްވެފައެވެ. ރަޝިއާގެ ހަމަލާތަކަށްފަހު ޔުކްރެއިންގެ ގާތްގަނޑަކަށް މިލިއަނެއްހާ އިމާރާތުން ކަރަންޓް ކެނޑިފައިވާކަމަށް ޔުކްރެއިންގެ މަސްއޫލުވެރިން އަންދާޒާ ކުރައްވައެވެ.

ރަޝިއާގެ މިހާވަރުގަދަ ހަމަލާތަކެއް ޔުކްރެއިންއަށް އަމާޒުކުރީ ޔުކްރެއިންގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަޝިއާގެ ޓައުންއެއްކަމަށްވާ ބެލްގޯރޯޑް އަށް ޔުކްރެއިންގެ ސިފައިން ދިން ހަމަލާތަކެއްގައި ރަޝިއާގެ ދެމީހުން މަރުވުމާ ގުޅިގެންނެވެ. ރަޝިއާއަކީ އެގައުމުގެ ސަރަހައްދަކަށް ޔުކްރެއިން އިން ހަމަލާދޭނަމަ އޭގެ ރައްދު ވަރަށް ހަރުކަށިކޮށްދޭ ގައުމެކެވެ.

މީގެ މަހެއްހާ ދުވަސްކުރިން ރަޝިއާގެ ކޭޗް ބްރިޖްއަށް ޔުކްރެއިން އިން ހަމަލާދީ އެ ބްރިޖްގެ ބައެއް ހަލާކުކޮށްލުމުންވެސް ރަޝިއާވަނީ ވަރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ޔުކްރެއިންއަށް ދީފައެވެ. ގާތްގަނޑަކަށް 50 ވަރަކަށް މިސައިލުން ދިން އެ ހަމަލާތައްވެސް މައިގަނޑު ގޮތެއްގައި އަމާޒުކުރީ ޔުކްރެއިންގެ އިންފްރާސްޓްރަކްޗާއަށެވެ. ޚާއްސަކޮށް ތެލާއި ގޭހާއި ކަރަންޓްގެ މަރުކަޒު ތަކަށެވެ. މީގެއިތުރުން ޔުކްރެއިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށެވެ.

ޔުކްރެއިންގެ ތެލާއި ގޭހާއި ކަރަންޓްގެ މަރުކަޒުތަކަށް ރަޝިއާގެ ހަމަލާތައް އަމާޒުކުރާ މައިގަނޑު ސަބަބަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔުކްރެއިންއަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ހުރަސްއެޅުންކަމަށް ވަނީ ބެލެވިފައެވެ. މި ހަތިޔާރުތައް ޔުކްރެއިންއަށް އެތެރެކުރަނީ ރޭލުތަކާއި އެނޫންވެސް ބޮޑެތި އުޅަނދުތަކުގައެވެ. ރޭލާއި އެފަދަ އެހެން އުޅަނދުތަކަކީ ހަކަތައިން ދަތުރުކުރާ ތަކެއްޗެވެ. ނޭޓޯގެ ހަތިޔާރުތަކަށް ހުރަސްއެޅޭނީ ޔުކްރެއިންގެ ހަކަތައިގެ ދާއިރާ ހަލާކުކޮށްލައިގެންކަމަށް ރަޝިއާ ދެކެއެވެ.

ރަޝިއާ ހިފާފައިވާ ޔޫކްރެއިނުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޚަރްސަން ސިޓީންނާއި ޚަރްސަންގެ ބޮޑު ސަރަހައްދަކުން މިދިޔަ ހަފުތާގައި ރަޝިޔާ ސިފައިން ވަނީ ފައިބައިފައެވެ. އެއީ ޔުކްރެއިންގެ ހަމަލާތައް ވަރުގަދަކަމުން ޑެނިބްރޯ ކޯރު ހުރަސްކޮށް ރަޝިޔާގެ ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކްސް ގެންދަން ދަތިކަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ ސިފައިން ފޭބީ ޚަރްސަން ސިޓީގައިވާ ދިނިބްރޯ ކޯރުގެ ކަނާތުފަޅީގައިވާ ސަރަހައްދުތަކުން އެކަންޏެވެ. އެތަނުން ފޭބި ރަޝިއާ ސިފައިން މަރުކަޒުކޮށްފައިވަނީ ދިނިބްރޯ ކޯރުގެ ވާތުފަޅީގައެވެ. މިތަނުން ފޭބިނަމަވެސް ޚަރްސަން ސަރަހައްދުގެ ބިމުގެ 70 އިންސައްތަ އަދިވެސް އޮތީ ރަޝިއާ ސިފައިންގެ އަތްދަށުގައެވެ.

ޔޫކްރެއިން އިންވަނީ ރަޝިއާގެ ސިފައިން ފޭބުމަކީ އެގައުމަށް ލިބުނު ބޮޑު ކާމިޔާބެއްކަމަށް ސިފަކޮށް އެކަމަށްޓަކައި އުފާފާޅުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އަދި ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުންވެސްވަނީ މިއީ ރަޝިއާއަށް ކުރިމަތިވި ވަރަށްބޮޑު ނާކާމިޔާބީއެއްކަމަށް ސިފަކޮށްފައެވެ. ނަމަވެސް ގިނަ މުހައްލިލުން ދެކޭގޮތުގައި ރަޝިއާގެ މިފޭބުމަކީ ހަނގުރާމައިގެ އުކުޅެކެވެ. މި އުކުޅުގެ ބޭނުމަކީ ޚަރްސަންގައިވާ ރަޝިއާގެ ދިފާއުތައް ވަރުގަދަކޮށް ޔޫކްރެއިން ސިފައިންނަށް ފަސޭހައިން ހަމަލާދެވޭނެ މަގުތަކެއް ތަނަވަސްކުރުމެވެ.

ރަޝިއާއިން ޔުކްރެއިންގެ ވެރިރަށް ކިޔޭވްއަށާއި އެނޫންވެސް އެގައުމުގެ ސިޓީތަކަށް ރޭ ދިން ވަރުގަދަ މިސައިލް ހަމަލާތަކުގެ އެއްބޭނުމަކީ ސުލްހައިގެ ވާހަކަތައް ފެށުމުގައި ޔުކްރެއިންގެ ރައީސް ޒެލެންސްކީ މިހާރު ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ބަދަލުކުރަން އޭނާއަށް މަޖްބޫރު ކުރުވުންކަމަށްވެސް ބައެއް މުހައްލިލުން ސިފަކުރައްވައެވެ. އެއީ ހަކަތައިގެ މަރުކަޒުތައް ހަލާކުކޮށްލައިފިނަމަ ޔުކްރެއިން އަސްކަރީގޮތުން ބަލިކަށިވެ ގޮތްދޫކުރަން ޔުކްރެއިންއަށް މަޖުބޫރުވާނެކަމަށް ރަޝިއާ ދެކޭތީއެވެ.

ރޭ ރަޝިއާއިން ޔުކްރެއިންއަށް ދިން މިސައިލް ހަމަލާތަކާއެކު ރަޝިއާގެ ދެމިސައިލެއް ޕޮލެންޑާއި ޔޫކްރޭން ވަކިކުރާ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ޕޮލެންޑްގެ އަވަށަކަށް ވެއްޓި ދެމީހަކު މަރުވެފައިވާ ކަމަށް ޕޮލެންޑުން ބުނެފައިވެއެވެ. ރަޝިއާ ބުނެފައިވާގޮތުގައި ރަޝިއާގެ އެއްވެސް ހަމަލާއެއް ޕޮލެންޑަށް އަރައިފައެއް ނުވާނެއެވެ. ނަމަވެސް ޕޮލެންޑަކީ ނޭޓޯގެ މެންބަރު ގައުމެއްކަމުން ޕޮލެންޑަށްއެރި މިހަމަލާއާއެކު ޔޫކްރޭން ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.

comment ކޮމެންޓް