ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް ފަށައިފި

ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

ތުރުކީގެ އަކްސަރީ ޔުނިވާސިޓީން އިންތިޒާމްކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިލެކްޓްރޯނިކް، ކޮމްޕިއުޓާ، ކޮމިއުނިކޭޝަންސް އެންޑް މެކެޓްރޮނިކްސް އިންޖިނިއަރިން (އައިސީއީސީސީއެމްއީ) މިއަދު ފަށައިފިއެވެ.

މިއީ އޭގެ ދެވަނަ ކޮންފަރެންސްއެވެ. އައިސީއީސީސީއެމްއީ ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ވަނީ ބާއްވާފައެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަފްވެރިކޮށްދެއްވީ ފެނަކައިގެ ޗެއާޕާސަން މުހައްމަދު ރަޝީދެވެ.

ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި އެފަދަ ކޮންފަރެންސްތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ މި އަހަރުގެ އައިސީއީސީސީއެމް ކޮންފަރެންސް ގައި މުހިއްމު މައުލޫމާތުތަކެއް ހިއްސާ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މި ކޮންފަރެންސް އަކީ ދެ ފަރާތަށް ވެސް މުހިއްމު ކޮންފަރެންސްއެއް. މުހިއްމު މައުލޫމާތުތަކެއް ބައްދަލުކުރެވި ކަމާ ގުޅޭ ދާއިރާތަކުން ޚިޔާލުތައް ބަދަލުކުރެވިގެންދާނެ. އުއްމީދުކުރަނީ ކާމިޔާބު ކޮންފަރެންސްއަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

މިއަދު ފެށި އެ ކޮންފަރެންސް އަކީ އެމްއެންޔޫ އާއި ޔުނިވާސިޓި އޮފް މޮރިޝަސްއާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. އެ ކޮންފަރެންސް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެމްއެންޔޫގައެވެ.

މި އަހަރުގެ ކޮންފަރެންސްގައި ދާއިރާގެ ތަޖުރިބާކާރުންނާއި، ތައުލީމީ ބޭފުޅުންނާއި އަދި އިންޖިނިއަރުން އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަން އަދި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ މައުލޫމާތާއި ޚިޔާލު ހިއްސާކުރާނެއެވެ.

ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ ކޮމްޕްރިހެންސިވް ޓެކްނިކަލް ޕްރޮގްރާމުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ އާއި އެޕްލިކޭޝަންތައް ދައްކުވައިދޭ ރިސާޗް ޕޭޕަރުތަކާއެކު ޓެކްނިކަލް ސެޝަންތަކެއް ވެސް ކުރިއަށް ދާނެއެވެ.

ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެންޔޫ

މި އަހަރުގެ ކޮންފަރެންސްގައި ގާތްގަނޑަކަށް 400 ރިސާޗް ޕޭޕަރު ހުށަހަޅާނެއެވެ. އޭގެތެރެއިން 165 ޕޭޕަރު ހުށަހަޅާނީ އޮންލައިންކޮށެވެ.

އެ ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށެވެ.

އެމްއެންޔޫއިން ބުނީ ގާތްގަނޑަކަށް 250 ބައިވެރިން ފޭސް ޓު ފޭސް ސެޝަންތަކަށް އެ ޔުނިވާސިޓީއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް