އިންޑިއާގައި ވަޓްސްއެޕާ ހަވާލުވެ ހުންނަ އިސް ވެރިޔާ އިސްތިއުފާދީފި

އިންޑިއާގައި ވަޓްސްއެޕް ހިންގުމުގައި އިސްކޮށް ހުރި އަބީޖީބު ބޯސޭ ވަނީ މަގާމުން އިސްތިއުފާ ދީފަ --

އިންޑިއާގައި ވަޓްސްއެޕް ހިންގުމުގައި އިސްކޮށް ހުރި އަބީޖީބު ބޯސޭ މަގާމުން އިސްތިއުފާ ދީފިއެވެ.

ބޯސޭ އިސްތިއުފާ ދިނީ، ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި މެޓާއިން އިންޑިއާއަށް ހަމަޖައްސާފައި ހުންނަ ޕަބްލިކް ޕޮލިސީ ޑިރެކްޓަރު ރާޖީވް އަގްގަރްވާލް ވެސް އިސްތިއުފާ ދިން ދަނޑިވަޅުގައެވެ.

އެ ދެ މީހުންގެ އިތުރުން، މެޓާ އިންޑިއާގެ ހެޑް އަޖިތު މޯހަން ވެސް ވަނީ ދާދި ފަހުން އިސްތިއުފާ ދީފައެވެ. އެއަށް ފަހު އޭނާ ގުޅިފައި ވަނީ މެޓާއާ ވާދަވެރި ކުންފުންޏެއް ކަމަށްވާ ސްނެޕްއާއެވެ.

މިއީ މެޓާގެ ޒިންމާދާރު އިސް މަގާމުތަކެއްގައި ތިބީ މީހުން ކަމަށްވާއިރު، އެމީހުން އިސްތިއުފާ ދިން ސަބަބެއް އަދި ހާމަކޮށްފައިނުވެއެވެ. ނަމަވެސް މެޓާގެ ތަރުޖަމާނަކު ވަނީ އެމީހުންގެ އިސްތިއުފާއާ، މެޓާއިން ދާދި ފަހުން ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.

ބޯސޭ އިސްތިއުފާ ދިނުމާ ގުޅިގެން ވަޓްސްއެޕްގެ ހެޑް ވިލް ކެތްކާޓް ވަނީ އޭނާގެ ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ބޯސޭ ވަނީ އެތައް މިލިއަން މީހުންނާއި ވިޔަފާރިއަށް ފައިދާވާ ފަދަ ޚިދުމަތްތައް ފޯރުކޮށްދޭން ވަޓްސްއެޕަށް އެހީތެރިވެދީފައި ކަމަށް ކެތުކާޓް ބުންޏެވެ.

އިންޑިއާގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ޓެކް ކުންފުނިތަކާ ގުޅުން ހުރި ގާނޫނުތައް ހަރުކަށި ކުރަމުން ދިޔުމުން މެޓާ ފަދަ ކުންފުނިތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ވަޓްސްއެޕްއިން ދަނީ އެ ކުންފުނީގެ ޕޭމެންޓް ޚިދުމަތް ހަރުދަނާކޮށް، އެ ދާއިރާގައި އަލްފާބެޓް އިންކްގެ ގޫގުލް ޕޭ ފަދަ ޚިދުމަތްތަކާ ވާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑިއާގައި ވަޓްސްއެޕްގެ ޕޭމެންޓް ވިޔަފާރި ބަލަހައްޓަން ހަމަޖައްސާފައި ހުރި މަނޭޝް މަހާތުމޭ ވެސް ވަނީ މީގެ ދެތިން މަސް ކުރިން އިސްތިއުފާ ދީފައެވެ.

މެޓާގެ އިސް މަގާމުތަކުގައި ތިބި މީހުން އަމިއްލައަށް އިސްތިއުފާ ދެމުންދާއިރު، މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ އެ ކުންފުނީގެ 11،000 މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައެވެ.

comment ކޮމެންޓް