ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް، ދެން އެންމެ އާބާދީ ބޮޑު ގައުމަކަށް ވާނީ އިންޑިއާ

ދުނިޔޭގެ އާބާދީ މިއަދު އަށް ބިލިއަނަށް އަރާފައިވާ ކަމަށް އދ.އިން އަންދާޒާކޮށްފިއެވެ.

ދުނިޔޭގެ އާބާދީ ހަތް ބިލިއަނަށް އެރީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއަށް ފަހު، ފާއިތުވި އަހަރުތަކުގައި އާބާދީއަށް އެއް ބިލިއަން އިތުރުވެފައި ވަނީ އާންމު ސިއްހަތާއި، ސާފުތާހިރުކަމާއި، ކެއިންބުއިމުގެ އާދަތަކަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން މީހުންގެ އުމުރު ދިގުވެފައިވާތީ ކަމަށް އދ.އިން ބުންޏެވެ.

ފާއިތުވި 11 އަހަރު ތެރޭގައި އާބާދީ އެންމެ ބޮޑަށް އިތުރުވެފައި ވަނީ މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކުގައެވެ. އެގޮތުން 2011އިގެ ފަހުން އެގައުމުތަކަށް 700 މިލިއަން މީހުން އިތުރުވެފައިވެއެވެ. އޭގެ ތެރެއިން 180 މިލިއަން މީހުން ނިސްބަތް ވަނީ އިންޑިއާއަށް ކަމަށްވާ އިރު، އަންނަ އަހަރު ޗައިނާ ފަހަތަށް ޖައްސާލައި، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ މަގާމު އިންޑިއާއިން ހޯދާނެ ކަމަށް އދ.އިން ބުންޏެވެ.

އިންޑިއާގެ އާބާދީ މިހާރު 1.39 ބިލިއަނަށް އަރާއިރު ޗައިނާގެ އާބާދީއަކީ 1.41 ބިލިއަނެވެ.

އިންޑިއާގެ އިތުރުން، ބާރު ދުވެލީގައި އާބާދީ އިތުރުވަމުންދާ އެހެން ގައުމުތަކުގެ ތެރޭގައި މިސްރާއި ޕާކިސްތާނާއި ފިލިޕީންސް ހިމެނެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ މިހާރު ޗައިނާ --- ފޮޓޯ/ އޭޕީ

ދުނިޔޭގެ އާބާދީ އިތުރުވި ނަމަވެސް، އާބާދީ އިތުރުވާ މިންވަރު ދަނީ ދަށްވަމުންނެވެ. އެހެންކަމުން އދ.އިން ލަފާ ކުރާ ގޮތުގައި އާބާދީ ނުވަ ބިލިއަނަށް އަރަން 15 ވަރަކަށް އަހަރު ނަގާނެއެވެ. އަދި 2080ގެ އަހަރުތަކުގައި އާބާދީ 10.4 ބިލިއަނަށް އެރުމަށް ފަހު، 2100އާ ޖެހެންދެން އެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް އދ.އިން އަންދާޒާކުރެއެވެ.

މީގެ އިތުރުން، 2080ގެ ކުރިން އާބާދީއަށް އިތުރުވާ 2.4 ބިލިއަން މީހުންގެ ތެރެއިން ގިނަ މީހުން އުފަން ވާނީ އެފްރިކާގެ ގައުމުތަކަށް ކަމަށް ވެސް އދ.އިން ވަނީ ލަފާކޮށްފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވީ މި މުނާސަބަތުގައި މުޖުތަމައުގެ ކުރިއެރުންތައް ފާހަގަކުރުމުގެ އިތުރުން އިންސާނުން ދުނިޔެއަށް އަދާ ކުރަން ޖެހޭ ޒިންމާއާ މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އާބާދީ އިތުރުވުމަކީ ކާބޯތަކެއްޗާއި ދިރިއުޅޭނެ ޖާގައަށް އޮތް ވާދަވެރިކަން އިތުރުވެ، މީހުންނާއި އެހެން ދިރުންތަކަށް ވެސް އޭގެ އަސަރު ފޯރާނެ ކަމެކެވެ. ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، އާބާދީ އިތުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ހެދި ގިނަ އަދަދެއްގެ މީހުންނަށް ހިޖުރަ ކުރަން މަޖުބޫރުވެ، ހަނގުރާމައާއި ހަމަނުޖެހުންތައް އުފެދޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

comment ކޮމެންޓް