މަޖިލިސް ނިންމާލައިފި، ޓެކްސް ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހައި، މިއަދުގެ މަޖިލީހުގެ ޖަލްސާ ވެސް ނިންމާލައިފިއެވެ.

ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް ކަމަށް ބުނެ، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

ބިލު ދިރާސާކުރުމަށް ފަހު މަޖިލީހުން ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެެނެސް ފާސްކުރުމަށެވެ. އެގޮތުން މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް އިއްޔެގެ ޖަލްސާގައި ވެސް ތާވަލް ކޮށްފައިވެއެވެ. ނަަމަވެސް އިއްޔެ ވެސް އެ ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލީ ގަވާއިދާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

އިއްޔެގެ ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ޓެކްސް ބިލަށް ވޯޓަށް އަހަން ބޭނުންވާ ވަރަށް މަޖިލީހުގައި ކޯރަމް ނެތް ކަމަށް ވިދާޅުވެ ވޯޓަށް އެހުމަކާ ނުލައި ޖަލްސާ ނިންމަވާލައްވާފައެވެ.

އެއަށްފަހު ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަކުރައްވާފައެވެ. ކަން ހިނގާ ދިޔަ ގޮތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެމްބަރު އަސްލަމް އިއްޔެ "ސަން"އަށް ވިދާޅުވީ، ކޮމިޓީ ރިޕޯޓް ނިމިފައި ވާތާ ދެ ތިން ދުވަސް ވެފައިވާ ކަމަށާއި، އިއްޔެ އަމަލުކޮށްފައި ވަނީ އާންމުކޮށް ކަން ކުރައްވާ އުސޫލުގެ ދަށުން ނޫން ކަމަށެވެ.

https://sun.mv/170388

އެގޮތުން، އާންމު ގޮތެއްގައި ވޯޓަށް އައްސަވާއިރު ކޯރަމް ނެތް ނަމަ ބެލް ޖެއްސެވުމަށް ފަހު ފަސް މިނެޓް މަޑުކުރައްވާ ކަމަށާއި، ނަމަވެސް އިއްޔެ ޖަލްސާ ނިންމަވާލެއްވީ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވާ، ރިޔާސަތުގައި އިންނަވާ، ރައީސް ނަޝީދު މިއަދު ވިދާޅުވީ އިއްޔެގެ ޖަލްސާ ނިމުނު ގޮތާ ގުޅޭ ގޮތުން ބައެއް މެމްބަރުންނަށް އޮޅުން އަރާފައިވާ ކަމަށެވެ.

"މަޖިލީހުގެ ޖަލްސާ ނިންމަން، މަޖިލީހުގެ ގަވާއިދުގައި އޮތީ އެންމެ ގޮތެއް. އެއީ 'މަޖިލިސް ނިމުނީ' [ކަމަށް ރިޔާސަތުން ބުނުން]. މަޖިލީހުގެ ބަހުސް ނިމުމަށްފަހު ވޯޓަށް އެހުމަށް، ތިންވަނަ ކިޔުން ކިޔާނެ،"

ރައީސް ނަޝީދު ވިދާޅުވީ އިއްޔެގެ ޖަލްސާގައި ވޯޓަށް އެހުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވަނީ އެ ރިޕޯޓުގެ ތިން ވަނަ ކިޔުން ނުކިޔާތީ ކަމަށެވެ. އަދި ކުރެވުނީ ހަމައެކަނި ބަހުސްގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވުމާއެކު މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީ ގަވާއިދާ ޚިލާފަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/169308

މިއަދުގެ ޖަލްސާގައި ވެސް ކޮމިޓީ ރިޕޯޓަށް ބަހުސް ކުރަން އެޖެންޑާގައި ވަނީ ހިމަނާފައެވެ. އަދި އެ ރިޕޯޓަށް މެމްބަރުން ބަހުސް ވެސް ކުރެއްވިއެވެ. ނަމަވެސް މިއަދު ވެސް އެ ކޮމިޓީ ރިޕޯޓުގެ ތިން ވަނަ ކިޔުން އިއްވާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނަވާ، ވޯޓުގެ ވަގުތުގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވަނީ އެދުވަހަކަށް ނިމިފައިވާ މަސައްކަތްތަކަށް ވޯޓަށް އެހުމަށް ކަމަށެވެ.

"މިހާރު ނިމިފައިވާ މަސައްކަތަކީ ޗާގޯސް ރަށްތަކުގެ ގަރާރުގެ މަސައްކަތް. އެހެންވީމާ ވޯޓަށް އެހެން އޮތީ އެ ގަރާރަށް. އަޅުގަނޑު ދެކިހުރީ ޓެކްސް ބިލުގެ ރިޕޯޓަށް ވެސް ބަހުސް ކޮށް ނިންމަވާނެ ކަމަށް. އެހެން ނަމަވެސް އެހެން ނޫން އެކަން ހިނގާފަ މިވަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމާ ގިނަ ބަޔަކު އަންނަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތަކަށާއި އެހެންކަންކަމަށް ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމަށް ފާޑުކިޔާ ފަރާތްތަކުން ގޮވާލައެވެ.

އެގޮތުން އިއްޔެވެސް އަދި މިއަދުވެސް، އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލިސް ސަރަހައްދަށް އެއްވެ، އެ ބިލު ފާސްކުރުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އިއްޔެގެ އެ އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ތިން މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

comment ކޮމެންޓް