ރާއްޖެ އެތެރެކުރި އާ ބާވަތެއްގެ މަސްތުވާއެއްޗެއް އަތުލައިގެންފި

އަތުލައިގެންފައިވާ މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

މީގެކުރިން ރާއްޖެއިން އަތުލައިގަނެފައިނުވާ، އާބާވަތެއްގެ މަސްތުވާއެއްޗެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކޮށްފައި ވަނިކޮށް އަތުލައިގެންފައިވަނީ މެތޯފަން ނަމަކަށް ކިޔާ ބާވަތެެއްގެ މަސްތުވާތަކެއްޗެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއާ މެދުވެރިކޮށް ބަހުރޭނުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ބައި ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

ބަލައި ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހްލީލްކުރި އިރު، މެތޯފަން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މިއީ މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ފުރަތަމަ ފަހަރު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުރިއިރު، އެތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެތަކެތި އަތުލައިގަތީ މީގެ ދެމަސްދުވަސް ކުރިން މިދިޔަ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، މަސްތުވާތަކެތީގެ މައުލޫމާތު ހާމަކުރުން ދެމަސް ދުވަސް ލަސްވި ސަބަބެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް