މަސްވެރިންގެ އިހުތިޖާޖު: ހޮރައިޒަންއިން އަށް މިލިއަން ރުފިޔާ ދޭން އެއްބަސްވެއްޖެ

މާންދޫގައި މަސްވެރިން ކުރިއަށްގެންދާ އިހުތިޖާޖުގެ ތެރެއިން---

ލ. މާންދޫގައި މަސްވެރިން ފަށާފައިވާ އިހުތިޖާޖު ހޫނުވެ ބައެއް ފުލުހުންނަށާއި މަސްވެރިންނަށް އަނިޔާވި ފަހުން، މަސްދޯނިތަކަށް އަށް މިލިއަން ރުފިޔާ ދޭން ހޮރައިޒަން ފިޝަރީސް ކުންފުނިން އެއްބަސްވެއްޖެއެވެ.

ހޮރައިޒަން ފިޝަރީޒްގެ އެންމެ ބޮޑު ފެކްޓްރީ ހުންނަ މާންދޫގައި އިއްޔެ މަސްވެރިން އިހުތިޖާޖު ކުރަން ފެށީ އެ މީހުން ކިރާ މަހަށް ލިބެންޖެހޭ ފައިސާ އަދިވެސް ނުލިބޭ ކަމަށް ބުނެއެވެ.

އެ އިހުތިޖާޖުގައި ބައިވެރިވާ ކެޔޮޅަކު "ސަން"އަށް ބުނީ، އެ ރަށުގައި މިއަދު ހަވީރު ކުރިއަށްދިޔަ އިހުތިޖާޖު ހޫނުވެ، ބައެއް ފުލުހުންނަށާއި މަސްވެރިންގެ ބަޔަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެ އިހުތިޖާޖު ހޫނުވުމުން މަސްވެރިން މައިތިރިކުރުމަށް ފުލުހުން ޕެޕަ ސްޕްރޭ ޖަހާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

މާންދޫގައި މަސްވެރިން ކުރިއަށްގެންދާ އިހުތިޖާޖުގެ ތެރެއިން---

ދެބައިމީހުންގެ މެދުގައި ހިނގާދިޔަ މި ކަންތައްގަނޑުގައި ފުލުހެއްގެ ބޯ ފަޅައިގެން ދިޔައިރު، ދެތިން މަސްވެރިއަކަށް ކޮންމެވެސް ވަރަކަށް ހާނިއްކަވި ކަމަށް ވެސް "ސަން"އާ ވާހަކަދެއްކި ކެޔޮޅު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިހުތިޖާޖުގައި އިސްކޮށް ތިބީ ހައްދުންމައްޗާއި ކޮޅުމަޑުލަށް ނިސްބަތްވާ މަސްވެރިންނެވެ.

"ސަން"އާ މައުލޫމާތު ހިއްސާކުރަމުން އެތަނުގައި ހުރި މަސްވެރިއަކު ބުނީ، އެންމެ ބޮޑު މައްސަލައަކީ މަސް ކިރުމަށްފަހު އެތައް ހަފުތާއެއް ވެގެންދާއިރުވެސް ކިރުވި މަހަށް ފައިސާ ނުލިބުން ކަމަށެވެ. އެތަނުގައި އަޑުއުފުލަމުންދާ މަސްވެރިންނަށް މިހާރުވެސް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޮރޮއިޒަނުން ދޭންޖެހޭކަމަށް އޭނާ ބުންޏެވެ.

މިއަދުގެ މިހާތަނަށް އައިއިރު މި އިހުތިޖާޖުގައި ތިރީހާ ގާތްކުރާ އަދަދަކަށް މަސްދޯނި ފަހަރުން އަދި 400އާ ގާތްކުރާ އަދަދަކަށް މަސްވެރިން ބައިވެރިވެފައިވާ ކަމަށް އޭނާ ލަފާކުރެއެވެ. މިއަދުގެ ވަގުތެއްގައި ހުވަދު އަތޮޅުގެ މަސްވެރިންވެސް މި އިހުތިޖާޖުގައި ބައިވެރިވާނޭކަމަށް އެ މަސްވެރިން ބުނެއެވެ.

މާންދޫގައި މަސްވެރިން ކުރިއަށްގެންދާ އިހުތިޖާޖުގެ ތެރެއިން---

"ސަން"އަށް މައުލޫމާތު ދިން ކެޔޮޅު ބުނި ގޮތުގައި އެ އިހުތިޖާޖާ ގުޅިގެން ވިލާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ވަނީ މާންދުއަށް ވަޑައިގެން މަސްވެރިންނަށް ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިއަދު އިރުއޮއްސުމުގެ ކުރިން ދޯނިތަކަށް އަށް މިލިއަން ރުފިޔާ ދޭން ހޮރައިޒަނުން އެއްބަސްވި ކަމަށް ވެސް އޭނާ ބުންޏެވެ.

"ސަން"އާ ވާހަކަދެއްކި ކެޔޮޅު ބުނީ، މީގެ ކުރިންވެސް އެތައް ފަހަރަކު ހޮރައިޒަންގެ ވެރިންގެ ފަރާތުން ފައިސާ ދިނުމުގެ ވާހަކަތައް އަޑުއިވިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ފައިސާ ހަމައަށް ދެމުން އައިސްފައިނުވާ ކަމަށާއި މާންދޫގައި އިހުތިޖާޖު ކުރަން ނިންމީ މަސްކިރުވާފައި ބިލްތަކަށް ފައިސާދިނުން މާބޮޑަށް ދިގުލަމުންދާތީ ކަމަށް އޭނާ ބުންޏެވެ.

މާންދޫގައި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ މައްސަލާގައި މަސްވެރިން އިހުތިޖާޖުކުރަމުންދާއިރު، މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މަސްވެރިން ހޮރައިޒަނަށް ކިރުވާ މަހަށް ފައިސާ ނުދޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް މިކަން ގެންނަވައި ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި މެންބަރު ސިރާޖު ވިދާޅުވެފައިވަނީ، މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިންނަށް ތެލާއި އައިސް ހޯދުމަށް ދަތިވެފައިވާކަމަށެވެ. ލ. އަތޮޅުގެ މަސްވެރިންނަށް އައިސް އަދި ތެޔޮ ގަންނަން ޖެހެނީ ސަރުކާރުގެ ކުންފުނިތަކުން ވިއްކާ އަގަށްވުރެ ބޮޑު އަގުގައިކަން ފާހަގަކުރަމުން ސިރާޖު ވިދާޅުވީ، ސަރުކާރުންދޭ ސަބްސިޑީ ލ. އަތޮޅުގެ މަސްވެރިންނަށް ނުލިބޭ ކަމަށެވެ.

އެހެންކަމުން މަސްކިރުވާފައި ފައިސާ ނުލިބޭ މައްސަލައާއި ތެލާއި އައިސްގަތުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނޭ މަގެއް ހޯދައިދިނުމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން މި މައްސަލަ ބަލައި މި ކަމުގައި ހައްލެއް ހޯދައިދިނުމަށް އެ ސިޓީގައި ސިރާޖު އެދިވަޑައިގެންފައިވެއެވެ.

comment ކޮމެންޓް