އުނގޫފާރުގައި ބޭއްވި ފުޓްބޯޅަ މެޗެއްގައި ހަމަނުޖެހުން ހިނގައި، އެތައް ބަޔަކަށް އަނިޔާވެއްޖެ

އުނގޫފާރުގައި ހިނގާ ދިޔަ ހަމަނުޖެހުމުގެ ތެރެއިން ---

ރ. އުނގޫފާރުގައި މިއަދު ހަވީރު ކުޅުނު ރ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ފައިނަލް މެޗު ބެލުމަށް ގޮސް ތިބި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި، އެ ވަގުތު އެތަނުގައި ތިބި ބައެއް ކުޑަކުދިންނަށާއި އަންހެނުންނަށް އަނިޔާވެއްޖެއެވެ.

އެ ހާދިސާގެ މަންޒަރުދުށް މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ، ހަމަނުޖެހުން ހިނގަން ފެށީ މެޗުގައި އިނގުރައިދޫއިން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އިދިކޮޅު ދުވާފަރު ޓީމުގެ ސަޕޯޓަރުން ދަނޑަށް ފެންފުޅި އާއި ގައު ފަދަ ތަކެތި އުކަން ފެށި ހިސާބުން ކަމަށެވެ. އެ ހިސާބުން ދެ ޓީމުގެ ސަޕޯޓަރުން ހޫނުވެ ކުރިމަތިލުމަކަށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އެ ހަމަނުޖެހުންތައް ހިނގުމާއެކު ފުލުހުން، ދެބައިމީހުން ދަނޑުގެ ދެފަރާތަށް ގެންދިޔަ ކަމަށާއި ނަމަވެސް މެޗު ނިމުމަށްފަހު ދެވަނަ ފަހަރަށް ހަމަނުޖެހުންތައް ހިނގި ކަމަށް އޭނާ ބުންޏެވެ.

މެޗު ނިމުމަށްފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދެބައިމީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ އިރު ބައެއް މީހުންނަށް ލިބުނު އަނިޔާތަކަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން އެ ހޮސްޕިޓަލަށް 18 މީހަކު ގެންގޮސް ފަރުވާދީފައިވާކަމަށެވެ. މީގެ ތެރޭގައި 18 އަހަރުނުވާ އަށް ކުދިން ހިމެނޭ ކަމަށާއި މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ތިން މީހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، ބައެއް ކުދިންގެ ބޮލުގައި ވަނީ ބެންޑޭޖު އަޅާފައެވެ.

މީގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ)އަށްވެސް ވަނީ ކޮންމެވެސް ވަރަކަށް ހާނިއްކަވެފައެވެ. ނަމަވެސް މެންބަރު ފޯނު ނުނަންގަވާތީވެ، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ސާފުވެފައިނުވެއެވެ.

އެހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން ބުނީ ރ. އަތޮޅު އުނގޫފާރުގައި މިއަދު ހަވީރު ކުޅުނު ފުޓްބޯޅަ މެޗަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެއްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަން ބަލަމުންދާކަމަށެވެ.

އުނގޫފާރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެ ރަށުގެ ޓީމުގެ މައްޗަށް 3-4ގެ ނަތީޖާއަކުން ކުރި ހޯދައި، ޗެމްޕިއަންކަން ހޯދީ ދުވާފަރު ޓީމެވެ.

comment ކޮމެންޓް