މިދިޔަ މަހު މީރާއިން 1.25 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ މަހު 1.25 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އަމްދަނީއަށްވުރެ މިއަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ 24.6 ޕަސަންޓު އިތުރު ކަމަށެވެ. އަދި މިދިޔަ މަހު ލިބުނު އަމްދަނީއަކީ މި މުއްދަތުގައި ބަލައިގަންނާނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 28.5 ޕަސަންޓު އިތުރު އަދަދެއްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މީރާއިން ބުނީ، މިދިޔަ އަހަރު އޮކްޓޯބަރު މަހު ލިބުނު އާމްދަނީއަށްވުރެ މިއަހަރު އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުންކަމަށެވެ.

މިގޮތުން، އެއާޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރު ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.5 ޕަސަންޓު ދަށްވެފައިވާކަން މީރާއިން ފާހަގަކޮށްފައިވެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57.4 ޕަސަންޓު ނުވަތަ 716.47 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 10.3 ޕަސަންޓު ނުވަތަ 127.97 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު މީރާއިން ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 46.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް