ލިވަޕޫލް ގަތުމުގެ ރޭހަށް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ވަދެއްޖެ

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ--

ލިވަޕޫލް ގަތުމުގެ ރޭހަށް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ވަދެއްޖެއެވެ.

އިނގިރޭސިވިލާތުގެ "ދަ މިރާ" ނޫހުން ރިޕޯޓްކޮށްފައިވާގޮތުން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީ ވަނީ ލިވަޕޫލް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މުކޭޝް އަމްބާނީ މުޅި ލިވަޕޫލްގެ ހިއްސާ ގަންނަން ބޭނުން ނަމަ މަދުވެގެން ހަތަރު ބިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއް ހުށައަޅަންޖެހެއެވެ. ސަބަބަކީ މިހާރު ލިވަޕޫލުގެ އަގުމަގުކުރާއިރު ހަތަރު ބިލިއަން ޕައުންޑަށްވުރެ ބޮޑުވާނެތީއެވެ.

އިނގިރޭސި ނޫސްތައް ބުނާގޮތުން ލިވަޕޫލް ގަތުމަކީ އަމްބާނީއަށް އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ސަބަބަކީ ލިވަޕޫލް ގަތުމުގެ ޝައުގުވެރިކަން ޗައިނާގެ އިތުރުން އަރަބި މަހުޖަނުންވެސް ފާޅުކޮށްފައި ވުމެވެ.

މުކޭޝް އަމްބާނީއަކީ މިހާރު ދުނިޔޭގެ އަށް ވަނައަށް އެންމެ މުއްސަނދި މީހާއެވެ. ބްލޫމްބާގް ބުނާގޮތުން އަމްބާނީގެ މިލްކިއްޔާތު 95.7 ބިލިއަން ޑޮލަރަށް އަރައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ބޮޑު ކުލަބެއް ގަތުމަކީ އިންޑިއާގެ މަހުޖަނުން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. ނަމަވެސް އަދި މިހާތަނަށް އެކަމެއް ކާމިޔާބުވެފައެއް ނެތެވެ. އިންޑިއާއަށް ނިސްބަތްވާ ބައެއް ވިޔަފާރިވެރިން މިހާރުވެސް އިނގިރޭސި ދަށް ޑިވިޝަނުގެ ކުލަބުތައް ހިންގައެވެ.

މުކޭޝް އަމްބާނީ ލިވަޕޫލް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިނގިރޭސި ނޫސްތަކުން ބުނެފައިމިވަނީ، ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެން ވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން އެ ކުލަބު ވިއްކާލަން ނިންމި ފަހުންނެވެ.

އެފްއެސްޖީން ޖޯޖް ޖިލެޓް އަދި ޓޮމް ހިކްސް އަތުން ލިވަޕޫލް ގަނެފައިވަނީ 2010 ވަނަ އަހަރު 300 މިލިއަން ޕައުންޑަށެވެ. އެފްއެސްޖީން ލިވަޕޫލާ ހަވާލުވުމަށްފަހު، އެ ކުލަބަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ލިވަޕޫލަކީ މިއަދު މުޅި ޔޫރަޕުން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުލަބެވެ.

comment ކޮމެންޓް