ދިވެހި ނޫޓުގައި ފުރަތަމަ ފަހަރަށް ރުފިޔާގެ ނިޝާން ހިމަނައިގެން ނެރެނީ

އަލަށް ނެރުމަށް ތައްޔާރުވަމުންދާ 50 ރުފިޔާގެ ނޫޓު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފުރަތަމަ ފަހަރަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ނޫޓެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

މަރުކަޒީ ބޭންކުން ބުނީ އެ ބޭންކުން މިހާރު ބޭނުންކުރަމުންދާ 50 ރުފިޔާގެ ސްޓޮކް މަދުވެގެން، ޗާޕުކޮށްގެން ގެނެސްފައިވާކަމަށެވެ. އަލަށް ގެނައި 50 ރުފިޔާގެ ނޫޓުގެ ދެ ފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާކަމަށް އެ ބޭންކުން ބުންޏެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ 50 ރުފިޔާގެ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކުގައާއި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކުއެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ހާޝިމްއެވެ. މި ނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެމްބަރު 2022، 12 ޞަފަރު 1444 އެވެ.

މަރުކަޒީ ބޭންކުން ބުނީ އަލަށް ޗާޕުކޮށްގެން ގެނައި 50 ރުފިޔާގެ ނޫޓު ދައުރުކުރުމަށް ނެރޭނޭ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

comment ކޮމެންޓް