ޖިންސީ ގޯނާ ރިޕޯޓްކުރި އަންހެން މީހާ ސަސްޕެންޑްކޮށް އިންޒާރު ދިން މައްސަލައެއް

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖިންސީ ގޯނާ ރިޕޯޓްކުރި އަންހެން މީހަކު ވަނީ ސަސްޕެންޑް ކޮށްފަ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަމިއަލް ކުންފުންޏެއްގެ އޮފީހުގައި ހިނގި ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓް ކުރުމުން އަނިޔާ ލިބުނު އަންހެން މީހާ ސަސްޕެންޑްކޮށް ހިއުމަން ރިސޯސް ޑިޕާޓްމެންޓް (އެޗްއާރު) އިން އިންޒާރު ދިން ކަމަށް ތުހުމަތު ކޮށްފިއެވެ.

ކްރޮސް ރޯޑްސްގައި ހުންނަ އެ އޮފީހުގައި މިދިޔަ ހަފުތާގައި ހިނގި އެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން އަނިޔާ ލިބުނު އަންހެން މީހާގެ ދައްތަ ބުނީ މިދިޔަ ސެޕްޓެމްބަރު މަހު ވަޒީފާއަށް ނިކުންނަން ފެށި އޭނާގެ ކޮށްކޮއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުންފުނީގެ ރާއްޖޭ އޮފީހުގެ މެނޭޖަރަކު ކަމަށެވެ.

"ސިޑިން ތިރިއަށް ފައިބަނިކޮށް އޭނަ އައިސް ކޮށްކޮ ފާރާ ދިމާލަށް ކޮއްޕާލައި ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގަން މަސައްކަތް ކޮށް ޖިންސީ ގުނަވަނުގައި އަތްލާފަ ވަނީ," އަނިޔާ ލިބުނު އަންހެން މީހާގެ ދައްތަ ކިޔައިދިނެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ އިންޓަނޭޝަނަލް ކުންފުނީގެ ރާއްޖޭ އޮފީހުގެ ހެޑް އޮފް އޮޕަރޭޝަނުގެ މަގާމުގައި ހުރި ދިވެހި އެ ފިރިހެން މީހާގެ މައްސަލަ އެތަނުގެ އެޗްއާރު އަށް ހުށަހެޅުމުން އަނިޔާ ލިބުނު މީހާ ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ފިރިމީހާ މެދުވެރިކޮށް އެ މައްސަލައިގެ ތުހުމަތުކުރާ ފިރިހެން މީހާއާ 'އިންޓްރެކްޓް' ނުކުރުމަށް އެޗްއާރު މެނޭޖަރު އަންގާފައިވާ ކަމަށް ވެސް އަނިޔާ ލިބުނު އަންހެން މީހާގެ ދައްތަ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެ އޮފީހުގެ އެޗްއާރު މެނޭޖަރު 'ސަން' އަށް ވިދާޅުވީ, އެ ފަދަ މައްސަލައެއް ހުށަހެޅުމުން ދެ ފަރާތް ވެސް ސަސްޕެންޑް ކޮށްފައިވާނެ ކަމަށެވެ. އަދި ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމުން ކޮށްފައިވާ ތުހުމަތުތަކަށް ވަކި އެއްޗެއް މިވަގުތު ބުނަން ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް