އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ދެނެނުގަނެވޭ މީހާ ދެނެގަނެވިއްޖެ

މ. ނިރުފެހީގައި ހިންގާ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ހާދިސާގައި ނިޔާވިމީހުންގެ ހަށިގަނޑު ނެރެނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މ. ނިރުފެހިގޭގެ ތިރީބައިގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން ދެނެނުގަނެވުނު މީހާ ދެނެގަނެވިއްޖެއެވެ.

ފުލުހުން ބުނީ އެ މީހާއަކީ އިންޑިއާއަށް ނިސްބަތްބާ ފިރިހެނެއްކަމަށެވެ.

ބުދަ ދުވަހުގެ ރޭ އެ ގޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން މަރުވި 10 މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި ހަ ފިރިހެނުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަށިގަނޑު ދެނެގަނެވިފައިވާ ހަތަރު އަންހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ.

ހަމައެއާއެކު މިހާތަނަށް ހަށިގަނޑު ދެނެގަނެވިފައިވާ ފިރިހެނުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މަރުވި މީހުންގެ މައުލޫމާތު މިހާރުވަނީ ފޮރިން މިނިސްޓްރީއަށާއި އެ މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކާ ހިއްސާކޮށްފައެވެ.

އަދި އެ މީހުންގެ ގައުމަށް ހަށިގަނޑު ގެންދަން ބޭނުންވާ އައިލާތަކަށް އެކަން ފަހިކޮށްދިނުމުގެ މަސައްކަތް ވެސް ފޮރިން މިނިސްޓްރީއާއި އެމްބަސީތައް ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުންނަ އަދި މަތީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިތަކެއް ހަދާފައިވާ އިމާރާތެއްގައެވެ.

އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެ އިމާރާތުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައިވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ އޭގެ ތެރެއިން މަދު ބަޔެކެވެ.

އެ ހާދިސާގައި 10 މީހުން މަރުވެފައިވާއިރު މިއީ ރާއްޖޭގައި ހިނގި މިވަރުގެ އެންމެ ބޮޑު ހާދިސާއެވެ.

comment ކޮމެންޓް