މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ނައިބު ރައީސް މިސްރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ފައިސަލް ނަސީމް، އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ބައިވެރިވެވަޑައިގަތުމަށް މިޞްރުގެ ޝަރްމުއްޝައިޚަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، އދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައި ދެއްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ ޤައުމުތަކުން އެއްބައިވުމަށް ވަނީ ގޮވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގައި، ރާއްޖެއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަން ފާހަގަކުރައްވައި، ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި، ހަރުދަނާ ގޮތެއްގައި މޫސުމީ ބަދަލުތަކަށް އިޖާބަދިނުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި، ޤައުމުތަކުގެ މަތީފެންވަރުގެ ވަފުދުތަކާއި އެކު ބައްދަލުވުންތައް ބާއްވަވާފައެވެ.

މީގެ އިތުރުން ކޮޕް27 ކޮންފަރެންސްގެ ތެރެއިން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޯ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަރާފައިވާ ގައުމުތަކުން ވެސް ދެނެގަނެ، ޒިންމާ އުފުލުމަށް ވެސް ނައިބުރައީސް ގޮވާލެއްވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި "ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބިލިޓީ އޮފް ވަލްނަރަބަލް ކޮމިއުނިޓީސް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ އދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27)ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20، (ވީ20) ގައި ވެސް ރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވާފައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި ވަނީ، މިޞްރުގައި ކިޔަވަންތިބި ދިވެހި ކިޔަވާކުދިންނާ ޤާހިރާގައި ބައްދަލު ކުރައްވާފައެވެ.

މިސްރުގެ އަޒްހަރު ޔުނިވާސިޓީގައި ތިބި ދިވެހި ކިޔަވާ ކުދިންނާ ނައިބު ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިސްރަށް ކުރެއްވި މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސާ ޝައިޚް އަހްމަދު އަލްޠައްޔިބާ ވެސް ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އަހްމަދު ވަނީ ރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، މުދައްރިސުން އިތުރަށް ފޮނުއްވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

comment ކޮމެންޓް