ޚަރްސަންއިން ރަޝިޔާ ސިފައިން ފޭބުމަކީ ޔޫކްރެއިންއަށް ލިބުނު ބޮޑު ކާމިޔާބެއް: ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ކިޔޭވް (12 ނޮވެމްބަރު 2022): ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ދެކުނުގެ ސަރަހައްދެއްކަމަށްވާ ޚަރްސަންއިން ރަޝިޔާ ސިފައިން ފޭބުމަކީ ޔުކްރެއިން އަށް ލިބުނު ހަނގުރާމައިގެ ބޮޑުކާމިޔާބެއްކަމަށް ޔޫކްރެއިންގެ ރައީސް ވްލަދިމީރު ޒެލެންސްކީ ސިފަކުރައްވައިފިއެވެ.

މިކަމާބެހޭގޮތުން ދެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ ޚަރްސަންއިން ރަޝިއާ ސިފައިން ފޭބީ ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާތަކަށް ކެތްނުކުރެވިގެންނެވެ. އެހެންކަމުން ރަޝިއާގެ ފަހަތަށްޖެހުމަކީ ޔޫކްރެއިންގެ އަސްކަރީ ކާމިޔާބީއެކެވެ.

ޚަރްސަންއިން ރަޝިއާ ސިފައިން ފޭބުމާ ގުޅިގެން ޔޫކްރެއިންގެ އެކު ސަރަހައްދުތަކުގައި ރައްޔިތުން ގެންދަނީ އުފާފާޅުކުރަމުންނެވެ. ޚާއްސަކޮށް ވެރިރަށް ކިޔޭވްގައެވެ. ޒެލްންސްކީ ސިފަކުރެއްވި ގޮތަށް ޔޫކްރެއިންގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކުވެސް ދެކެނީ މިއީ ރަޝިޔާ ސިފައިންގެ މައްޗަށް ޔޫކްރެއިނުން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ރަޝިއާ ސިފައިން ފޭބި ޚަރްސަން ސަރަހައްދު ދައްކައިދޭ ޗާޓެއް (ރަޝިއާ ފޭބީ އެސަރަހައްދުގެ ބަޔަކުން)

ނަމަވެސް ޔޫކްރެއިން އަށް ވާގިވެރިވާ އަދި ޔޫކްރެއިން ހަނގުރާމައަށް ދަރުއަޅާ އެމެރިކާއިން ވަނީ ޚަރްސަން އިން ރަޝިއާ ސިފައިން ބޭލި މަގްސަދާމެދު ސުވާލުތަކެއް އުފައްދާފައެވެ. އަސްކަރީ ބައެއް މުހައްލިލުން ދެކެވަޑައިގަންނަވާގޮތުގައި ރަޝިއާ އަމިއްލައަށް ޚަރްސަން ގެ ވަކި ސަރަހައްދަކުން ފޭބީ ހަނގުރާމައިގެ ޓެކްޓިކެއްގެ ދަށުންނެވެ. ރަޝިއާ ސިފައިން ފޭބީ ޚަރްސަން ސިޓީގައިވާ ދިނިބްރޯ ކޯރުގެ ކަނާތުފަޅީގައިވާ ސަރަހައްދުތަކުން އެކަންޏެވެ. އެތަނުން ފޭބި ސިފައިން މަރުކަޒުކޮށްފައިވަނީ ދިނިބްރޯ ކޯރުގެ ވާތުފަޅީގައެވެ.

މި އުކުޅުގެ ބޭނުމަކީ ޚަރްސަންގައިވާ ރަޝިއާގެ ދިފާއުތައް ވަރުގަދަކޮށް ޔޫކްރެއިން ސިފައިންނަށް ފަސޭހައިން ހަމަލާދެވޭނެ މަގުތަކެއް ތަނަވަސްކުރުން ކަމަށް ބައެއް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ޚަރްސަން ސިޓީއާއި ދިނިބްރޯ ކޯރުގެ ކަނާތުފަޅީގައިވާ ސަރަހައްދުތަކުން ރަޝިއާ ސިފައިން ބޭފި ހަގީގީ މަގްސަދު އަދިވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ރަޝިއާ މިފިޔަވަޅުއެޅީ މިކަންކުރާނެކަން މީގެ ހައެއްކަ ދުވަސްކުރިން އިއުލާނުވެސް ކުރުމަށްފަހު ހަނގުރާމައިގެ ޕްލޭނެއްގެ ދަށުންނެވެ. ރަޝިއާ ފޭބި ސަރަހައްދުތަކަށް ޔޫކްރެއިންގެ ސިފައިން މިހާރުވަނީ ވަދެފައެވެ. ރަޝިއާ ބުނާގޮތުން ރަޝިއާ ސިފައިން ފޭބި ޚަރްސަންގެ ސަރަހައްދުތައް އަދިވެސް އޮންނާނީ ރަޝިއާގެ ސަރަހައްދުތަކުގެ ގޮތުގައެވެ. އެތަންތަން ރަޝިއާ ދޫކޮށެއް ނުލާނެއެވެ.

ރަޝިއާ ފޭބި އެސަރަހައްދުތައް މިނިވަން ކުރިކަމާއި އެތަންތަން އަލުން އަނބުރައި ޔޫކްރެއިން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެވުނުކަން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އިއްޔެ އިއުލާނު ކުރައްވާފައިވަނީ ރިޔާސީ ބަޔާނެއް ނެރުއްވައިގެންނެވެ. ޚަރްސަން ގެ އިތުރުން ރަޝިޔާވަނީ ޔޫކްރެއިންގެ އިތުރު ތިން ސަރަހައްދެއްވެސް ހިފައި އެތަންތަން ރަޝިޔާގެ ތަންތަނުގެ ގޮތުގައި ހަދާފައެވެ. މީގެތެރޭގައި ޚަރްސަންގެ އިތުރުން ޒަޕޮރީޖިޔާ، ޑޮނެޓްސްކް އަދި ލުޣާންސްކް ހިމެނެއެވެ.

މިސަރަހައްދުތަކަކީ ރަޝިއާ ދަރިކޮޅުގެ މީހުންގެ އަޣްލަބިއްޔަތު އޮންނަ ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގެ ސަރަހައްދުތަކެވެ. މިސަރަހައްދުތައް ހިފައި ރަޝިއާގެ ތަންތަނުގެ ގޮތުގައި ހަދަންޖެހުނީ އެތަންތަނުގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ އާންމުންނާ ދެކޮޅަށް ޔުކްރެއިނުން ބޮޑެތި ޖަރީމާތަކެއް ހިންގައި އެމީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާތީ އެމީހުން ހިމާޔަތް ކުރުމުގެ ގޮތުންކަމަށް ރަޝިއާ ބުނެފައިވެއެވެ.

އެ ސަރަޙައްދުތަކުގައި ރަޝިޔާގެ ބައެއްގެ ގޮތުގައި ހަދާފައިވަނީ ރަޝިއާ ސިފައިންގެ ބެލުމުގެ ދަށުން ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެވޯޓުގައި އާންމުންގެ 90 އިންސައްތަ ވަރަކަށް މީހުން ތާއީދުކޮށްފައިވަނީ ރަޝިއާއާ ގުޅެންކަމަށްވެސް ރަޝިއާ ބުނެފައިވެއެވެ. ނަމަވެސް ރަޝިއާގެ މިނިންމުން އދ. އާއި އަދި ދުނިޔޭގެ ގައުމުތަކުން ގަބޫލެއް ނުކުރެެއެވެ.

comment ކޮމެންޓް