އަލިފާން ކޮކާލެއްގެ ލޯބި 8

"އިންސާނުން ރުއްސުމަށްވުރެ ތިހާ ހެއްދެވި ފަރާތުގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާށެވެ. ތިބާ އެކަނިވާހިނދު ގިނަފަހަރު ހިޔަނިވެސް ތިބާ ދޫކޮށް ހިނގައިދާނެއެވެ.

***

"މަންމާ. އަޅުގަނޑު ކިހިނެއް މީހަކާއި އިންނާނީ؟ ހަގީގަތަކީ އަދި ޚިޔާލަކީ ކޮބައިކަމެއްވެސް ނޭގޭ ހިސާބަށް މިދަނީ. އައި ތިންކް މި ޑިޕްރެޝަންއަށް ކާ ބޭހަކުން އަސަރެއް ނުކުރޭ. ކޮންމެވެސް އެހެން މައްސަލައެއްކަން ނޭގޭ. މިއީ ނޯމަލްކަމެއްނޫން...." އާރިސް ތެދުވެގެންގޮސް ކުޑަދޮރު ކައިރީ ހުއްޓި ބޭރަށް ބަލަންފެށިއެވެ.

މިނަލްއާއި މާކްވެސް އެކަކު އަނެކަކަށް ބަލައިލިއެވެ.

"މަންމާ. އަޅުގަނޑުގެ އެކުވެރި ރާގީއެއްހުރޭ. އޭނަ ގެނެސްގެން ކިޔަވައިލީމަ ރަގަޅުވާނެ.............."އައްޔާޝްގެ ޖުމްލައިން ޝުވޭކާރުވެސް ސިހޭގޮތްވިއެވެ. އޭނަގެ ދަރިފުޅުގެ އެކުވެރިޔަކަށް ދީނީ މީހެއް ވުމުން ލިބުނު ހައިރާންކަމާއި ސިހުން މޫނުމަތިން ފެނުނެވެ. ލޯވެސް ބޮޑުކޮށްލެވުނެވެ.

"ތިކަހަލަ ބޯދާ ޚިޔާލުތަކަށް އަޔާ ތާއީދުކުރަން ފެށިކަމެއް މަންމަ ނުދެނެހުރިން.."

"ބޯދާ ޚިޔާލެއްނޫން. ގުރުއާނަކީ ޝިފާއެއް. ރާގީން ގުރުއާން ކިޔަވާފައި ދުޢާކޮށްގެން ޖިސްމާނީ އަދި ނަފްސާނީ ބަލިތައް ރަގަޅުކޮށްދޭ. އޭނައަކީ އެކަމުގެ މާހިރެއް. އެކަހަލަ ކޭސްތައް ރަގަޅުކޮށްފައިވާކަމުގައި ބުނި. ޓްރައި ކުރުމުން ގެއްލުމެއްނެތެއް ނޫންތޯ؟" އައްޔާޝް ބުމަ އަރުވައިލިއެވެ.

"އަޔާ. އޯލްރެޑީ ޑައިގްނޯސްކުރެވި އާރި ބޭސްކަމުން އެދަނީ...އެހެންނޫނަސް ތި ރުގުޔާކުރާމީހުންގެ މަކަރުވެރިކަމުގެ ރިޕޯޓެއް ނޫހުގައި ލިޔެފައި އޮތްވާ މަންމަ ދެކުނިން....."ޝުވޭކާރު ފޯނު ހުޅުވައިގެން އެބުނާ ލިޔުމެއް ހޯދަންފެށިއެވެ. "މަންމަ މި ލިންކް އެބަފޮނުވަން. މަކަރުވެރިކަމުން އެތައް ބަޔަކު ހައްލާލައިގެން ފައިސާ އަތުލާ ނުވީތާކަށް އެބިއުޒްކޮށް އެތައް ބަޔަކަށް ލަނޑުލިބިފައިވާ ވާހަކަ އޭގައި ހުރީ..."

އައްޔާޝް އިތުރަށް މަންމައާއި ޖަދަލުކުރާން ބޭނުންނުވުމުން ހިމޭންވިއެވެ.

އާރިސް މޭޒުމަތީގައި އަތްވިއްދާލައިގެން ހުރެފައި ކުއްލިއަކަށް ހޭންފެށިއެވެ.

"ސީރިޔަސްލީ މަންމާ. އަދާއާއި އިންނާނަމޭ އަޅުގަނޑު ބުނިންތަ؟ އެހާ ކޫލްކޮށް މަންމަ ގާތު އެކަހަލަ އެއްޗެއް ބުނީމަ ދެން ވިއާޑް...."

"އާރި ގެ މައިންޑް ރިފްރެޝްކޮށްލާ.....ކިހިނެއްވާނެ ޖޫސްތަށްޓެއް؟ އާރިއަށް އެންމެ މީރު ޗީޒްކޭކުވެސް މިހިރީނު، އެއްޗެއް ކާލީމަވެސް ސިކުނޑި ތާޒާވެލާ....."

"އަޅުގަނޑު މޮޔައެއްނުވޭ މަންމާ. ހެލުސިނޭޝަން ވިޔަސް ބުނެވޭ އެއްޗެހި ހަނދާންނެތޭވަރެއްނުވޭ.."

"އާރި. ރަގަޅަށް ތިބުނީ އެ ނިންޖާއާއި އިންނާނެކަމެއްނެތް. އެކަހަލަ ޓެރަރިސްޓުންނާއިހެދި ދުނިޔޭގައި އުޅެން ދަތިވާހިސާބަށް ހިނގައްޖެ. ބައްޕާ. ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާކުރާން ބިލެއް ފާސްކުރުން ކިހިނެއްވާނެތޯ؟" ހުސާމް އަނގަޔަށް ގޮތެއް ހަދައިލިގޮތުން ނިގާބުދެކެ ފޫހިވާވަރު އެންމެނަށް އެނގުނެވެ.

"ތިކަހަލަ ގަރާރެއް ފާސްކުރަން މަޖިލީހަށް ވައްދައިފިއްޔާ ރާއްޖޭގެ މީހުން ބައްޕަމެން ރޮލާ ކައިފާނެ.."

"އެ ޒަމާން ހިނގައްޖެ. މި ޖެނެރޭޝަންގެ ކުދިންގެ ވިސްނުން އެއަށްވުރެ ކުރީގައި އުޅެނީ.............." ހުސާމް ބުނެލިއެވެ.

"ސޭމް. ޔޫ އާ ރޯންގް. ޒަމާން ބަދަލުވިޔަސް ދީނަކަށް ބަދަލެއް ނާންނާނެ...." އައްޔާޝް ސީރިޔަސް ނަޒަރަކުން ހުސާމްއަށް ބަލައިލިއެވެ.

"އަޔާ. ދަރިފުޅާ. ކިހިނެއް ތިވަނީ؟މާ ބޮޑަށް ދީނީ ކަންތައްތަކުގެ ތެރެއަށް ވަނީމަ މިޒަމާނުގައިވާ ގޮތްތައް އަޔާއަށްވެސް އެނގޭނެ. ހައްދުފަހަނަޅާގޮސްގެން އެހެން މީހުން ކާފަރުކޮށް މި ކުޑަ މުޖުތަމައުގެ ހަމަޖެހުން ނަގައިލާ ޓެރަރިސްޓް އަމަލުތައް ހިންގާނީ. މަންމަގެ ދަރިން މެދުމިނުގެ އުސޫލުތަކަށް ތަބާވާންޖެހޭނީ. އެހެންނޫނަސް ގައުމު ހިންގަން ތިބި ވެރިންގެ ދަރިންނަކީ ނަމޫނާއަށް އެހެން މީހުންބަލާނެ. އަޔާ އެކްސްޓްރީމިސްޓަކަށް ވެއްޖެއްޔާ ވާނެގޮތެއް ޚިޔާލަށް ގެނެސްބަލަ...." ޝުވޭކާރު ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.

އިހުސާންތެރިކަމާއި އިޚުލާސްތެރިކަން ހުރީ މަދުބަޔެއްގެއެވެ. ޝުވޭކާރުވެސް ބޭނުންވީ އެހެން މީހުންނަށް ދެއްކުމުގެ ގޮތުން ދަރިން މިސްކިތަށް ފޮނުވާ އަޅުކަން ކުރުވުމަށެވެ. ނޫސްތަކުގައި ދަރިން މަޝްހޫރުވާން ޖެހޭނީ މެދުމިނުގެ ދީނަށް ލޯބިކުރާ ނަމޫނާ ޒުވާނުންގެ ގޮތުގައެވެ. އަޖައިބުވަނީ މައިމޫންއަށް ނާއިބުރައީސްކަން ލިބުނުފަހުން ހުރިހާ ކުދިންގެ ތަބީއަތާއި އުޅުމަށް ތަފާތު ބޮޑު ބަދަލުތަކެއް އަންނަން ފެށުމުންނެވެ.

***

އާރިސް ޕޫލްކައިރިގައި ދެކޮޅަށް ހިނގަމުން ދިޔައިރު ވައިގެ ގޯނާއިން ވިހުރިފައިވާ އިސްތަށިގަނޑާއި ރޫގުޅައަކަށްވެފައިވާ ގަމީހުން ދެންމެ ނިދާފައި ހޭލިފަދައެވެ. އޭނަ ފޯނުން ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައިރު ދޭތެރެއަކުން ވަށައިގެން ހޯދައި ބަލައިލަނީ މީހަކު ފެނިގެން ކަހަލަ ގޮތަކަށެވެ.

"ކިތަންމެ ވަރަކަށް ތެރަޕީ ނެގިކަމުގައިވިޔަސް ﷲއާއި ދުރުން އުޅެންޏާ އެހުސްކަން ފޫބައްދައެއް ނުދޭނެއެވެ. އިޚުލަސްތެރި ތައުބާއަކުން ތައުބާނުވެ ފާފަތަކަށް އެރުމުގައި ދެމިހުރުމުގެ ސަބަބުން ތިމާގެ ޟަމީރުގައި ކުށާއި ހިތްދަތިކަމުގެ ނުބައި އިހުސާސްތައް އަދި އަމިއްލަ ނަފުސްދެކެ ނަފްރަތާއި ފޫހިކަން އުފެދިހިތް ހަލަބޮލިކަމުގެ ތެރެއަށް ވައްޓައިލާނެއެވެ. ﷲގެ ހަޟުރަތަަށް ކުރިމަތިނުލާ ކަމުގައި ވަންޏާ އަހަރެމެންގެ ފުރާނައިގާ ލާ ލަކުނުތަކަށް ފަސޭހަވުމެއް ނެތެވެ.ކިތަންމެ ވަރަކަށް ތެރަޕީނެގިޔަސް މެއެވެ. އަހަރެމެން ދީނަށް ފަރުވާކުޑަކުރުމުން ހިތާއި ސިކުނޑީގެ ހާލަތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެއެވެ."

އާރިސް ފޯނު މުށުތެރެއަށް ލިއެވެ. އެވާހަކޮޅާއިމެދު ވިސްނަމުން ދަތްދޮޅީގައި މަޑުމަޑުން ފިރުމައިލިއެވެ.

"އަހަންނަށް ދިމާވެގެން އުޅޭ އުދަގޫތަކަކީ މިއީތަ؟ އަހަރެން ނަމާދުވެސް އެބަކުރަން. މަންމަ ބުނީމަ ކުރަން ބޭނުންނުވިޔަސް ނަމާދު ކުރަން ދަނީނު. މެންޓަލް މައްސަލަތައް މިހާރު ޖެހެންވީ ކީއްވެ؟" އާރިސް އަމިއްލަ ނަފުސާއި ސުވާލުކުރިއެވެ.

"އާރިސް...ތިއީ އެއްވެސް އަގެއްހުރި މީހެއްނޫން. ހެއްދެވި ފަރާތްވެސް ލޯބިވޮޑިނުގަންނަވާ. ތިކަހަލަ ބޭކާރު މީހަކު ކީއްކުރަން ދުނިޔޭގައި ހުންނަނީ؟އެންމެ ރަގަޅުވާނީ މަރުވިއްޔާ. ދޭ. މަރުވޭ......"

"ޝަޓަޕް......." އާރިސް ހަޅޭއްލަވައިގަތެވެ. އެވަރުންވެސް ރުޅި މަޑުނުވެގެން ފެންގަނޑުތެރޭގައި ހުރި މީހާއަށް ހަމަލާދިނުމުގެ ގޮތުން އަތުގައި އޮތް ފޯނު ހޫރައިލިއެވެ. ފޯނު ފެންގަނޑުތެރޭގައި ޖެހުނު އަޑުފަށްގަނޑަށްފަހު މުުޅި ހިސާބަށް ހިމޭންކަން ވެރިވިއެވެ.

***

ހުސާމް އެފްބީގައި ޕޯސްޓްކުރީ އޭނަ މިސްކިތުގައި ހުއްޓާ ނަގާފައިވާ ރީތި ފޮޓޯއެކެވެ. އަދި އިނގިރޭސިބަހުން ލިޔުންކޮޅެއް ލިޔުނެވެ.

"މުއްލާއިން މިއުޒިކް ހަރާމްކުރަންވީ ކީއްވެތަ؟ ނަމާދާއި މިއުޒިކް އެކީގައި ނުދާނެއޭ ބުނަނީ ކީއްވެތަ؟ މިއީ އޭގެ މިސާލެއް. އަހަންނާއި ހެއްދެވި ފަރާތާއި އޮތް ގުޅުމަކާއި ބެހޭގޮތުން އިންސާނުންނަށް ސުވާލެއް ނުއުފެއްދޭނެ. ގަވާއިދުން ނަމާދުކުރަމުން މިއުޒިކްވެސް ކުޅެން. މިއުޒިކަކީ ފުރާނައިގެ ކާނާ. އަހަރެން ނަމާދާއި މިއުޒިކް ބެލެންސްކޮށްލައިގެން ކުރިއަށް މިދަނީ އުފަލާއެކު...."

ޕޯސްޓް ލިޔެ ނިންމާލުމާއެކު ބަލަން އިންދާ އެތައް ހާސް ހިތްތަކާއި ކޮމެންޓްތަކުން ފަޅުފިލުވާލުމުން ހުސާމްގެ ތުންފަތްމައްޗަށް ބޮޑާކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. އަންހެންކުދިން އޭނަގެ ފޮޓޯއަށް ދީވާނާވެގެން ކުރާ މޮޔަކޮމެންޓްތަކަށް މަލާމާތްވެސް ކުރިއެވެ. ހުރިހާ އެންމެނަށް އޭނަ ލިބޭނީ ކިހިނެއްހެއްޔެވެ؟ މިއޮތް ބޮޑު ދުނިޔެއިން އަތް ފުނާއެޅުމުންވެސް އޭނައާއި އެކަށީގެންވާވަރުގެ އަންހެންކުއްޖަކު ފެނިފައެއްނެތެވެ. އެކުއްޖާ އެހާވެސް ފުރިހަމަވާންޖެހޭނެއެވެ. ސިކުނޑިއަށް ކޮންމެވެސް އަންހެންކުއްޖަކު ވެރިވާން އުޅެފައިި ފޭދިގެން ގޮސް ސިކުނޑީގެ ފުންކަމުގެ ތެރެއަށް ގެއްލިއްޖެއެވެ.

***

ސްވިމިން ޕޫލާއި ދިމާލުގައި ތިރިކޮށް ހެދިފައިވާ ފެހިނިރުތަކުގައި ފޮޅިފައިވާ ބޮޑެތި ފިނިފެންމާތަކުގެ ސަބަބުން މަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ. މިނަލް ރަތްކުލައިގެ މިޑީ ހެދުމާއެކު ޔާގޫތު ގަހަނާއިން ޒީނަތްތެރިވެލައިގެން ހުރިއިރު ޒުވާން ކުދިންގެ ލޯތައް ހުއްޓޭނެކަމާއިމެދު ޝައްކެއްނެތެވެ. ހުސާމް ބެންޗުގައި ފޯނާއި ކުޅެން އިންދާ ފަހަތުން ދިޔަގޮތަށް ކަނދުރާގައި ބައްދައިގަތީ ދުވަހަކު ދޫކޮށްލަން ބޭނުންނުވާ ފަދަ ގޮތަކަށެވެ. އެމަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތުގައި ސުވާލުތައް އުފައްދާނެއެވެ.

"ސޭމް. މަގޭ ފެވެރިޓް ޕާފިއުމް.....މްމމް... ސްމެލްސް ސޯ ގުޑް..........."

"މިނަލް. ދުރުގައި ހުރެބަލަ. ކުޑަކުއްޖެއް ނޫނޭ މިހާރު.................."ހުސާމް ރުޅި އަންނަގޮތްވެފައި މިނަލްގެ އަތް ނައްޓުވައިފިއެވެ. މިނަލްގެ އަތަށް ކޮންމެވެސް ވަރަކަށް ތަދުވުމުން އަޑެއް ލައްވައިލެވުނެވެ.

"ހިތެއްވެސް ނެތް. އަތަށް ތަދުކޮށްލީ........ބައެއްފަހަރު އަހަރެންު ކުޑަކުއްޖަކަށްވާނެ، އަނެއްބައި ފަހަރު ބޮޑުކުއްޖެއް. ކީއްވެ ދުރުގައި ހުންނަންވީ؟ އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅުން ހުރިހާގޮތަކުން ހުއްދަ. ނާއިބުރައީސް އެޑޮޕްޓްކޮށްފައިވާ ދަރިއަކާއި އުފަންދަރިއަށް ގުޅިގެން އުޅެވޭނެއްނު......" މިނަލް މޭގައި އަތް ހުރަސްކޮށްލަމުން ތުން ފިތައިލިއެވެ.

" މޮޔަ ވާހަކަ ނުދައްކާ. ތިއީ ވާނެކަމެއްނޫން. ތިމާގެ އުމުރުގެ ކުއްޖެއް ކްލާހުން ނަމަވެސް ހޯދަބަލަ.........................."

"ފޮނި ފިރިހެނާ. އައި ހޭޓް ޔޫ. އަދި މާ ރީތި މީހެއްވެސް ނޫނޭ. ލޮލުގެ ކުލަވެސް ދެން ވަރަށް ފޫހި....ޕްލެއިން އަޅިކުލަ. އެކަމަކުވެސް ސޭމް ނިކަން އެހެން މީހަކާއި ކައިވެނިކޮށްގެން މިގެއަށް އަންހެނަކު ވައްދަބަލަ، ނޫނީ އަންހެނަކާއި ދިމާލަށް އޮޅިގެންވެސް ބަލައިލަބަލަ. އެމީހަކު މަރައިލާނަން. އަހަރެންގެ ފަސްޓް ލަވްއަކީ ސޭމް މެރީކުރާނީވެސް ސޭމްއާއި. އަހަންނަށް ފިފްޓީންވެއްޖެ. ކުޑަކުއްޖަކަށްވާންވީ ސަބަބެއް ނޭގޭ............"

ހުސާމް ތެދުވުނެވެ. އެ އަޅިދެލޮލުން ސީރިޔަސްކަމާއި ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނެވެ.

"މިނަލް. މަންމައަށް ތި ޚަބަރު ލިބިއްޖެއްޔާ ވާނެގޮތް އެނގޭތަ؟"

"ބަދުނާމުވެދާނެތީއާއި ހެޑްލައިން އަޅާނެތީއޭ ކިޔާފައި ލަވް ސެކްރިފައިސްކުރަންވީ؟"

"ތިއީ ލޯތްބެއްނޫން. ތިއުމުރުގައި މީހުންނާއި ހިތާވީމަ ކިޔަނީ ކްރަޝް..ޑޯންޓްވޮރީ. މިނަލްގެ ޕްރިންސް އަދި އަންނާނެ..ވެއިޓް ފޯ ހިމް.."

"ޔޫ އާ ދަ ވަން.."

ހުސާމްގެ ހިތުގައި ކޮންމެެވެސް ވަރަކަށް ބިރުވެރިކަން ހިނގައިގަތެވެ. މިނަލްގެ އުދަގޫ ބޮޑުކަމާއިއެކު ކޮޓަރިއަށްވެސް ވަންނަނީއެވެ. އިރުއިރުކޮޅާ މެސެޖްކޮށް ލޯބިވާ ވާހަކަ ބުނެއެވެ. އޭނަގެ ފޮޓޯތަކުން ފޯނު ފުރާލާފައިވާއިރު ކޮޓަރީގައި މުޅިންވެސް އޭނަގެ ޕޯސްޓަރުތަކެވެ. ބޭބެއަކީ ލަވަކިޔުންތެރިއަކަށްވުމުން އޭނަގެ އެންމެ ބޮޑު "ފޭން"ގެ ގޮތުގައި މަންމަމެން ދެކުނަސް ހަގީގަތް އެނގުމުން ހުސާމްއަށްވެސް ލިބުނީ ޝޮކެކެވެ. ކުރިން އޭނަވެސް ހީކުރީ މިނަލްގެ ލޯތްބަކީ ކޮއްކޮައާއި ބޭބެގެ އޮންނަ ސާފު ތާހިރު ލޯބީގެ ގުޅުންކަމުގައެވެ؛ ލޭގެ އެއްވެސް ގުޅުމެއްނެތަސް މިނަލްއާއިމެދު ދެކެމުން އައިސްފައިވަނީ ހުރި އެންމެ އަންހެންކޮއްކޮގެ ގޮތުގައެވެ. މިނަލް އޭނައާއިހެދި އުޅެނީ ބޭބެއެއްގެ ގޮތުގައި ކަމުގައި އޭނަ ހީކުރިއެވެ. ބައިސްކަލް ދުއްވާދީ ޕޫލަށް ލައިގެން ފަތަން ދަސްކޮށްދީ ކާރަށް ލައިގެން ބުރު ޖެހުމާއި އަބަދު ގިޓާކުޅެދިނުން އެކީ ގޭމްކުޅުމުގައި ވަގުތު ހޭދަކުރާއިރި މިނަލް އޭގެ ނާޖާއިޒު ފައިދާ ނަގައިގެން އަބަދު ކައިރިވާން އުޅުނުއިރު ހުސާމްއަށް އެނގުމެއްނުވިއެވެ. އޭނަގެ އަތުގައި އެލިގެން އިނަސް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެންއިނަސް ނުބައި ނަޒަރަކުން އޭނަ ދެކެފައެއްނުވެއެވެ. މިނަލް ލޯބިވާ ވާހަކަ ބުނީވެސް މިނަލްގެ އުމުރުން ފަނަރައަހަރު ފުރުނުރޭ އޭނަގެ ކޮޓަރިއަށް ވަދެފައެވެ. އެފަހުން މިނަލްގެ އުދަގޫތައް ބޮޑުވެ އޭނަގެ ހާސްކަން ދުވަހެއް ދުވަހެއް އިތުރުރަމުން ދިޔައެވެ. މަންމަމެންނަށް އެނގިއްޖެއްޔާ ހާދަ ދެރަވާނެއެވެ. އެޑޮޕްޓްކުރުމުގައިވެސް ވަކި އުސޫލެއް އޮންނަންވާނެކަމުގައި ފުރަތަމަ ފަހަރަށް ހުސާމްގެ ހިތް ބުނަންފެށިއެވެ. މިހާރު ލައިގަނެގެން މިއުޅެނީ އޭގެ ބިރުވެރި ނަތީޖާއަކާއި ހަމަަޔަށް ވާސިލުވުމުގެ ފެށުމެވެ.

***

އަދާރާއާއި ދާނިޔާ ނޫސްކިޔަން ބޯ ޖައްސާލައިގެން ތިބިއިރު އޭގައި ހުރި ފޮޓޯތައް ދެކުދިންގެ ހިތްތައް ތަޅުވައިލިއެވެ. އައްޔާޝްގެ ތުންފަތްމަތީގައިވި ފަނޑު ހިނިތުންވުން ދާނިޔާގެ ހިތް ފަތަހަކުރުވިއެވެ.

"ނާއިބުރައީސްގެ ކުދިންކޮޅުގެ ހުކުރު އިޝްތިހާރުކޮށްލާފައެއްނު މިއޮތީ. ހުސާމްގެ ރީތި ދެލޯ........." އާދާރާގެ ހިތަށް ތަދުވިއެވެ."މިއީ އާރިސް. އާރިސްވެސް ވަރަށް ކިއުޓް. އެކަމަކު އޭނައާއި ކައިވެނި ކުރަން އެއްބަސްވެ އެގެއަށް ދިޔުމުން ވާނެ ގޮތަކާއިމެދު ބިރުގަނޭ. ހުސާމްއަށް އަހަރެން ކާކުކަން އެނގިއްޖެއްޔާ..............."

"ހަގީގަތުގައި އެފެމިލީ ވަރަށް މިސްޓީރިއަސް. ނުދަންނަ އާއިލާއެއްގެ ތެރެއަށް ވަދެވުމަކީ ނުރައްކާތެރި ހޮހަޅައަކަށް ޑައިވްކުރުންފަދަ ކަމެއް. އެތައް ޗެމްބާސްތަކާއި ޕެސެޖްވޭސް އަދި ފުންތަންތަންވެސް ހުންނާނެ. އެހާ ހަނި އަދި ތާށިވާފަދަ ތަންތަންވެސް ހުރޭ. ބައެއް މީހުން ހޮހަޅަތަކަށް ޑައިވްކޮށްގެން ފުރާނަ ގެއްލިފައިވޭ. ސޯ އިސްތިޚާރާކޮށްފައި ކުރިއަށް ގެންދޭ. އަދާއަށް ކާމިޔާބު ކައިވެންޏަކަށް އެދި ދުޢާކުރާނަން............"ދާނިޔާގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ.

އެކުވެރިޔާއަށްޓަކާ ހިތުގައި އުފާވެރިކަން ހިނގައިލިޔަސް އޭނަގެ އަމިއްލަ ނަފުސާއިމެދު ހަމްދަރުދީވިއެވެ. ރޮވެން އުޅުނު ސަބަބަކީ އެއީއެވެ. ސިޔާސީ ފިކުރުގެ ތަފާތުކަމާއެކު އައްޔާޝްއާއި އޭނަގެ ފަރަގު އެންމެ ސިކުންތުކޮޅަކަށްވެސް ހަނދާން ނައްތައިނުލައެވެ. އޭނައާއި އައްޔާޝްގެ ދޭތެރޭގައިވާ ފާރު ވައްޓާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ދުވަހެއްގެ ކޮޅުންވެސް ލިބެން ނެތް ޒުވާނަކަށް ހިތް ދެވުނުކަމީ އޭނަގެ ބަދުނަސީބެވެ.

"މެންދުރު ކެއުމަކަށް އެގެއަށް ދައުވަތު ދީފައި އޮތީ......."

"ތިގަނޑުވަރަށް ވަނުމުގެ ނަސީބު ލިބިދާނެ އިންޝާﷲ. އަދާގެ ކައިވެނީގެ ދުވަހު......"ދާނިޔާ ބުނެލިއެވެ."ލަކީ ގާލްއެއް."

"އެއީ ކީއްވެ އެހެން ބުނީ؟"

"އާރިސް އެހާ އިސްކޮޅުން ދިގު ހެންޑްސަމް. ގަދަރުވެރި އާއިލާއެއް. ދީންވެރި......އަދި ފަހުން ލޯބިވެސް ވެވިދާނެ. އެހާ ވޮރީ ނުކުރޭ. ހުސާމްއަށް ފިލާވަޅެއް ލިބިދާނެ. އޭނަ އަދާ ދެރަކޮށް ނިކަމެތިކޮށްލީ އަދާއަށް ރަގަޅުގޮތެއް ވާން ހުރީމަހެން ހީވަނީ. ހުސާމްއަށް އަދި ގެއްލުނީ ޖަވާހިރެއްކަން އެނގޭނެ..."

"ހުސާމް އެއަށްވުރެ ފޮނިވާނެ. އަނގައިން ދެރަވާނެ ދުވަހެއް ނާންނާނެ.."

ދެކުދިން ވާހަކަދައްކަން ތިބެފައި އަދާރާ ގެއަށް ދާން ނުކުތްއިރު ހިތުގެ ވިންދު އަވަސްވިއެވެ. ހުސާމްއަށް ހަގީގަތް އެނގޭ ދުވަހަކުން އެމޫނަށް ވެރިވާނެ ކުލަވަރު ދެކޭހިތުން އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދަނީއެވެ.

***

ޗެރީވުޑް ޕެލެސްއަށް ވަދެފައި އަދާރާގެ ލޯ ބޮޑުވާވަރުވިއެވެ. ގަނޑުވަރެކޭ ތަފާތެއްނެތްހާ ފުރިހަމައެވެ. އިންޓީރިއާ ޑިޒައިންގެ މަސައްކަތަށް ސާބބަސްދޭހާވެއެވެ. އެހާވެސް ނަލައެވެ. ކުލަތައް ގުޅުވާފައިވާ ގޮތާއި ތަނުގެ ފިނިކަމާއި ހިފާފައިވާ ލުއިވަހުންވެސް ތަނުގެ ހައިބަތު އިތުރުވިއެވެ. އަދާރާއާއި އޭނަގެ މަންމައަށް މަރުހަބާކީ ޝުވޭކާރުއެވެ. އެދެމައިން ގޮވައިގެން ގޮސް ސޯފާގައި ޖައްސައިލުމަށްފަހު ޝުވޭކާރު އަދާރާގެ މޫނަށް ބަލައިލިއެވެ. ފެންނަނީ ހަމައެކަނި ލޮލެވެ. ބޯ އެސްފިޔަތަކުގެ ތެރެއިން ފެންނަ މުށިކުލައިގެ ލޮލުގެ ބޮޑުކަމާއި ރީތިކަމުން ޝުވޭކާރުގެ ހިތްވެސް ހާސްފަހަރު ތައުރީފުކުރިއެވެ. އަނދުން ފަވައިލާފައިވުމުން ވަކިން އެދެލޮލުގެ ފުރިހަމަކަން އިތުރުވެފައިވިއެވެ. އާރިސް މޮޔަވީ މިކުއްޖާގެ ލޮލަށެވެ. އެހެންވާނެ ނޫންހެއްޔެވެ؟ އޭނަވެސް އާޝޯޚުކުރުވައިފިއެވެ. ނިގާބީ އަންހެންކުއްޖެއްދެކެ ޒުވާނުންނަށް ލޯބިވެވެނީ އެކުއްޖާގެ އެންމެ ދަމައިގަންނަ ލޮލުގެ ޖާދޫގައި ޖެހިގެންނެވެ.

ވާހަކަދައްކަމުންގޮސް ޝުވޭކާރުއާއި އަރޫޝާ އެތެރެއަށް ހިނގައިގަތުމުން އަދާރާ ތެދުވެގެންގޮސް ހުއްޓުނީ ފޮތް ހަރުގަނޑުކައިރީގައެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނު ހިތްގައިމު އަޑުން އަދާރާ ސިހޭގޮތްވިއެވެ. ހުސާމް އައީ ފޯނުގައި ހުރެ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. ވާހަކައިގާ ހުރެ އޭނަ ހުއްޓުނީ އަދާރާއާއި ދާދި ކައިރީގައެވެ. އޭރު އަދާރާގެ ހިތް ތެޅޭލެއް ބާރުކަމުން މޭފަޅާފައި ކޮންމެ ވަގުތަކުވެސް ނުކުމެދާނެކަން ޔަގީންވިއެވެ. މިގެއަށް އައުމުން އަދާރާ ފަޅާ އަރާނެކަން އެނގުނަސް މިހާ އަވަހަށް ފަޅާ އަރާފާނެ ކަމަކަށް ހިޔެއްނުކުރެއެވެ. ހަމަ އޮތީ ހުސާމް އޭނައަށް ސަމާލުކަން ދީ ލޮލަށް ބަލައިލުމެވެ.

"ޔާﷲ..ސޭވް މީ....."އަދާރާއަށް ބޭއިޚުތިޔާރުގައި ލޯ މަރައިލެވުނެވެ. ހުސާމް ބޭނުންކޮށްފައި ހުރި ސެންޓްގެ ވަސް ސިކުނޑި ފުރައިިލިއެވެ. އެސިކުންތުކޮޅު ގަރުނަކަށް ދެމިގެން ދިޔަހެން ހީވިއެވެ. އޭނަ ލޯ ހުޅުވާލާއިރު ހުސާމް ކުރިމަތީގައި ހުންނާނެކަން ޔަގީނެވެ. އޭނަ މިގޮތަށް ފެނުމުން ހަންޑިއެއްކަމަށް ހީކޮށް ބިރުން އަނބުރައިނުގަންނާނެ ކަމެއްވެސް ނޭގެއެވެ. އަދާ ހިނި އަންނާން އުޅުނެވެ.

"އަދާ...މިތާ؟."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު