އަލިފާން ކޮކާލެއްގެ ލޯބި 7

"މަރުވާނެ ވަގުތެއް އެއްވެސް ނަފުސަކަށް ނޭގޭނެއެވެ. ބުއްދިވެރިންނަކީ މަރަށް ތައްޔާރުވެ ތައުބާވެގެން ތިބޭ މީހުންނެވެ."

***

އަދާރާގެ މަންމަ އަރޫޝާ އޮފީލިއާ ރެސްޓޯރެންޓަށް ދިޔައީ ލިބުނު ދައުވަތަކަށެވެ. ނާއިބު ރައީސްގެ އަނބިކަބަލުން ޝުވޭކާރުގެ ދައުވަތެއްކަން އެނގުނީވެސް އެތަނުން ދިމާވެގެން ތައާރަފުވުމުންނެވެ. އަރޫޝާއަށް ލިބުނު އުފަލަކުން އާސްމާނުގައި އުދުހެވުނުހެން ހީވިއެވެ. އޭނަ ކުރާ މަސައްކަތް ބަލައިގަނެ އެކަމަށް ޝުކުރުވެރިވެ ނާއިބު ރައީސްގެ ފަރާތުން ކެއުމެއް ދިނުމަކީ ޝަރަފެކެވެ. މެނޫ ގެނައުމުން އަރޫޝާ އިނީ އޯޑަރުކުރަންވީ އެއްޗެއްވެސް ނޭގިފައެވެ. އެކަމަށް އެހީތެރިވެދިނީ ޝުވޭކާރުއެވެ.

"އަރޫޝާގެ ކިތައް ދަރިން ތިބޭތަ؟" ކުދި ކުދި ސުވާލުތައް ކުރަމުންގޮސް ޝުވޭކާރު މައުޟޫއަށް ގެންދަން ނިންމިއެވެ.

"ފިރިހެން ދަރިއަކާއި އަންހެން ދެދަރިން....."

"އަދާރާ ކިޔާ ކުއްޖާ އަހަރެމެންގެ އަވަށްޓެރިއެއްގެ ގެއަށް އަންނަނިކޮށް ކުއްޖެއްގެ ލޮލުގައި އަަޅައިގެންފި. އެ ފިރިހެންކުއްޖަކީ އަޅުގަނޑުގެ ދަރިފުޅު އާރިސް. ތެދަށް ބުނަންޏާ އޮޅުމެއްގެ ތެރޭ އަރޫޝާ ބަހައްޓަން ބޭނުމެއްނޫން. އާރިސް އެހެން ކުދިންނައި ތަފާތު. އެކުއްޖާ ޑިޕްރެޝަންއަށް ޑައިގްނޯސްކޮށް ބޭސްވެސްކައި. ހަގީގަތުގައި އެހެންވާން ފެށީ ރާއްޖެއަށް ދިރިއުޅުން އެއްކޮށް ބަދަލުވެ އޮންލައިންކޮށް ކުންފުނިތަކުގައި ސޮފްޓްވެއާ ހަދައި މަސައްކަތުގައި މާ ބުރަކޮށް އުޅުނީ. ދިރިއުޅުން ބެލެންސްކުރަން ނޭގުނީމަ. އަޅުގަނޑުގެ އާރިސްއަށްވެސް ނުވިސްނުނީ ވަޒީފާގައި އުޅެމުންވެސް ހިތްހަމަޖައްސައިލުމާއި ސިކުނޑިއަށް އަރާމުދޭން ވަގުތު ބޭނުންވާނެކަމާއި ނޫނީ މެންޓަލް ބްރޭކްޑައުންއަކަށް ހިނގައިދާނެކަން. ސައިކޭޓްރިސްޓް ވެސް ލަފާދެއްވީ ކައިވެންޏެއްކުރުމުން ފަހަރެއްގައި އެކަހަލަ ނަފްސާނީ މައްސަލަތަކަށް ލުޔެއް ލިބިދާނެކަން. މައިންބަފައިންގެ ލޯތްބެއްނޫންތާ އެކަނި މުހިއްމީ؟ އެހެން ހުއްޓާ އާރިސް އަމިއްލައަށް އަޅުގަނޑު ކައިރީ އަދާރާގެ ވާހަކަ ބުނީ. ކުޑައިރުގެ ފްރެންޑެކޭ ކިޔާފައި، އަރޫޝާއާއި އަދާރާ ގަބޫލުކަމަށް ވަންޏާ ވީހާވެސް އަވަހަށް ކައިވެނީގެ ކަންތައް ނިންމައިލަން އަޅުގަނޑުމެންވެސް ބޭނުމީ......"

ޝުވޭކާރުގެ ކޮންމެ ލަފުޒެއް އަރޫޝާގެ ކަންފަތަށް އިވުނީ ފޮނި ރާގެއް ފަދައިންނެވެ.

އޭނަގެ ސިކުނޑިވެސް އުފަލުން ހަޅޭއްލަވަނީއެވެ. ޑިޕްރެޝަންއަކީ ކޮންކަމެއްހެއްޔެވެ؟ ކޮންމެފަދަ ބައްޔެއް ހުއްޓަސް ނުކުޅެދުމެއް ހުއްޓަސް ނާއިބުރައީސްގެ ދަރިއަކު ދަނބިދަރިއަކަށްވާން އޮތްވާ އޭނަ ނޫނެކޭ ބުނާނެހެއްޔެވެ؟ އޭނަ އެ ޕާޓީއަށްޓަކާ މަރުދޭ އޭނަގެ ލޯބިވާ ނާއިބުރައީސްގެ ރަންދަރިއެވެ. އަރޫޝާގެ ސިކުނޑީގައި އުފަލުގެ ބެރުތައް ޖެހެން ފެށުނެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުން ފުޅާވުމާއެކު ބޭއިޚުތިޔާރުގައި ހެވިއްޖެއެވެ. ލޮލުން ކަރުނަ އަންނަންފެށިއެވެ.

"ތިބޭފުޅުންގެ ޚިދުމަތުގައި މިތިބީ. ގައުމީ ޚިދުމަތެއްކަމަށް ބަލައިގެން ތި ކަންތައް ކޮށްދޭނަން. އަދާރާވެސް އެއްބަސްވާނެކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުގެ އަމިއްލަ ނަފުސާއި އާއިލާއާއި ހުރިހާކަމަކަށްވުރެ ޕާޓީދެކެ ލޯބިވާކަން މިރާއްޖޭ ރައްޔިތުންނަށްވެސް އެނގޭނެ.." އަރޫޝާ ފޯރިއާއި ޖޯޝާއެކު ބުނެލަމުން ޝުވޭކާރުގެ އަތުގައި ހިފައިލިއެވެ.

"އަރޫޝާ ހާދަ ރަގަޅޭ..." ޝުވޭކާރު އިޚުލާސްތެރިކަމާއެކު ބުނެލިއެވެ.

އަރޫޝާގެ ސިކުނޑިއަށް މުޅިންވެސް ފެނުނީ ގަނޑުވަރާއި މުދަލާއި ގަހަނާތަކެވެ. އަދާރާ އުޅޭނެ އިއްޒަތެވެ. ހުރިހާކަމަކަށް ވުރެ އޭނައަށް ލިބޭނެ ޝަރަފެވެ. ޕާޓީގެ އާދައިގެ މީހެއްގެ ގޮތުގައި ހުރެފައި ގަދަރުވެރި މަގާމެއްގެ ހުވަފެންވެސް އެކުޑަހިދުކޮޅުތެރޭ އޭނަ ދެކެފިއެވެ. އުފަލުންގޮސް ތުންފަތްމައްޗަށް ދަތްނާރާ އެންމެ ހިނދުކޮޅެއްވެސް ނުދިޔައެވެ. ދުނިޔެއަށް އިއުލާން ކުރަން ހިތް ތެޅިފޮޅިގަތްހިނދު އެހެން ކަނަކުން އިންޒާރެއް ޖެހިއެވެ. އެއާއެކު އަރޫޝާ ޝުވޭކާރުގެ އަތަށް ބާރުކޮށްލިއެވެ.

"ކަމަނާ. އެކަމަކު އަދި މި ކައިވެނީގެ ކުރިން މި ޚަބަރު އެއްވެސް ފަރާތަކަށް ނޭންގެވުން އެދެން. ސަބަބަކީ ހަސަދަވެރިން ގިނަވާނެތީ...."

"އެންމެ ރަގަޅު..." ޝުވޭކާރުގެ ހިތް އޭރު ބަދަލުވާންވެސް އުޅެއެވެ. މިހާ ފަސޭހައިން އާރިސް އެދުނު ކަމެއްކުރުވަން މި އަރޫޝާގެ އައިލާގެ ހަގީގަތް ބަލާނުލާ އުޅެވުނުކަމީ ކުރެވެން އުޅޭ މޮޔަކަމަކަށް ނުވާނެހެއްޔެވެ؟ އާރިސްގެ ބުއްދިއަށް އަސަރުކޮށްފައިވިޔަސް އޭނަގެ އެކުވެރިންގެ ދަރިންވެސް ކައިވެނިކުރަން ފަހެއް ނުޖެހޭހާ ރީތި ސިފަތަކެއް އާރިސްއަށް ގުދުރަތުން ހަދިޔާކޮށްދެއްވާފައިވެއެވެ.

"އަރޫޝާގެ ފޯނު ނަމްބަރު ބުނެބަލަ.." ޝުވޭކާރު އެދުނެވެ.

ދެމީހުން އެދައްކަމުން ދިޔަ ސިއްރު ވާހަކަތަކަށް އެހެން މީހުންގެ ކަންފަތްތައް ފާރަލިޔަސް ނީވޭހާ ދެމީހުންގެ އަޑުމަޑެވެ.

***

އަރޫޝާ އެޕާޓްމެންޓަށް ވަންއިރު އަދާރާ ކައްކާ އެއްޗަކުން ކޮށިއަރާގޮތްވިއެވެ. އެހެން ދުވަހެއްނަމަ އެކަމާއި އަޑުގަދަކޮށް ހަޅޭއްލަވާހެދީހެވެ. އޭނަގެ މައިގްރެއިންގެ ސަބަބުން ބައެއް ގަދަ ވަސްތައް ޖެހުމުން ބޮލުގައި ރިއްސާގޮތްވެއެވެ.

"ކުޅި ނޫޑުލްސްއެއް ހަދައިލަނީތަ އަދާ؟ ނިކަން އަވަހަށް ތި ކައިގެން މަންމަ ކޮޓަރިއަށް ދުވެފައި އާދެބަލަ. އުފަލުން ހޭނެތޭފަދަ ޚަބަރެއް ހިފައިގެން މަންމަމިއައީ...."

އަރޫޝާ ލައިގެން ހުރި ހެދުން ބަދަލުކޮށްލާފައި ހަރުވާޅަކާއި ޓީޝާޓެއްލައިގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގަން ހުރިިއިރު ޚިޔާލީ ވާފަށް ނިކަން ދުރަށް އެއްލައިލެވިއްޖެއެވެ. އެކަނި ހުރެ ހެވުނުތަނާ އަދާރާ ނޫޑުލްސްތަށި ކަމުން އެތެރެއަށް ވަނެވެ. އޭނަގެ މަންމައަށްވެސް މޫނު ނުދައްކަންވެގެން އޭނަ ކަނީ ފޮތިކޮޅުގެ ދަށުންނެވެ.

"މަންމާ..ކިިހިނެއްވީ؟ އުފަލުން ހޭނެތެންޏާ ކުރީބައިގާ ހޭއަރުވަން މީހަކު ގެންނަންވާނެ އިނގޭ........"

"ކައިވެންޏަކަށް މީހަކު އެހީ...."

"ނޫން ނޫން...."އަދާރާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. "ތި ލަފުޒުދެކެވެސް ރުޅިއާދެއޭ ތިހެން ނުކިޔާށޭ ކިތައްފަހަރު ބުނާނީ. މަންމައަށް ނީވޭތަ؟"

"ދަރިފުޅާ. މިފަހަރު މަންމައަށްޓަކާ. ހެޔޮނުވާނެ. މީހަކަށް ކަމެއްކޮށްދީފިއްޔާ އެކަމުގެ ބަދަލުދެއްވާނެ. މިއީ މައިމީހާ. އަދާގެ އުފަން މައިމީހާ. އަދާ މަންމަ ބުނާގޮތަށް އެންމެ ފަހަރަކު ހަދާބަލަ.އޭރުން ރަގަޅުގޮތެއް މިންވަރުކުރައްވަފާނެ. އެހެން މީހެއް އެދުނުނަމަވެސް މަންމަ ދެކޮޅުހެދީމު. އެކަމަކު ކާކުކަން އެނގޭތަ؟ ކައިވެންޏަށް އެހީ ނައިބުރައީސްގެ ދަރި އާރިސް.........."އަރޫޝާ ތަޅުންމަތީގައި އަދާރާގެ ފައި ކައިރީގައި އިށީނެވެ. އަދާރާ އެއްބަސްނުވިއްޔާ ފައިގާ ހިފައިގެންވެސް އޭނަ އެއްބަސްކުރުވާނެއެވެ.

"ވަޓް؟" އަދާރާ ކެއުން ހުއްޓާލިއެވެ. ކޮޅަށް ތެދުވުނެވެ. "މަންމަ ހަނދާންނެތުނީތަ؟ ހުސާމްއަކީ ތިބުނާ ނައިބު ރައީސް ބަލާބޮޑުކުރި ދަރި.އެމީހުންގެ ލޭ ކަމުގައި ނުވިޔަސް އޭނަ ދިރިއުޅޭނީ އެމީހުންނާއެކިީގައި ކަން މަންމައަށް ނޭގޭތަ؟ އޭނަ ހެދިގޮތް ދުވަހަކު ހަދާނެއް ނުނެތޭނެ.. އެހެންނޫނަސް ތިބުނާ އާރިސްއަށް އަހަރެންގެ މޫނު ފެނިއްޖެއްޔާ އޭނަވެސް ވަކި އެއްބަސްވާނެތަ؟ އާރިސްއަށްވެސް އަހަރެންގެ ލޯ ފެނިގެން ހިތާވީ... އަހަރެންގެ ލޯ ބޮޑުވީމަ ހުރިހާކަމެއް ނިމުނީއެއްނޫން.........."

"އާހް......." އަރޫޝާ ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ.

އަދާރާ ތަށި ދޮންނަން ސިންކު ކައިރީގައި ހުރިިއިރު އެތައް ޚިޔާލެއް އެއްފަހަރާ ސިކުނޑިއަށް އުދަގޫކޮށް ފިއްތަމުން ދިޔައެވެ. ތަގުދީރުވެސް މިކުރަނީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟ އާރިސްއަށް އޭނައަކީ ހުސާމް އެއް އިރެއްގައި ލަދުގަންނަވައިލި އަންހެންކުއްޖާކަން އެނގޭނެގެއްޔެވެ؟ ކައިވެނީގެ މޭޒުދޮށަށް އޭނަ އެއްލާލާފައި ފިލައިގެން ދިޔައީއެވެ. އެނިކަމެތިކަމާއި ލަދުވެތިކަން އަދި ހިތްދަތިކަން އޭނަގެ އުމުރުދުވަހުވެސް އޭނައާއި ވަކިވެގެނެއްނުދާނެއެވެ. ހުސާމްއަށް ޖެއްސުމަށް އާރިސްއާއި ކައިވެނި ކުރަންވީހެއްޔެވެ؟ ޖެއްސުން ކުރާވަރަށްވުރެ ލޯބިވެސް ވެއެވެ. ހުސާމް ފެންނަ ހިސާބުގައި އުޅުމުން ފަހަރެއްގައި ހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ. އެއްބަސްވާންވީކަން ނޭގެއެވެ.

އަދާރާ އެނދުގައި އޮށޯވެގެން އޮތްވާ މަންމަ ކޮޓަރިއަށް ވަދެ ބޮކި ދިއްލައިލިއެވެ.

"އަދާ. ނިދީތަ؟"

"ނުނިދަން....." އަދާރާ އޮތީ ބޮލާއި އެއްކޮށް ރަޖާ އަޅައިގެންނެވެ.

"މަންމައަށް ފެންނަނީ ކޮންމެގޮތެއްވިޔަސް މި ކައިވެންޏަށް ރުހެން...އާރިސް ފަހަރެއްގައި ހަމަ ގަބޫލުކޮށްފާނެ. އެންމެނަކީ ފުރިހަމަ ބަޔެއްނޫން. އޭނަގެ އުނިކަމެއް ނެތްކަމެއް މަންމަމެންނަށް އެނގޭތަ؟"އާރިސްގެ ނަފްސާނީ މައްސަލައެއް ހުރިކަން އެނގުނަސް އެވާހަކަ ދައްކަން އަރޫޝާ ބޭނުމެއްނުވިއެވެ.

"މިރޭ ތިކަމާ ވިސްނާނަން."

"މާދަން މޯނިންއަށް މަންމަ ގެންނާނަން ޑޯނަޓަކާއި ޗީޒްކޭކެއް....އަދާއަށް މީރީ ދެންް ކޯންޗެއް؟"ކުއްލިއަކަށް މަންމަ އޭނައަށްޓަކާ ދުނިޔޭގައި ހުރި އެންމެ "ބެސްޓް" މަންމަކަމުގައި ވެއްޖެއެވެ. ކުރިންވެސް މަންމައަކީ އޭނަދެކެ އެންމެ ލޯބިވާ ހެޔޮއެދޭ އިންސާނާކަމުގައި އަދާރާވެސް ގަބޫލުކުރެއެވެ. ނަމަވެސް މަންމަގެ އަވަދިނެތް ތާވަލްގެ ސަބަބުން ގޭގެ މަސައްކަތުގެ ބޮޑުބައިގައި ހިފަންޖެހިފައި އޮތީ އޭނައަށެވެ. މިއަދު މިއައި ހުށަހެޅުމަކާއިއެކު އޭނަ ރަސްދަރިކަނބަލަކަށް ހަދައިގެން މަންމަ އޭނަގެ ޚިދުމަތުގައި އަތުކުރި އޮޅާލައިފިއެވެ. އޭނަ ނުބުނަނީސް ދާ ހެދުންތަކާއި އެއްޗެއި ނަގާ ދޮންނަން ގެންގޮސްފިއެވެ.

***

އިރުގެ ރަން ދޯދިތައް ބިއްލޫރިތައް ފުރާނާލާފައި ކޮޓަރިތެރެއަށް ފަތުރަމުން ދަނީއެވެ. މޭޒުކައިރީގައި ހުރި ގޮނޑިއަކަށް ދެފައި ވައްކޮށްލައިގެން އަރާ އިން އަދާރާގެ ދޮން އަތުގައިވި ރަންލޯލިތަކަށް އަލި އެޅުމުން ވަކިން ރީތިކޮށްވިދައެވެ. ހުދުކުލައިގެ ޓީޝާޓަކާއި ޖިންސްފޮތީގެ ހަރުވާޅެއްލައިގެން އިންއިރު ކަދުރާގައި ހިމަ ފަށެއް އޮތެވެ. އެއީ އޭނަ އަތުގައިވި ހުސާމް ގެ ހަނދާނެކެވެ. ހުސާމް އަމިއްލަ އަތުން އަޅުވާދިން ފަށެވެ. ކޮފީތަށި ލަސްލަހުން ބޮމުން ދިޔައިރު ދޭތެރެއަކުން ފަށާއި ކުޅެލައެވެ.

"އަދާ.....ހޭލީތަ؟"

"މިއިނީ ކޮފީ ހަދައިގެން ޑޯނަޓާއި ކޭކުގެ އިންތިޒާރުގައި..."

"މަންމައަށް ރޭ ނުވެސް ނިދުނު. ފިކުރުބޮޑުވީވަރުން. މި ކައިވެންޏާއި ދަރިފުޅު ދެކޮޅުހަދައިފިއްޔާ މަންމައަށް ވާނެ ގެއްލުމަކާއިމެދު ވިސްނަން އޮވެވުނީ. މަންމަ އޯޑަރުދީގެން މިހިރީ. އިރުކޮޅަކުން ލިބޭނެ..." އަރޫޝާ ކުރިމަތީގައި ހުރި ގޮނޑީގައި ޖައްސައިލިއެވެ. އަދާރާ އަނގަ ހުޅުވައިލުމުންވެސް ހިތް ތެޅިގަތްވަރުން އަރޫޝާއަށް މޭގައި ފިރުމައިލެވުނެވެ.

"ޔާﷲ.......ޔާ ﷲ.." އަރޫޝާއަށް ހިތާހިތުން ދުޢާކޮށްލެވުނެވެ. އޭނަ ރޭ ތަހައްޖަދުކޮށްގެން އެތައްފަހަރު ހެއްދެވިފަރާތަށް އާދޭސްދަންނަވާ ދުޢާކޮށް އެތައް ކަރުނައެއް އޮއްސާލީ އެކަމަށް އެދިއެދި ހުރިވަރުންނެވެ.

"އަހަރެން ގަބޫލު ....." އަދާރާގެ ދެލޮލުން އެއްވެސް އަސަރެއް ނުފެނުނެވެ.

"އަދާ...."

"އާނ. މަންމަ ތިއިނީ ހުވެފަނަކު ނޫން. އަހަރެންވެސް ހޭލާ އިންނަތާ ވަރަށް ގިނައިރުވެއްޖެ. އެހެނެއްވެސް ނޫން. ރޭ އެންމެ ފަހަރަކުވެސް ނިދާނުލެވުނީ. ހަޔާތުގައި އައި އެންމެ ބޮޑު ޑިޒިޝަން ނަގަން ޖެހުމުން އެހާ އަވަހަށް ގޮތެއް ނުނިންމުނީ...މަންމަ ހެޕީތަ؟"

އަރޫޝާގެ އުފާވެރިކަން އޭނަގެ އަމަލު ހެކިދިނެވެ. ތެދުވެގެންގޮސް އަދާރާގެ ހަށިގަނޑުގައި އަތް ވަށައިލުމާއެކު އުފާވެރިކަމުގެ ކަރުނުން ލޯ ބަރާވިއެވެ. އޭނަގެ ދުޢާ މާތްﷲ އިޖާބަކުރެއްވީ އެއްލި ދުނިދަނޑިފަދައިންނެވެ.

އަރޫޝާ ވަގުތުން ޝުވޭކާރުއަށް ގުޅާފައި އެ އާއިލާގެ ޖަވާބު އިއްވިއިރު އޭނަގެ ހިތުގެ ތެޅުމުގެ އަޑު އަމިއްލަ ކަންފަތުގައި ގުގުމައިލިއެވެ.

"މަންމާ. އެއްވެސް ކަމަކަށް މާ ބޮޑަށް އުއްމީދުކޮށް ޔަގީންކަން ބާއްވަން ނުވާނެ. އަދި އެ އާރިސްވެސް ހުސާމްފަދައިން އެންމެ ފަހު ވަގުތު ހަދާނެގޮތެއް އެނގެނީއެއްނޫން. މިއަދު މިއަދަށް އުޅެން މަންމަވެސް އަޅުގަނޑުކައިރިން ދަސްކުރަންވާނެ. ސަބަބަކީ މާޒީއަކީ ހަގީގަތުގައި އޮތް އެއްޗެއްވެސް ނޫން. އެ ވަގުތުތައް ފާއިތުވެގެން ހިނގައްޖެ. އަބުރާ ދެނެެއް ފަހަތަކަށް ނުދެވޭނެ. ހަނދާންތަކާއި މަންޒަރުތައް ސިކުނޑިއާއި އެހެން ތަންތާ ރައްކާނުކުރެވޭނަމަ މާޒީ ނެތް އެއްޗެކޭވެސް ބުނެވިދާނެ. މުސްތަގުބަލްވެސް އެހެން. އެހެންވެ އެވަގުތުން ވަގުތަށް އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެން އުޅެންވަނީ......" އަދާރާ ވާހަކަދައްކަމުންގޮސް ހީގަތެވެ. "އޮންލައިން ނޫހެއްގައި އިން ތަންކޮޅެއް މިކިޔައިލީ...."

"ތިބުނީނު ވަގުތުން ވަގުތަށޭ އުޅެންވާނީ، އެހެންވެއޭ މަންމަ އުފާމިކުރަނީ. އާރިސް ނޫނެކޭ ބުނި ދުވަހަކުން މަންމަ ރޯނީ. މިހާރުން ފެށިގެން ކުރިއަށް ވާން އޮތްކަމަކާއިމެދު ވިސްނާންވެއްޖެއްޔާ މާޔޫސްވާނީ..."

"މަންމަވެސް ފިލޯސަފަރަކަށްވެއްޖެ...." އަދާރާ ހިނިތުންވެލިއެވެ.

***

އެ އާއިލާއަކީ ދިރިއުޅުމުގެ ހުރިހާ ކަމަކުން ހުޅަނގުގެ ވައްޓަފާޅި ފެންނަ ބަޔެއްކަމަށާއި ދީނީ ކުލަ އެއްވެސް ވަރަކަށް ޖެހިފައިނުވާކަމަށް ބަޔެއް ކަމަށް ސިފަކޮށް އިދިކޮޅު ނޫސްތަކުގައި މަލާމާތްކުރެއެވެ. އައްޔާޝް މިސްކިތަށް ގަވާއިދުންގޮސް އަޅުކަމަށް ފަރުވާބަހައްޓާވަރުން ޝުވޭކާރަށް ފަޚުރުވެރިކަމެއް ލިބުނީ އެހެންވެއެވެ. އައްޔާޝްގެ އުޅުން މަޑުމަޑުން ބަދަލުވަމުން ހަރުދަނާވަމުންދަނީ ކީއްވެކަމެއް ޝުވޭކާރަކަށް ނޭގެއެވެ. އެނގެނީ ކުރިއާއި ބަލާއިރު ކުޅިވަރާއި މަޖަލާއި ދުރުވެ ދީނާއި ގާތްވާންފެށިކަމެވެ.

ހުކުރުނަމާދަށް އެންމެން ދާން ތައްޔާރުވަމުން ދިޔައިރު އާރިސް ކިންގްސައިޒް ބެޑް އެއްކޮށް ހިފާލައިގެން ރަޖާދަށުގައި ނިކަން އަރާމު ނިންޖެއްގައި އޮތެވެ.

"އާރިސް.....ތެދުވެބަލަ. އެންމެން ހުކުރަށް ދާން ރެޑީވަނީ..." ޝުވޭކާރު އާރިސްގެ ގައިމަތިން ރަޖާނެގިއެވެ.

"މަމް......"އާރިސް ރުންކުރުއަޑަކުން ގޮވައިލިއެވެ.

"ޒުވާން ނާއިބުރައީސްއާއިއެކު ހަތަރު ފިރިހެންދަރިން އެކީ ހުކުރަށް ކުރީ ސަފުގައި ތިބުމުން ވާނެގޮތް އެނގޭތަ؟"

"ނޭގޭ..."އާރިސް ކަންނޭލުގައި ބައްދައިގަތެވެ.

"ޔަގީނުންވެސް ކައުނު ނޫހުގައި ހެޑްލައިން އަޅައިލާނެ. ސަރުކާރާއި އިދިކޮޅު ނޫހެއްވީމަ އާއްމުކޮށް އެކަހަލަ ރަގަޅުކަމެއް ފާހަގަކުރަން ބޭނުންނުވިޔަސް އެމީހުން ތިބޭނީ ޖޫސީ ސްޓޯރީއެއް ނުފެނިގެންވިއްޔަ. ނާއިބުރައީސްއާއި ދަރިން ހުކުރުނަމާދަށް ތިއްބާ ފޮޓޯތައް ލާން ފަށައިފިއްޔާ ލާދީނީ ޓެގްވެސް ނެއްޓިދާނެ. އެހެންނޫނަސް މިހާރު އެންމެނަށް އާރިސް މިއުޒިކް ކުޅޭކަން އެނގިއްޖެ...މިނަލްގެވެސް އެ ޓެލެންޓް އެބަހުރޭ. މިއާއިލާއަކީވެސް ލަވަކިޔުމާއި މިއުޒިކްގެ ހުނަރު ތިބިބަޔެއް އެކަމަކު އެ އާޓްގައި ކުރިއަށް މިދަނީ މަންމަގެ އާރިސް............"ޝުވޭކާރު އާރިސްގެ ބޯ އިސްތަށިގަނޑުގައި އަތުން ފުނާ އަޅައިލިއެވެ. "އަވަހަށް ތެދުވޭ......."

އާރިސްއަށް އެނދުގައި ނޯވެވޭނެކަން ޔަގީންވުމުން ރަޖާ އެއްލާލާފައި ފާޚާނާއަށް ވަންނާން ހިނގައިގަތެވެ.

އާރިސްވެސް މަންމަގެ ބަސް އަހައިގެން ހުކުރުކުރަން ދިޔައިރު ކުރީ ސަފަކުން ޖާގައެއް ނުލިބުނެވެ. އެހެންނޫނަސް އޭނަ އެގޮތަށް ފޮޓޯތަކަށް އަރަން ބޭނުމެއްވެސް ނޫނެވެ. އައްޔާޝްމެންވެސް އެގޮތް ބޭނުންވާނެހެން ހިޔެއްނުވެއެވެ. ދީނީ އަޅުކަންތައްތަކަކީ ދެއްކުންތެރިކަން އެކުލެވެން ޖެހޭކަމެއް ނޫނެވެ. އަދި އަޅުކަމުގައި ތިއްބާ ފޮޓޯތައް ލުމަކީވެސް ރަގަޅުކަމެއްކަމަށް އޭނަވެސް ނުދެކެއެވެ. އެހެންނޫނަސް އޭނަ ނަމާދުކުރިޔަސް ކުރަނީ އެހާ ކުރާހިތަކުންނޫނެވެ.

ހުކުރު ދުވަހު މެނޫ ވަރަށް ފުރިހަމައެެ. ތަފާތު ވައްތަރުގެ ކާއެއްޗެހިން ބޮޑު ސުފުރާ ފުރާލާފައެވެ. އެންމެން މޭޒުގައި އެމީހެއްގެ ގޮނޑީގައި އިށީދެ ހަމަޖެހުމުން ކެއުމަށް އިންސާފުކުރަންފެށިއެވެ. އާރިސްގެ ތަށްޓަށް ކާން އަޅާދޭން ޖެހުނީ ޝުވޭކާރުއެވެ. އާރިސް ފޯނާއި ކުޅެން އިނީއެވެ. ދޭތެރެއަކުން ސިހިފައި ފަހަތަށް ބަލައިލައެވެ.

"ދަރިފުޅާ. ކައިބަލަ...."މައިމޫން އެދުނެވެ.

"ޕޮއިޒަން......."އާރިސް ކުރު ޖަވާބެއްދިނެވެ.

"ޕޮއިޒަންއޭ.....އެއްކަލަ އާރިސްގެ ޑީމަންސްތައް އެހެން ކިޔަނީތަ؟ ސީރިޔަސްކޮށް ޑްރަގްސްގެ ސަބަބުންވާކަމެއްތަ؟" ހުސާމްއަށް މަޖާވިއެވެ.

"ދަރިފުޅު ހިކެނީ އެހެންވީމަ. ހެދުންތައްވެސް ދޫވާން ފަށައިފި. އާރި މަންމަ ކައިރީ ބުނީމެއްނު އަދާރާގެ ވާހަކަ....މަންމަ އެކުއްޖާގެ މަންމައާއި ވާހަކަދައްކައިފިން....."

"އަޅުގަނޑު މަންމަ ކައިރީ ބުނިންތަ؟" އާރިސް ބުމަކައިރިކޮށްލިއެވެ.

"އަދާރާ ގަބޫލު. އެހެންވެ މަންމަމެން މިއުޅެނީ ކައިވެނި ހަމަޖައްސަން...."

"މަންމާ. އަޅުގަނޑު ކިހިނެއް މީހަކާއި އިންނާނީ؟ ހަގީގަތަކީ އަދި ޚިޔާލަކީ ކޮބައިކަމެއްވެސް ނޭގޭ ހިސާބަށް މިދަނީ. އައި ތިންކް މި ޑިޕްރެޝަންއަށް ކާ ބޭހަކުން އަސަރެއް ނުކުރޭ. ކޮންމެވެސް އެހެން މައްސަލައެއްކަން ނޭގޭ. މިއީ ނޯމަލްކަމެއްނޫން...." އާރިސް ތެދުވެގެންގޮސް ކުޑަދޮރު ކައިރީ ހުއްޓި ބޭރަށް ބަލަންފެށިއެވެ.

މިނަލްއާއި މާކްވެސް އެކަކު އަނެކަކަށް ބަލައިލިއެވެ.

"މަންމާ. އަޅުގަނޑުގެ އެކުވެރި ރާގީއެއްހުރޭ. އޭނަ ގެނެސްގެން ކިޔަވައިލީމަ ރަގަޅުވާނެ.............."އައްޔާޝްގެ ޖުމްލައިން ޝުވޭކާރުވެސް ސިހޭގޮތްވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު