ތިނަދޫން މީހުން ބޭލުވި މައްސަލައިގައި ނުވަ މީހެއްގެ ބަޔާން ނަގައިފި

އޮމްބަޑްސްޕާސަން އޮފީހުން ބަޔާން ނެގުން ކުރިއަށްދަނީ -- ފޮޓޯ/ އޮމްބަޑްސްޕާސަން އޮފީސް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ތަހުގީގުކުރާ ގދ. ތިނަދޫން މީހުން ބޭލުވި މައްސަލައިގައި ނުވަ މީހެއްގެ ބަޔާން ނަގައިފިއެވެ.

އެ އޮފީހުން ބުނީ އެ ނުވަ މީހުންގެ ބަޔާން ނަގައިފައިވާނީ މިދިޔަ މަހުގެ 16 އިން 26ގެ ނިޔަލަށް ބޭއްވި އަޑުއެހުންތަކުގެ ތެރެއިންކަމަށެވެ.

އެ އަޑު އެހުންތަކުގައި މައުލޫމާތު ހޯދަން މަސައްކަތްކޮށްފައިވަނީ އެ ހާދިސާގެ ތެރެއިން ހިނގާފައި ހުރި އިންސާނީ ހައްގުތަކަށް އުނިކަން އަންނަފަދަ ކަންކަމާއި މިނިވަންކަމުގެ އެންމެ އަސާސީ ހައްގުތަކަށް ހުރަސް އެޅުމަށް ކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް އެ އޮފީހުންވަނީ ބުނެފައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް، "ސަން"އަށް މީގެ ކުރިން ވިދާޅުވީ ތިނަދޫން މީހުން ބޭލުވި ހާދިސާއަށް އެކަނި އަމާޒު ކޮށްގެން އެ މައްސަލައިގެ ހަގީގަތާ ހަމައަށް ވާސިލުނުވެވޭނެ ކަމަށާއި އެހެންކަމުން އަޑުއެހުންތައް ކުރިއަށް ގެންދެވޭ ގޮތް އިތުރަށް ބަލައި މަޝްވަރާ ކުރުމަށްފަހު އެ ފުރުސަތު ފުޅާ ކުރުމަށް ނިންމީ ކަމަށެވެ.

ތިނަދޫން މީހުން ބޭލުވި މައްސަލަ، އިންތިގާލީ އިންސާފުގެ އޮމްބަޑްސް ޕާސަންގެ އޮފީހަށް ހުށަހެޅީ އެ ރަށުގެ ކައުންސިލުންނެވެ. އެ ހުށަހެޅުމުގައި މައިގަނޑު ހަތަރު ކަމަކަށް އެދިފައިވެއެވެ. އޭގެ ތެރޭގައި، މާލޭގައި ހުންނަ ވެލާނާގޭގެ ނަން "ގދ. ތެނަދޫ" ވެލާނާގެއަށް ބަދަލުކުރުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން އެ ކަމަށް ދިވެހި ދައުލަތުގެ ފަރާތުން، ތިނަދޫ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށާއި، ނިގުޅައިގަނެފައިވާ ހައްގުތައް ހޯދައި ދިނުމަށާއި، އެކަމުގައި ބައިވެރިވި މީހުންގެ މުދަލާއި ބިންތަކުން ލިބޭ 50 އިންސައްތަ ފައިދާ ތިނަދޫ ރައްޔިތުންނަށް ދާއިމަށް ލިބޭނެ ގޮތް ހެދުމަށް ވެސް އެ ހުށަހެޅުމުގައި އެދިފައިވެއެވެ.

comment ކޮމެންޓް