ރާއްޖެ ބަނގުރޫޓެއް ނުވާނެ، ވާދަވެރިންގެ ވާހަކައިގައި ހަގީގަތެއް ނެތް: ރައީސް

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވާހަކަފުޅު ދައްކަވަނީ ---

ރާއްޖެ ބަނގުރޫޓުވާނެކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށާއި ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިހާރަކީ މުޅި ދުނިޔެ ވެސް އިގްތިޞާދީ ދަތިކަމެއްގައި އޮތް ދުވަސްވަރެއްކަމަށެވެ. އަދި ރާއްޖެއަށް ވެސް ކުރަނީ އޭގެ އަސަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ސަރުކާރުގެ ވާދަވެރިން އެ ކަންކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުން ލިބޭ ގެއްލުން މާ ބޮޑުކަން ފާހަގަކުރެއްވިއެވެ.

"ރާއްޖެ ބަނގުރޫޓްވެ އިގްތިޞާދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެކަމުގެ ބިރު، އަބަދާ އަބަދު ރައްޔިތުންނަށް އެބަދައްކާ. ނަމަވެސް ސަރުކާރު މި އޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާ. އެފަދަ ކޮންމެ ހާލަތަކުން އަރައިގަތުމަށް އެހިނދަކަށް ބޭނުންވި ފިޔަވަޅެއް މިދަނީ އަޅަމުން. މިހާތަނަށް ކުރިމަތިވި މިފަދަ ކޮންމެ ކަމަކުން އިރާދަކުރެއްވީތީ އަރައިގަނެވިއްޖެ. އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިގްތިޞާދީ މީޓަރުން ދައްކަމުން އެބަދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ޚަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެކުލެވޭ ބަޖެޓެއްކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ޞާލިހް

އަދި ބަޖެޓު ތަންފީޒުކުރާނީ މާލީ އިދާރާތަކުގެ ލަފާއާއެކު ރައްޔިތުންނާއި އިގްތިޞާދަށް އޭގެ ބުރަ އުފުލަން ނުޖެހޭ ގޮތަށްކަމަށް ވިދާޅުވިއެވެ.

"ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވާނީ ހުށަހަޅާފައި. ދައުލަތަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ޓީޖީއެސްޓީގެ ގޮތުގައި. ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒަރވްއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު މިހާތަނަށް ސަރުކާރަށް ހޯދުނު ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ގައުމުގައި ގާއިމްވެފައި އޮތް ހަމަޖެހުންކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ޚިޔާލު ތަފާތުވުން އެއް ފަރާތްކޮށް، އެންމެ ބޮޑު މަސްލަހަތަކީ ގައުމީ މަސްލަހަތުކަން ފާއިތުވި ހަތަރު އަހަރުން ސާބިތު ކޮށްދެވިއްޖެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް