ޕާޓީ ކުރި މައްސަލަ: ރިޝްފާގެ ބަންދަށް ފަސް ދުވަސް، ހުނޫގެ ބަންދަށް ހަތް ދުވަސް

ރިޝްފާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަސް އަދި ހުނޫގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ޖަހާފައި--- ފޮޓޯ

މަސްތުވާތަކެތި ބޭނުންކޮށެގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާއާއި ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) އަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އެ މައްސަލައިގައި ރޭ ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އެމީހުންގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރި ރިޝްފާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. އަދި ހުނޫގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.

އެ މައްސަލައިގައި އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލެ އާއި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު އަންހެނަކާއި އަށް ފިރިހެނަކު މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ހުނޫ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައެއް ވެސް މީގެކުރިން ފެންމަތިވިއެވެ.

އެ ފަހަރު ހުނޫގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ހުނޫ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. ނަމަވެސް ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައި އޭނާ ވަނީ ދޫކޮށްލާފައެވެ.

އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ. ހުނޫ ކްރިމިނަލް ކޯޓުން، ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރު ކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް