އެމްއެމްޕީއާރްސީން އިނގިރޭސިވިލާތުގެ ތިން ސިޓީއެއްގައި ޚާއްސަ ރޯޑްޝޯތަކެއް ބާއްވައިފި

އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެމްއެމްޕީއާރްސީން އިނގިރޭސިވިލާތުގެ ތިން ސިޓީއެއްގައި ޚާއްސަ ރޯޑްޝޯތަކެއް ބޭއްވުން--- ފޮޓޯ/ ވިޒިޓްމޯލްޑިވްސް

އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެމްއެމްޕީއާރްސީން އިނގިރޭސިވިލާތުގެ ތިން ސިޓީއެއްގައި ޚާއްސަ ރޯޑްޝޯތަކެއް ބާއްވައިފިއެވެ.

އެ ސިލްސިލާ ރޯޑްޝޯތަކުގެ ފުރަތަމަ ޝޯ އޮތީ 'ޑަބްލިއުޓީއެމް 2022'ގެ އެންމެ ފަހު ދުވަހާ ދިމާކޮށް މިދިޔަ ބުދަ ދުވަހު ލަންޑަނުގައެވެ. އަދި ދެވަނަ ޝޯ މެންޗެސްޓާގައި އިއްޔެ ބާއްވާފައިވާއިރު ނިއުކާސަލްގައި މިއަދު ވަނީ އެ ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯ ބާއްވާފައެވެ.

'ކަނެކްޓް ވިތު މޯލްޑިވްސް، ޔުއާ އަލްޓިމޭޓް ޑެސްޓިނޭޝަން'ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ރޯޑްޝޯތަކަކީ އިނގިރޭސިވިލާތުގެ ޓްރެވަލް ޓްރޭޑާ އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއާ ބެހޭގޮތުން އެ ފަރާތްތައް އަހުލުވެރިކޮށް، އެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ބުކިންތައް އިތުރުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އެ ރޯޑްޝޯތަކުގައި 11 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ. އަދިި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑްތައް އިތުރަށް އިޝްތިހާރުކޮށް، މަންޒިލްގެ އެންމެ ފަހުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައް އެމްއެމްޕީއާރްސީ އާއި އިންޑަސްޓްރީގެ ބައިވެރިން ވަނީ މާކެޓް ކޮށްފައެވެ.

އެ ހަރަކާތް ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު ހަރަކާތް ފަށަފައިިވަނީ މަންޒިލާއި އިންޑަސްޓްރީ ޕާޓްނަރުންގެ ތައާރަފާއެކުގައެވެ. އެއަށްފަހު ރާއްޖެއާ ބެހޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ބައިވެރިންނަށް ވަނީ ދައްކާލައިފައެވެ.

އެ ޕްރެޒެންޓޭޝަނުގައި ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތަކާއި މަންޒިލާ ގުޅޭ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިނަށް ވަނީ އަލިއަޅުވާލާފައެވެ. އަދި ރާއްޖޭގެ ޖަޒީރާ ރަށްތަކުން ފަތުރުވެރިނަށް ލިބޭ ރައްކާތެރިކަން ވެސް ރޯޑްޝޯ ސިލްސިލާގައި ވަނީ އިޝްތިހާރު ކޮށްފައެވެ. ނިންމާލުމުގެ ކުރިން ކޮންމެ ރޯޑްޝޯއެއްގައި ވެސް ޚާއްސަ ގުރުއަތެއް ނަގައި، ނަސީބުވެރި ދެ ފަރަތާކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހަދިޔާ ކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ރޯޑްޝޯތަކުގެ ބޭނުމަކީ އިނގިރޭސިވިލާތް، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މާކެޓުގެ ގޮތުގައި ދެމެހެއްޓުމާއި، އެ މާކެޓުގެ ޓްރެވަލް އޭޖެންޓުންނާއި އިންޑަސްޓްރީގެ ޕާޓްނަރުންނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ. އަދި އެއީ އިނގިރޭސިވިލާތަށް އެމްއެމްޕީއާރްސީން ގެންގުޅޭ މާކެޓިން ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މިމަހުގެ ދެވަނަ ދުވަހާއި ހަމައަށް އިނގިރޭސިވިލާތުން ރާއްޖެއަށް 147،535 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން މި އަހަރު ޒިޔާރަތް ކުރި މާކެޓެވެ. އަދި އެއީ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ޖުމްލަ 1.4 މިލިއަން ފަތުރުވެރިންނަށް ބަލާއިރު މާކެޓް ހިއްސާގެ 10.9 ޕަސެންޓެވެ.

އެމްއެމްޕީއާރްސީން އަންނަނީ އެ މާކެޓަށް އަމާޒުކޮށްގެން މަންޒިލްގެ މަގުބޫލުކަން ދަމަހައްޓައި، އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި އެގައުމުގެ ބާޒާރުގައި ބާއްވާ ފެއާތަކާއި މައުރަޒުތަކުގައި ބައިވެރިވުން، މާކެޓް ކެމްޕޭންތައް އަދި ސޯޝަލް އާއި ޑިޖިޓަލް މީޑިއާ މާކެޓިން ކެމްޕޭންތައް ހިމެނެއެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ވެސް އެ މާކެޓުގައި އެފަދަ ހަރަކާތްތައް ހިންގުމަށް ރާވާފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. އޭގެތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން އެކި ގައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކާއި، މާކެޓިން ކެމްޕެއިންތައް ވެސް ހިންގާފައިވެއެވެ.

comment ކޮމެންޓް