ޒަމާންތަކަކަށް ފަހު އަނެއްކާވެސް މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފި

އިހުގައި ހުރި ގޮތަށް މެދު ޒިޔާރަތުގައި ދިދަ ނަގަން އިއްޔެ ވަނީ ފަށާފައި ---

ޒަމާންތަކަކަށް ފަހު މާލޭގެ މެދުޒިޔާރަތުގައި އިހު ހުރި ގޮތަށް އަނެއްކާވެސް ދިދަ ނަގަން ފަށައިފިއެވެ.

އެތައް އަހަރުތަކަކަށް ފަހު މެދު ޒިޔާރަތުގެ ދިދަނަގަން އަލުން ފެށީ އިއްޔެއެވެ. އެގޮތުން އެ ޒިޔާރަތުގައި ހުންނަ ދިދަ ދަނޑިތަކުގައި މިހާރު ހުރީ ރާއްޖޭގައި އެންމެ އިހުޒަމާނުގައި ވެސް ހުންނަ ގޮތަށް ހުދު ދިދަ ނަގައިފައެވެ.

އެންމެ އިހުގައި ދިދަ ނެގުމަށް ފަހު ދިދަ ނެގުން ހުއްޓާލި ވަކި ސަބަބެއް ސާފެއް ނުވެއެވެ. އަދި ދިދަ ނެގުން ހުއްޓާލި ވަކި ތާރީޚެއް ވެސް ސާފެއް ނުވެއެވެ.

މެދު ޒިޔާރަތުގައި ދިދަ ނުޖައި ވަނިކޮށް ---

ނަމަވެސް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އޮފިޝަލު އިސްމާއީލް ނާއިލް މިއަދު "ސަން"އަށް ވިދާޅުވީ މެދު ޒިޔާރަތުގައި ދިދަ ނުނަގާތާ ތިރީހަކަށް އަހަރު ވެދާނެ ކަމަށެވެ.

ނާއިލް ވިދާޅުވީ އެހާ ދުވަސް ފަހުން އިއްޔެ އަނެއްކާވެސް މެދު ޒިޔާރަތުގައި ދިދަ ނަގަން ފެށީ، ޖުމްހޫރީ ދުވަހާ ގުޅުވައިގެން، އެންމެ ކުރިންސުރެ ވެސް ރާއްޖޭގައި ހުރި ތާރީޚީ ތަންތަން އޭރު ހުރިގޮތަށް ދެއްކުމުގެ ބޭނުމުގައި ކަމަށެވެ.

"ދިދަ ނަގާ އުޅުނީ އެތަނަށް ކުރާ އިހުތިރާމެއްގެ ގޮތުން. އެތަން ދެކެ ވާ ލޯތްބާއި ކުރާ ގަދަރު ދައްކައިދިނުމުގެ ބޭނުމުގަ. އަނެއްކާވެސް މިހާ ދުވަސް ފަހުން އެތާނގަ ދިދަ މި ނެގީ ކުރިން ހުރި ގޮތަށް އެތަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވިއެވެ.

ނާއިލް ވިދާޅުވި ގޮތުގައި މެދު ޒިޔާރަތުގެ އިތުރުން އިހުގައި ދިދަ ނަގައި އުޅުނު ކޮންމެ ތަނެއްގައި ވެސް ދިދަ ނަގާނެއެވެ. އަދި މަގުސަދަކީ ދިވެހިންގެ ތާރީޚާއި އާދަކާދަ އިހުގައި އޮތް ގޮތަށް މިހާރުވެސް ދައްކައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ފެށުމާ ގުޅޭގޮތުން ތާރީޚު ދިރާސާ ކުރައްވާ، އަދި ހެރިޓޭޖް މިނިސްޓްރީގައި މަސައްކަތް ކުރައްވާ މުހައްމަދު ނާޖިހު މިއަދު "ސަން"އަށް ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީ ކޮޅުވެސް މެދު ޒިޔާރަތުގައި ދިދަ ނަގާފައި ހުންނަ ފޮޓޯތަކެއް އެބަހުރި ކަމަށެވެ. އަދި އެއީ 1980ގެ އަހަރުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެދު ޒިޔާރަތް/ ޓުވިޓާ ފޮޓޯ/ ނާޖިހު

ޒަމާންތަކަށްކަށް ފަހު އެތާނގައި ދިދަ ނަގަން ފަށައިފައިވާތީ ބައެއް ޝެއިހުން ވަނީ އެއީ ބިދުވައެއްކަމަށް ބުނެ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި އެކަން ވީހާވެސް އަވަހަކަށް ހުއްޓާލަން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ނަމަވެސް ނާޖިހު ވިދާޅުވި ގޮތުގައި އަހަރުތަކަކަށް ފަހު އިހުގައި ހުރި ގޮތަށް ދިދަ ނަގަން ފެށީ އެއްވެސް ގޮތަށް ދީނީ ގޮތަކުން ވިސްނައިފައި ނޫނެވެ.

ދިވެހިންގެ ތާރީޚުންނާއި އިހުގައި ހުރި ފޮޓޯތަކުން ވެސް ޒިޔާރަތްތަކުގަޔާއި އެހެނިހެން ހާއްސަ އެފަދަ ތަންތާގައި ދިދަ ނެގުމަކީ އިހު ޒަމާނުގައި އެކަން ކޮށް އުޅުނު ގޮތް ކަމަށް ނާޖިހު ވިދާޅުވިއެވެ. އަދި މިހާރު އަލުން އެގޮތަށް އެކަން އެކުރަނީ ދިވެހީންގެ ތާރީޚާއި ސަގާފަތް ދިރުވާ އާލާކޮށް އަންނަ އޮތް ޖީލުތަކަށް އެ ފޯރުކޮށްދިނުމުގެ ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދީނީ ގޮތުން ކުރާ ކަމެއްގެ ގޮތަަކަށް ނޫން މިކަން ކޮށް އުޅުނީއެއް. އަދި މިހާރު ދިދަ ނަގަން ފަށާފައި އެވަނީ ވެސް ދީނީ ނަޒަރަކުން ބެލުމަށްފަހުގައެއް ނޫން. އެއީ އެންމެ އިހުގައި ވެސް އެތަންތަން ހުންނަ ގޮތް. މަގުސަދަކީ ކުރީގައި ހުރި ގޮތަށް ރާއްޖޭގެ ތާރީޚާއި ސަގާފަތް އިއާދަކުރުން،" އޭނާ ވިދާޅުވިއެވެ.

އިހުގައި މެދުޒިޔާރަތުގައި ދިދަ ނަގާފައި ހުރިއިރު ---

އެގޮތަށް ދިދަ ނަގަނީ ކީއްވެތޯ އެހުމުން ނާޖިހު ވިދާޅުވީ އެއީ އެންމެ އިހުގައި ހާއްސަ ތަންތަނުގައި ނަގާ އުޅޭ އެއްޗެއް ކަމަށެވެ. ވަކި ސަބަބަކާ ނުލައި ވެސް ހާއްސަ ތަންތަނގާއި ހާއްސަ ދުވަސްތަކުގައި ދިދަ ނަގައި އުޅުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އިހުގައި ނަގަނީ ހަމައެކަނި ހުދު ދިދަ އެކަންޏެއް ނޫނެވެ. އިތުރު އެހެން ކަހަލަ ދިދަ ވެސް ނަގައި އުޅޭ ކަމަށާއި ދިދަ ނަގަނީ ހަމައެކަނި ޒިޔާރާތްތަކުގައި އެކަނި ނޫންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރުގައި ވެސް ވަރަށް ކުރިންސުރެ ވެސް އަންނަނީ ދިދަ ނަގަމުންނެވެ.

މެދު ޒިޔާރަތަކީ މީލާދީން 1153ވަނަ އަހަރު ރާއްޖެއަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. އަދި 1692ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް ފަސްދާނުލާފައި ވަނީ ހަމަ މެދު ޒިޔާރަތުގައެވެ.

އެ ޒިޔާރަތަށް ކުރިން މީހުން ނަދުރު ބުނެ އުޅުނު ނަމަވެސް، 1957ވަނަ އަހަރު ސަރުކާރުން ވަނީ އެ ތަނަށް ނަދުރު ބުނުން މަނާކޮށްފައެވެ.

އެންމެ އިހުގައި މެދު ޒިޔާރަތް ހުރި ގޮތް ---

މެދު ޒިޔާރަތް ބިނާކުރި ސީދާ ތާރީހު އެނގިފައިނުވާއިރު ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައެވެ.

މެދުޒިޔާރަތް، މި ނަން އެ ޒިޔާރަތަށް ކިޔުނީ އިހުގައި މާލޭގެ ބޮޑު މިނުގެ ނިސްބަތުން ޒިޔާރަތްހުރީ ރަށުގެ މެދުގައި ކަމަށްވެފައި އެ ޒިޔާރަތަކީ އެހެން ޒިޔާރަތް ތަކަށްވުރެ ޚާއްސަ ޒިޔާރަތަކަށް ވީތީއެވެ.

comment ކޮމެންޓް