އައިފޯންގެ ބެޓެރީ 100 ޕަސެންޓް ކެޕޭސިޓީގައި ގިނަ ދުވަހަށް ދެމެހެއްޓޭނެ ގޮތް

އައިފޯން އެސްއީ---

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އައިފޯނު ޗާޖު ކުރަން މާ ގިނަ، ތަފާތު ގޮތްތަކެއް ނޯންނާނެއެވެ. ފޯނު ނިވެން ފެށީމަ ޗާޖުކުރަންވީއެވެ. އެކަމަކު ގިނަ ބަޔަކަށް އަދި ދަސްނުވެ އޮތް ކަމަކީ އައިފޯނެއްގެ ބެޓްރީ 100 ޕަސަންޓް ކެޕޭސިޓީއާއެކު ދެ އަހަރެއްހާ ދުވަހު ހިފެހެއްޓޭނެ ގޮތެވެ.

އެޕަލްގެ އުފެއްދުންތަކާއި ސޮފްޓްވެއާތަކަށް ޚާއްސަ ވެބްސައިޓެއް ކަމުގައިވާ މެކްވޯލްޑްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ޓިކްޓޮކް ވީޑިއޯ ކްރިއޭޓަރެއްކަމުގައިވާ ޝޯންޑްޓެކް ވަނީ އޭނާގެ އައިފޯން 12 ޕްރޯ ބޭނުން ކުރާތާ ދެ އަހަރު ފަހުން ވެސް އޭގެ އަސްލު ބެޓެރީ ކެޕޭސިޓީ 100 ޕަސެންޓްގައި ދަމަހައްޓާފައެވެ. އަދި އޭނާ ވަނީ އެގޮތަށް ބެޓެރީ ކެޕޭސިޓީ ދެމެހެއްޓުމުގެ ސިއްރު ކިޔައިދީފައެވެ.

އައިފޯން ބޭނުންކުރާ މީހުން އެމީހުންގެ ފޯނު ޗާޖްކުރުމުގައި ގެންގުޅޭ އާދަތައް ތަފާތުވެދާނެއެވެ. އެކަމަކު ގިނަ މީހުންގެ އާދައަކީ ރޭގަނޑު ނިދަން އޮށޯންނަމުން ފޯނު ޗާޖަށް ޖެހުމެވެ. އެއީ ލައިޓްނިން ކޭބަލެއް ކަމުގައި ވިޔަސް، މެގްސޭފް ސްޓޭންޑެއް ކަމުގައި ވިޔަސް، ނުވަތަ ވަޔަލެސް ޗާޖިން މެޓެއް ކަމުގައި ވިޔަސް، ގިނަ މީހުން ޗާޖުކުރާން ހަދާ ގޮތަކީ މިއީއެވެ. ހޭލެވުނު އިރަކުން ފޯނު ޗާޖަރުން ނަގަނީއެވެ. އެހާ ގިނައިރު ފޯނު ޗާޖްގައި ބެހެއްޓުމުން ހުންނާނީ ފުލްޗާޖް ނުވަތަ ސަތޭކަ ޕަސަންޓަށް ޗާޖްވެފައެވެ.

އެކަމަކު ޝޯންޑްޓެކް ބުނާ ގޮތުގައި އެއީ ފޯނު ޗާޖު ކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭނާގެ ވީޑިއޯއިން އޭނާ ގެންގުޅޭ ދެ އައިފޯނެއް ދައްކައެވެ. އޭގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ގެންގުޅޭ އައިފޯން 13 ޕްރޯގެ ބެޓެރީ ކެޕޭސިޓީއަކީ 100 ޕަސެންޓެވެ. އަދި އޭގެ ކުރީ އަހަރު އޭނާ ގަނެފައިވާ އައިފޯން 12 ޕްރޯގެ ބެޓްރީގެ ކެޕޭސިޓީއަކީ ވެސް 100 ޕަސެންޓް ކަމަށް އޭނާ ދައްކައެވެ.

އެ ދެ ފޯނާ އެއްގޮތަށް، ދިގު މުއްދަތަކަށް ބެޓެރީ ކެޕޭސިޓީ ދަމަހައްޓަން ބޭނުން ނަމަ ޝޯންޑްޓެކް ދޭ މައިގަނޑު ލަފަޔަކީ އައިފޯން އެއްގޮތަކަށްވެސް ފުލްކޮށް ޗާޖް ނުކުރުމަށެވެ. މާނައަކީ އެއްފަހަރާ ސަތޭކަ ޕަސެންޓަށް ނޭރުވުމެވެ. އޭގެ ބަދަލުގައި ނިދަން ދާއިރު 40 ނުވަތަ 50 ޕަސެންޓް ޗާޖެއް ހުރިނަމަ އެރެއަކު ޗާޖަށް ނުޖެހުމަށްވެސް އޭނާ ބުނެއެވެ. ދެން ޖެހިގެން އަންނަ ދުވަހު ބެޓެރީ އައިކަން ރަތްވުމުން ކޮންމެވެސް ވަގުތެއްގައި ފޯނު ޗާގު ކުރުމަށް އޭނާ ލަފާދެއެވެ.

އެގޮތަށް ލަސްލަހުން އައިފޯން ޗާޖްކުރާނަމަ ބެޓެރީއަށް މައްސަލައެއް ދިމާ ނުވާނެ ކަމަށާއި، ގިނަދުވަހު ބެޓްރީ ހަލާކުނުވެ ސަތޭކަ ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް އޭނާ ބުނެއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ ރޭގަނޑު ޗާޖުކުރަން ޖެހިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ އެޕަލްގެ ޑިވައިސްތަކަށް ޚާއްޞަ ކޮށްފައިވާ އިންޓެލިޖެންޓް ޗާޖިން މެނޭޖްމަންޓް ބޭނުންކުރުން ކަމުގައެވެ. އެ މެނޭޖްމެންޓުން 80 ޕަސެންޓާ ހަމައަށް ފޯން ޗާޖު ކުރުމަށް ފަހު އިތުރަށް ޗާޖު ކުރުން ފަސްކުރާނެއެވެ. ނަމަވެސް ޗާޖު ކުރުން އެއްކޮށް ނުހުއްޓި، ގިނަ އިރުވާ ވަރަކަށް ޗާޖު އިތުރުވަމުންދާނެއެވެ.

އައިފޯންގެ ބެޓެރީގެ އުމުރު ދިގުކުރުމަށް އަޅާނެ އެހެން ފިޔަވަޅުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން ބެކްގްރައުންޑްގައި ހިނގާ އެޕްތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ އެޕްތައް ހުއްޓުވިދާނެއެވެ.

އައިފޯނުގައިވާ ލޯ ޕަވާ މޯޑުން ބެކްގްރައުންޑް އެޕްތައް ހުއްޓުވޭނެއެވެ. އެ ފީޗާ ބޭނުންކުރެވޭނީ ކޮން އެޕްތަކަށް އަމާޒުކޮށްކަން އައިފޯން ސެޓިންސްއަށް ގޮސް، ޖެނެރަލްއަށް ފިއްތައި، ބެކްގްރައުންޑް އެޕް ރިފްރެޝް އިން ޚިޔާރު ކުރެވޭނެއެވެ.

ބެކްގްރައުންޑް އެޕް ރިފްރެޝް ނިއްވާލުމުން އެ ފޯނުގައި އެކްޓިވްކޮށް ބޭނުން ނުކުރާ އެޕްތައް އަޕްޑޭޓް ނުކުރެވޭނެއެވެ. އެފަދަ އެޕްތައް ހިނގަން ފަށާނީ އަނެއްކާވެސް އަލުން ހުޅުވުމުންނެވެ.

comment ކޮމެންޓް