ވަރާން އާއި ސާލިބާ ހިމަނައިގެން ފްރާންސް ސްކޮޑް އިއުލާނުކޮށްފި

ފްރާންސް ޓީމް ސްކޮޑްގައި ހިމެނޭ ބައެއް ކުޅުންތެރިން-- ފޮޓޯ ފުޓްބޯލް365

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ތައްޔާރުވާ ފްރާންސް ޓީމުގެ ސްކޮޑް ރަފައެލް ވަރާން އާއި ވިލިއަމް ސާލިބާ ހިމަނައިގެން އިއުލާނުކޮށްފިއެވެ.

ފްރާންސްގެ ކޯޗް ޑިޑިއޭ ޑިޝޭމްޕްސް ފްރާންސް ސްކޮޑްގެ 25 ކުޅުންތެރިންގެ ނަން އިއުލާނުކުރިއިރު، އެންމެ ފާހަގަކުރެވުނީ އަނިޔާގައި ހުރި، މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ރަފައެލް ވަރާން ސްކޮޑަށް ނެގުމެވެ. ވަރާންއަށް އަނިޔާވެފައިވަނީ ޕްރިމިއާ ލީގްގައި މިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑް ޗެލްސީއާ ދެކޮޅަށް ކުޅުނުމެޗުގައެވެ. އެމެޗަށްފަހު ޔުނައިޓެޑުގެ ފަރިތަކުރުންތަކަށް ވަރާން ބައިވެރިވެފައެއް ނުވެއެވެ.

ޑިޑިއޭ ޑިޝޭމްޕްސް ވޯލްޑްކަޕަށް ނެގި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، އާސެނަލްއަށް ކުޅޭ ސާލިބާ، ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭގެ އިތުރުން އޮލިވިއޭ ޖީރޫވެސް ވެސް ހިމެނެއެވެ.

ވޯލްޑްކަޕަށް ނެގި ފްރާންސް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ:

- ގޯލްކީޕަރުން: ހޫގޯ ލޮރިސް، ސްޓީވް މަންޑަންޑާ އަދި އަލްފޯންސޯ އަރެއޯލާ

- ޑިފެންޑަރުން: ރަފައެލް ވަރާން، ޑަޔޮޓް އުޕަމެކާނޯ، ލޫކަސް ހެނާންޑެޒް، ތިއޯ ހެނާންޑޭޒް، ޕްރެންސެލް ކިމްޕެންބޭ، އިބްރާހީމާ ކޮނާޓޭ، ޖޫލްސް ކޫންޑެ، ބެންޖަމިން ޕަވާޑް، ވިލިއަމް ސާލިބާ

- މިޑްފީލްޑަރުން: އެޑުއާޑޯ ކަމަވިންގާ، ޔޫސޮފް ފޮފާނާ، މެޓިއޯ ގޮންޑޯޒީ، އެދްރިއެން ރެބިއޮޓް، އޮރެލިއެން ޗުއެމެނީ، ޖޯދަން ވެރެޓޯޓް

- ފޯވާޑުން: ކަރީމް ބެންޒެމާ، ކިންގްސްލީ ކޯމަން، އޮސްމަނޭ ޑެމްބެލޭ، އޮލިވިއޭ ޖީރޫ، އެންޓޮއިން ގްރިޒްމަން ކިލިއަން އެމްބަޕޭ، ކްރިސްތޮފާ އެންކުންކޫ.

ފްރާންސަކީ މި ފަހުގެ ތާރީޚުގައި އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމެވެ. ފްރާންސުން ވަނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕް ވެސް ހޯދާފައެވެ. ފްރާންސް ވަނީ 2006ގެ ވޯލްޑްކަޕް ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ނަމަވެސް އެފަހަރު ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ފްރާންސް ބަލިވީއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެފަހަރުގެ ތަށި ފްރާންސަށް ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ މަޓަރާޒީއަށް ކުރި ފައުލަކާ ގުޅިގެން ޒިދާނަށް ދެއްކި ރަތް ކާޑެވެ. ފްރާންސަށް އެންމެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ 2002 އަދި 2010ގެ ވޯލްޑްކަޕްގައެވެ.

ގަތަރުގައި ބާއްވާ ވޯލްޑްކަޕްގައި ފްރާންސް ހިމެނެނީ ގްރޫޕް ޑީގައެވެ. މި ގްރޫޕްގައި ފްރާންސާއެކު ހިމެނޭ ޓީމުތަކަކީ ޑެންމާކް، އޮސްޓްރޭލިއާ އަދި ތޫނިސްއެވެ. ވޯލްޑްކަޕުގައި ފްރާންސް އެންމެ ފުރަތަމަ ނިކުންނާނީ މިމަހުގެ 23 ވަނަ ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް