ގަރާޖުގައި ރޯވުން: ފުރިހަމަ ތަހުގީގެއް ކުރާނެކަން އިންޑިއާ އާއި ބަންގްލަދޭޝްއަށް އަންގައިފި

މ. ނިރުފެހީގައި ހިންގާ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: ހާދިސާގައި ނިޔާވިމީހުންގެ ހަށިގަނޑު ނެރެނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އާއި ބަންގްލަދޭޝްއަށް މިއަދު ދެއްވައިފިއެވެ.

މި ހާދިސާއާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު، ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ބަނގްލަދޭޝްގެ ފޮރިން މިނިސްޓަރު، ޑރ. އޭކޭ އަބްދުލް މޫމިންއާ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ، އަލިފާނުގެ ހާދިސާގައި ދެ ގައުމުން މަރުވި މީހުންގެ އާއިލާތަކަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ދަންނަވާފައިވާ ކަމަށެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގީ ގްރައުންޑް ފްލޯގައި ގަރާޖެއް ހުންނަ އަދި މަތީ ފަންގިފިލާގައި މީހުން ދިރިއުޅޭ ކޮޓަރިތައް ހަދާފައިވާ އިމާރާތެއްގައެވެ. އެ އިމާރާތުގައި 38 ބިދޭސީން އުޅެމުންދިޔައިރު އެ މީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

އެ އިމާރާތުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައި ވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ ހަ އަންހެނުންނާއި ތިން ފިރިހެނުންނެވެ.

comment ކޮމެންޓް