ރައްޔިތުންގެ އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރަންޖެހޭ: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު

ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް ކަމަށާއި އެހެންކަމުން އަމާނާތްތަކަށް ވަފާތެރިވެ، އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.

ސިޔާމް މިގޮތަށް ގޮވާލައްވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިހާގެ ޚިޠާބެއްގައެވެ. މި ޚިޠާބުގައި ސިޔާމް ވިދާޅުވީ ޒަމާންވީ ރަސްކަމުގެ ނިޒާމަކަށްފަހު ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖެ ބަދަލުވެ، ވޭތުވެދިޔަ މުއްދަތުގައި ޖުމްހޫރިއްޔަތުގެ ތެރެއިން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. މިގޮތުން، ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އިންތިހާއަށް އިތުރުކުރެވި، އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދިވެހި ގައުމަށް ލިބުނު ކުރިއެރުންތައް ފާހަގަކޮށްލަން ޖެހޭކަމަށް ސިޔާމް ވިދާޅުވިއެވެ.

ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ ވަރަށް މަތިވެރި އަމާނާތްތަކަކާ ހަވާލުވެގެން ތިބޭ ބައެއް ކަމަށާއި އަބަދުވެސް ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ފައިދާހުރިގޮތުގައި ގައުމުގެ ކަންކަން ނިންމަމުން ގެންދިޔުމަށް ސިޔާމް ވަނީ ގޮވާލައްވާފައެވެ.

އެ ޚިޠާބުގައި ސިޔާމް ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 54 އަހަރު ފުރި، 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހިންނަށް މި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔަތެއް ގާއިމުކުރީ، 1953 ވަނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައެވެ.

comment ކޮމެންޓް