އަލިފާނުގެ ހާދިސާ ރިޕޯޓުކުރުމުގައި އިތުބާރުހުރި މަސްދަރުތަކަށް ބުރަވުމަށް އިލްތިމާސްކޮށްފި

މ. ނިރުފެހީގައި ހިންގާ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން އަލިފާން ނިއްވުމުގައި ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ޝުއައިބު މުހައްމަދު

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅޭ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކަށް ބުރަވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންނާ ހަމައަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކަށް ބުރަވެ، ރަސްމީ ފަރާތްތަކުގެ ބަސް ހިމަނައިގެން ވީހާވެސް ކަށަވަރު މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ މިހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމުގެ ހިތާމައިގައި ބައިވެރިވެ، ހިތާމަ ތަހައްމަލުކުރަމުންދާ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. އަދި، ހާދިސާގެ މައުލޫމާތު ވީހާވެސް އަވަހަށް ތާޒާކަމާއެކު ރައްޔިތުންނަށް ފަސްޖެހުމެއްނެތި ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން އަދާކުރި ދައުރު އެ ކޮމިޝަނުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ބްރޯޑްކޮމްއިން ވަނީ މި ދަނޑިވަޅުގައި ރިޕޯޓުކުރުމުގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށާއި، ކަށަވަރު މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާއަދާކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރޭގެ ހާދިސާ ހިނގި ގޭގައި 38 ބިދޭސީން އުޅެމުންދިޔައިރު އެމީހުން ނިދާ ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުން ވަނީ މަރުވެފައެވެ.

އެތަނުން ޖުމްލަ 28 މީހަކު ސަލާމަތްކޮށްފައި ވާއިރު، މިވަގުތު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބެލުމުގެ ދަށުގައި ތިބީ ހަ އަންހެނުންނާއި ތިން ފިރިހެނުންނެވެ.

comment ކޮމެންޓް