ގަރާޖުތައް މީހުން ދިރިނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރަން އުޅުމުން ސަރުކާރުން ވަނީ އެކަން ހުއްޓުވާފައި: ސިޓީ ކައުންސިލް

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ ސިޓީ ކައުންސިލު

މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް މާލޭ ސިޓީގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތައް ބަދަލުކުރަން ކުރި މަސައްކަތް ސަރުކާރުން ވަނީ ހުއްޓުވައިފައި ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ރޭ ވަނީ ހިނގާފައެވެ. އެހާދިސާގައި 10 ބިދޭސީން ވަނީ މަރުވެފައެވެ.

އަލިފާނުގެ ހާދިސާ ރޭ ހިނގި އިމާރާތުގެ ދެ ފްލޯގެ އެޕާޓްމެންޓްގައި 38 ބިދޭސީން އުޅުނުކަމަށް އެމްއެންޑީއެފްއިން ވަނީ މިއަދު ބުނެފައެވެ.

މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާ: ތިރީގައި ހުންނަނަނީ ގަރާޖެއް މަތީގައި ދިރިއުޅެމުންދިޔައީ ބިދޭސީން --- ފޮޓޯ ސަން

އެ ގޮތްގޮތަށް މާލެ ތެރޭގައި ހުންނަ ތަންތަން މޮނީޓާ ކުރޭތޯ އެހުމުން ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ އެފަދަ ތަންތަން މިހާރު ވަނީ މޮނީޓާ ކޮށްފައި ކަމަށެވެ. އަދި އެތަންތަނާ ބެހޭ މައުލޫމާތު އެއްކޮށް ސާވޭ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އެ ކަންބޮޑުވުންތަކުގެ ވާހަކަ ސަރުކާރުގެ އެކި ވުޒާރާތަކާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރުގެ ކައުންސިލު އައި ފަހުން އެފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަމަވެސް ސަަރުކާރުން ވަނީ ބްރިޖުގެ މަޝްރޫއަށް ކަމަށް ބުނެ މުޅި އިންޑަސްޓްރިއަލް ވިލެޖުވެސް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ނެގުމަށްފަހު ޕްލޭނިން މިނިސްޓްރީއަށް ދީފަ،" އޭނާ ވިދާޅުވިއެވެ.

މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ފޮޓޯ ސަން

ޝިއުނާ ވިދާޅުވި ގޮތުގައި ފަޅުމަތީމަގުގައި ހުސްކޮށް ހުރި ބިންތަކާއި ވިލާ ގޭސްގެ ބިތްދޮށަށް އޮންނަ އާރުޑީސީގެ ބިން ނަގައި އާރުޑީސީއަށް އެހެން ބިމެއް ދިނުމަށްފަހު މާލޭގައި އެގޮތަށް ހުންނަ ގަރާޖުތަކާއި ވޯކްޝޮޕްތައް އެ ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށިއެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެ މަސައްކަތް ވެސް ހުއްޓުވައި އެ ބިންތައް ވެސް އެ ކައުންސިލުގެ ބެލުމުގެ ދަށުން ނަގާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވީ އެފަދަ ކަންބޮޑުވުންތައްތަކެއް ހުށަހަޅާފައިވާނަމަ އެކަންކަން ބަލާނެ ކަމަށެވެ.

"މިހާރު ވެސް ކުރަން ވެފަ ހަގީގަތުގައިވެސް ކުރަން ލަސްވެފައިވާ ކަމެއް އެއީ ވޯކްޝޮޕްތަކާއި ގަރާޖުތައް މީހުން ނޫޅޭ ސަރަހައްދަށް ބަދަލުކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މުޙައްމަދު ހައްޔާން

ގަރާޖުތައް ރަށު ތެރެއިން ބޭރަށް ގެންދިއުމުގެ ވާހަކައަކީ ޒަމާންވީ ކަމެކެވެ. އެ ވާހަކަތައް ދައްކާތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ.

comment ކޮމެންޓް