ރަޝިއާއާއެކު އަސްކަރީ ގުޅުންތައް ބަދަހިކޮޮށް ރަޝިއާގެ ޓެކްނޮލޮޖީގައި ހަތިޔާރު އުފައްދަން އިންޑިއާ ތައްޔާރުވަނީ

އިންޑިއާގެ ވައިގެ ސިފައިންގެ ފައިޓާޖެޓް ތަކުގެ ތެރޭގައި ގިނައީ ރަޝިއާގެ ޓެކްނޮލޮޖީ

މޮސްކޯ (10 ނޮވެމްބަރު 2022) : ރަޝިއާއާއެކު އަސްކަރީ ގުޅުންތައް ބަދަހިކުރުމަށާއި ރަޝިއާގެ ޓެކްނޮލޮޖީގެ އެހީގައި ހަތިޔާރު އުފެއްދުމަށް އިންޑިއާ އެއްބަސްވެއްޖެއެވެ.

އިންޑިއާއާއި ރަޝިއާގެ މީޑިއާ ބުނާގޮތުން މިހާރު ރަޝިއާއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު އާއި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯލް ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ދެގައުމުން ވަނީ ގިނަ ކަންތައްތަކަކަށް އެއްބަސްވެފައެވެ.

މީގެތެރޭގައި ދެ ގައުމުން އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ރަޝިއާގެ ޓެކްނޮލޮޖީގެ އެހީގައި ދެގައުމު ގުޅިގެން ހަތިޔާރު އުފެއްދުމާއި ފަޒާގެ ދިރާސާތަކާއި ސެޓެލައިޓް ނެވިގޭޝަންގެ ދާއިރާ ތަރައްގީ ކުރުމަށް ދެގައުމު ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ ވެސް ރަޝިއާއާއެކު އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް ބަދަހި ގައުމެކެވެ. އިންޑިއާގެ ލަޝްކަރުތަކަށް ބޭނުންވާ ހަތިޔާރުގެ ގާތްގަނޑަކަށް 80 އިންސައްތަ ދާދިފަހަކާ ޖެހެންދެން ފޯރުކޮށްދެމުން ގެންދިޔައީ ކުރީގެ ސޮވިއެޓް ޔުނިޔަން އިންނާ އަދި މިހާރުގެ ރަޝިއާ އިންނެވެ.

އިންޑިއާއާއި ރަޝިއާގެ ޚާރިޖީ ވަޒީރުން

ނަމަވެސް 2010 ވަނަ އަހަރުން ފެށިގެން އިންޑިއާ ވަނީ ރަޝިއާގެ އިތުރުން އެމެރިކާއާއި ފަރަންސޭސިވިލާތް ފަދަ ހުޅަނގުގެ ގައުމުތަކުން ވެސް ހަތިޔާރު ހޯދައި އެ ގައުމުތަކާއެކު ވެސް އަސްކަރީ ގުޅުންތައް ގާއިމް ކުރަން ފަށާފައެވެ. މިއާއެކު ވެސް އިންޑިއާގެ ހަތިޔާރުގެ މައި ބައިވެރިއަކީ އަދިވެސް ރަޝިއާއެވެ. ރިޕޯޓްތައް ބުނާގޮތުން އިންޑިއާ ގެންދަނީ ރަޝިއާގެ މިގް މަރުކާގެ އަސްކަރީ ޖެޓްތައް ރަޝިއާގެ ފަންނީ އެހީއާއެކު އިންޑިއާގައި އުފެއްދުމަށް ތައްޔާރުވަމުންނެވެ.

ޔުކްރެއިން ހަނގުރާމަ ފެށުމާއެކު އިންޑިއާ އާއި ރަޝިއާގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް (ޚާއްސަކޮށް ހަކަތައިގެ ދާއިރާގައި) ވަނީ ކުރިޔަށްވުރެ ވެސް އިތުރަށް ބަދަހިވެ ފުޅާވެގެން ގޮސްފައެވެ.

މި މައްސަލާގައި އެމެރިކާ އެކިގޮތްގޮތުން ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް އިންޑިއާ ބުނަމުން ގެންދަނީ ރަޝިއާއާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަކީ އިންޑިއާއަށް ފައިދާ ބޮޑުކަމެއް ކަމަށާއި އެހެންކަމުން އެކަން ކުރިޔަށްގެންދާނެ ކަމުގައެވެ. އަދި އިންޑިއާ އިސްކުރާނީ އެ ގައުމުގެ މަސްލަހަތު ކަމުގައެވެ.

މޮސްކޯގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު އިއްޔެ ވަނީ ރަޝިޔާއިން ތެލާއި ގޭސް ގަތުން ހުއްޓާލުމަކީ އިންޑިޔާ ނުކުރާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޑިއާގެ ތެލާބެހޭ ވަޒީރު ސްރީ ހާޑީޕް ޕޫރީ ދާދިފަހުން ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ރަޝިއާއިން އިންޑިއާ ތެލާއި ގޭސް ގަންނަ ގަތުމާ އަދި އިންޑިއާއިން ރަޝިއާއާއެކު އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށް ގެންގުޅޭ ސިޔާސަތު ދިފާއު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ޕޫރީ ވިދާޅުވިގޮތުގައި އިންޑިއާ އިސްކަންދޭނީ އިންޑިއާގެ ރައްޔިތުންގެ މަސްލަހަތަށެވެ. ހުޅަނގުގެ މަސްލަހަތަކަށް ނޫނެވެ. ހުޅަނގުން އެދޭގޮތަށް އިންޑިއާ ރަޝިއާގެ ތެލާއި ގޭސް ނުގަންނަނަމަ އެތަކެތީގެ އަގުތައް ބޮޑުވުމުން ގެއްލުން ލިބޭނީ އިންޑިއާގެ ރައްޔިތުންނަށް ކަމަށާއި އިންޑިއާގެ ސިޔާސަތަކީ އިންޑިއާ ފަސްޓް ޕޮލިސީކަން ހުޅަނގުން ވެސް ގަބޫލުކުރަން ޖެހޭނެކަން ސީއެންއެން އަށް ދެއްވި ބަސްދީގަތުމުގައި އިންޑިއާގެ ވަޒީރު ވިދާޅުވިއެވެ.

އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރް ރަޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި ރަޝިއާއާއެކު އަސްކަރީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގެ އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް