ހިތާމަވެރި ހާދިސާގެ ހަނދާން ނައްތާލެވިގެން ނުވާނެ، އުސޫލުތައް ހަރުދަނާކުރަންޖެހޭ: އިދިކޮޅު ކޯލިޝަން

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލިޑަރު އަހްމަދު ސަލީމާއި ޕީއެންސީގެ ދެ ނައިބު ރައީސުން -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ހިތާމަވެރި ހާދިސާތަކުގެ ވާހަކަދެއްކުމަށްފަހު ދުވަސްކޮޅަކުން އެކަން ހަނދާން ނައްތާލައި، އެކަމާ ގުޅޭ އުސޫލުތައް ހަރުދަނާކުރުން ހުއްޓާލައިގެންނުވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގިނަ ބަޔަކު މަރުވި ޚަބަރަކީ އެ ކޯލިޝަނުން ކަންބޮޑުވި ޚަބަރެއްކަމަށެވެ. އަދި އެ ހާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ކިޔައިފައިވެއެވެ.

އެއާއެކު އެ ކޯލިޝަނުން ބުނީ އެފަދަ ހާދީސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދައި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅެން ޖެހޭކަމަށެވެ.

"މީގެ ކުރީގައި ވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތައް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލާ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށް ވެސް ސަރުކާރަށް ގޮވާލަމެވެ،" އެ ކޯލިޝަންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުންވަނީ އެ ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުންގެ ހިތްވަަރަށް ތައުރީފްކޮށްފައެވެ.

އިސްކަންދަރު މަގުގައި ހުންނަ ނިރުފެހީގައި އަލިފާން ރޯވީ ރޭގައެވެ. އެ ގޭގައި ކާރު ގަރާޖު ހިންގަމުން އައީ ގްރައުންޑް ފްލޯގައެވެ. ފަސްޓް ފުލޯގައި ހުންނަނީ ބިދޭސީން ނިދާ އެކޮމެޑޭޝަންއެކެވެ. އެތަނުގެ ވެންޓިލޭޝަނަށް ހުންނަނީ އެންމެ ކުޑަ ދޮރެކެވެ.

comment ކޮމެންޓް