އެއް ތަނެއްގައި 38 މީހުން, ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސް ފުޅި ހުރި

މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާ: ތިރީގައި ހުންނަނަނީ ގަރާޖެއް މަތީގައި ދިރިއުޅެމުންދިޔައީ ބިދޭސީން --- ސަން ފޮޓޯ

އަލިފާނުގެ ހާދިސާ ރޭ ހިނގި ދެ ފްލޯގެ އެޕާޓްމެންޓްގައި 38 ބިދޭސީން އުޅެމުންދިޔައިރު ކޮންމެ އެނދެއް ކައިރީގައި ކެއްކުމަށް ގޭސްފުޅި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.

އެ ހާދިސާގެ މައުލޫމާތު ދެއްވުމަށް އެ ސަރަހައްދުގައި ތިއްބަވައިގެން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހިސާން ހަސަން ވިދާޅުވީ, އެ ތަނުން ސަލާމަތްކުރި 28 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހުންގެ ތެރެއިން 19 ބިދޭސީން, އެ މީހުންނާ ހަވާލުވެގެން ތިބި މީހުން ގެންގޮސްފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބީ އެތަނުން ސަލާމަތްކުރި ހަ އަންހެނުންނާއި ތިން ފިރިހެނުންނެވެ.

އެތަނުގައި ދިރިއުޅެމުންދިޔައީ ބަންގަލަދޭޝް, ސްރީލަންކާ އަދި އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާ: ތިރީގައި ހުންނަނަނީ ގަރާޖެއް މަތީގައި ދިރިއުޅެމުންދިޔައީ ބިދޭސީން --- ސަން ފޮޓޯ

"...ކޮންމެ އެނދެއް ކައިރީގައި ކުދިކުދި ބިސީ ތަކެއްގެ ގޮތުގައި މަސައްކަތް މި ކުރަނީ. އެހެންވީމަ ކޮންމެ އެނދެއް ކައިރީގަ ކަހަލަ ގޮތަކަށް ކައްކާ ގޭސް ހުންނަ ކަމަށް [މައުލޫމާތު ލިބިފައިވޭ]," ފަޔާ އެންޑް ރެސްކިއުގެ ކޮމަޑާން ކާނަލް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ 12:30 ގައެވެ. ތިން މިނެޓް ތެރޭ އެތަނަށް އެޓެންޑްވި ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އައިއިރު ވެސް އޮތީ ތިރީގައި ވަރަށް ބޮޑަށް މި އަލިފާނުގެ އަސަރު ފޯރާފައި ވަރަށް ބޮޑަށް ރޯވެފައި އޮތީ. އެހެންވީމަ އަޅުގަނޑުމެންގެ ފަޔާ ފައިޓާސް އޭރު އައިސްސަ ފުރަތަމަ ވެސް މަސައްކަތް ފެށީ މީތި އިތުރަށް ފެތުރިގެން ދިޔަ ނުދީ ކޮންޓްރޯލް ކުރެވޭތޯ," އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ: ތިރީގައި ހުންނަނަނީ ގަރާޖެއް، މަތީގައި ދިރިއުޅެމުންދިޔައީ ބިދޭސީން --- ސަން ފޮޓޯ

މަސައްކަތް ކުރީ ކައިރީގައި މީހުން ދިރިއުޅޭ ގެތަކަށް އަލިފާންގަނޑު ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަނުގައި ހުރި ވަރަށް ބައިވަރު ގޭސްތައް. އެކި ބާވަތް ބާވަތުގެ ގޭސް. ތިރީ ބައިގަ މި އިންނަނީ ގަރާޖެއް. އެހެންވީމަ ވަރަށް އުނދަގޫ ކަމަކަށް އަޅުގަނޑުމެނަށްވީ ފަޔާ ފައިޓްކުރަން," އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެތަނުގައި ދިރިއުުޅުނު މީހުންގެ ތެރެއިން ބޭރަށް ނިކުމެވުނު މީހުންނާ ހަވާލާ ދެއްވައި އިބްރާހީމް ރަޝީދު ވިދާޅުވީ ނުވަ މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު އޭރު ލިބުނު ކަމަށެވެ.

"އަލިފާން އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވުނުހާ ހިސާބުން އަޅުގަނޑުމެން ދެން ފެށީ ސާޗް އެންޑް ރެސްކިއުގެ ކަންތައް. އެހެންވީމަ އެކަންތައް ފަށައިގެން އަޅުގަނޑުމެނަށް މިހާތަނަށް 10 ޑެޑް ބޮޑީ ފެނިފައި ވޭ," އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ފެނުނު ހަށިގަނޑުތަކަކީ އަންހެނުން ކަމެއް އަދި ފިރިހެނުން ކަން ވަކިކުރަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާ: ތިރީގައި ހުންނަނަނީ ގަރާޖެއް މަތީގައި ދިރިއުޅެމުންދިޔައީ ބިދޭސީން --- ފޮޓޯ ސަން

ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ އެ ގަރާޖުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާކަން ފާހަގަކުރައްވައި އިބްރާހީމް ރަޝީދު ވިދާޅުވީ, އެ ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރު ބޭނުން ކުރުމުގައި އިހުމާލު ވުމުގެ ސަބަބުން ކަމަށެވެ.

"މިތަަނަކީ ވަރަށް ބައިވަރު ސިލިންޑަރުތައް [ހުންނަ ތަނެއް]. އަޅުގަނޑުމެންގެ އިސްކޮޅާ އެއްވަރުގެ ސިލިންޑަރުތައް ވެސް އެބަހުރި," އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް