ގަރާޖުގައި ރޯވުން: މަރުވި މީހުން ކާކުކަން ދެނެނުގަނެވޭ ވަރަށް އަނދާފައި!

ރޯވި އިމާރާތުން، މީހުންގެ ހަށިގަނޑު ބޮޑީބޭގަށް ލައިގެން ނެރެފައިވޭ --- ސަން ފޮޓޯ/

މ. ނިރުފެހީގެ ތިރީގައި ހުރި ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުން، ކާކުކަން ދެނެނުގަނެވޭ ވަރަށް އަނދާފައިވާ ކަމަށް، ސިފައިން މިއަދު ބުނެފިއެވެ.

އިސްކަންދަރު މަގުގައި ހުންނަ ނިރުފެހީގައި އަލިފާން ރޯވި، ކާރު ގަރާޖު ހިންގަމުން އައީ ގްރައުންޑް ފްލޯގައެވެ. ފަސްޓް ފުލޯގައި ހުންނަނީ ބިދޭސީން ނިދާ އެކޮމެޑޭޝަންއެކެވެ. އެތަނުގެ ވެންޓިލޭޝަނަށް ހުންނަނީ އެންމެ ކުޑަ ދޮރެކެވެ.

އެ ތަނުން ނެރުނު ބިދޭސީންގެ އަދަދު 28 އަށް އަރާއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން ބަންގަލަދޭޝް މީހުންނެވެ.

https://sun.mv/170216

އެ އިމާރާތުގެ ތެރެއިން މިހާތަނަށް މަރުވެފައިވާ 10 މީހުން ވަނީ ފެނިފައެވެ. އިތުރު މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލަތު ވެސް ގޯހެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެމްއެންޑީއެފްގެ ކާނަލް، އިބްރާހީމް ރަޝީދު ވިދާޅުވީ މަރުވި މީހުންގެ ޖިންސު ވެސް ވަކި ނުވާ ކަމަށެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މަރުވި މީހުންގެ ވަނަވަރު އެނގޭ ވަރަށް ވުރެން ބޮޑަށް އެ މީހުން ތިބީ އަނދައިފައެވެ.

އެނގިފައިވާގޮތުގައި މިއީ އެ ގަރާޖުގައި އަލިފާން ރޯވި ތިން ވަނަ ފަހަރެވެ. މީގެ ދެތިން މަހެއް ކުރިން ވެސް އެ ގަރާޖުގައި އަލިފާންނުވެ ހާދިސާއެއް ހިނގިއެވެ.

https://sun.mv/170222

މިއީ މިފަހުގެ އަލިފާނުގެ ހާދިސާއެއްގައި މިހާ މީހުން މަރުވި ފުރަތަމަ ފަހަރެވެ.

ގަރާޖުތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިންގުމަކީ ދޭތެރެއަކުން ހިނގާ ކަމެކެވެ. މިއީ ނުރައްކާތެރި ކަމަކަށްވާތީ ގަރާޖުތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ގެންދިއުމުގެ ވާހަކަ ދައްކާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އޭގެ ފަހުން އެތައް ސަރުކާރެއް ބަދަލުވެގެން ގޮސްފައިވާއިރު މިހާތަނަށް ވެސް އަމަލީ މަސައްކަތެއް ނުކުރެވެއެވެ.

މީގެ އަހަރުތަކެއް ކުރިން މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ވެސް މީހަކު މަރުވެ، އެތައް ގެއެއް ބޭނުން ނުކުރެވޭ ވަރަށް އެނދިއެވެ. ކެމިކަލް ގުދަންތައް މާލޭން ބޭރު ކުރީ އެ ހާދިސާއަށް ފަހުގައެވެ.

comment ކޮމެންޓް