ދުނިޔޭގެ އެންމެ ބޮޑު ފްލައިޓު މަރާމާތު ކުރަނީ

ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ފްލައިޓު ކަމަށްވާ އެންޓޮނޯވް އޭއެން-225 ހަލާކުވުމުން، އަލުން އެ މަރާމާތުކޮށް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމައިފިއެވެ.

އޭއެން-225 އަކީ ޔޫކްރެއިންގެ ބޯޓަކަށް ވާއިރު އެ ބޯޓު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރަޝިއާއިން ޔޫކްރެއިން އަށް ދިން ހަމަލާތަކުގައި އެންމެ ފުރަތަމަ ހަލާކު ކޮށްލާފައިވާ އެކައްޗަކީ އެ މަތިންދާ ބޯޓެވެ.

"އެމްރިއާ" ނަމުން ވަނަން ދެވިފައިވާ އެ ބޯޓު އުފެއްދި އެންޓޮނޮވް ކުންފުނިން ބުނާގޮތުގައި އެ ބޯޓު އަލުން މަރާމާތު ކުރުމަށްޓަކައި 502 މިލިއަން ޑޮލަރު ވަރު ހޭދަވާނެއެވެ. މިއީ ކުރީގެ ލަފާކޮށްފައިވާ އަދަދުތަކާ ބަލާއިރު ކުޑަ އަދަދެކެވެ.

އެންޓޮނޮވް ބަލަހައްޓާ ކުންފުނި ކަމަށްވާ ޔުކްރޮބޮރޮންޕްރޮމް އިން މިއަހަރުގެ ކުރީކޮޅުގައި ބުނިގޮތުގައި އޭއެން-225 މަރާމާތު ކުރުމަށް ތިން ބިލިއަން ޑޮލަރު ހޭދަވާނެއެވެ. އަދި އެ ފައިސާ ހޯދާނީ ރަޝިއާގެ ފަރާތުން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އަލަށް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބޯޓުގެ މަސައްކަތަށް ހޭދަވާނެ މިންވަރު ވަރަށް ބޮޑުތައް ވަނީ ކުޑަވެފައެވެ.

އެމްރިއާ ބަނދެފައިވަނީ 1980 ވަނަ އަހަރުގައެވެ. އެ ބޯޓު ބަނދެފައިވަނީ ސޯވިއެޓް ސްޕޭސް ޝާޓުލް އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށްޓަކައެވެ.

އެއަށްފަހު އެ ބޯޓު ބޭނުން ކުރަން ފެށީ ކާގޯ އުފުލުމަށެވެ. އެ ބޯޓު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކާގޯ އުފުލާ ބޯޓަށެވެ. އެގޮތުން ބޮއިންގު 747 މަރުކާގެ ދެ ބޯޓުގައި އުފުލޭ މުދާ، އޭއެން-225 އިން އުފުލައެވެ. ދިގުމިނުގައި 275 ފޫޓު ހުންނަ އެ ބޯޓުގެ ފިޔަގަނޑަކީ ވެސް މިހާތަނަށް މަތިންދާ ބޯޓަކަށް ހެދި އެންމެ ބޮޑު ފިޔަގަނޑެވެ. އަދި އޭގެއިތުރުން މިހާތަނަށް އުފައްދާފައިވާ އެންމެ ބަރު މަތިންދާ ބޯޓުގެ ރެކޯޑުވެސް އޮތީ އެ ބޯޓު އަތުގައެވެ.

comment ކޮމެންޓް