އެކްތާގެ އާ ފިލްމަށް ތައްބޫ އާއި ކަރީނާ އަދި ކްރިތީ

ތައްބޫ އާއި ކަރީނާ ކަޕޫރު ޚާން އަދި ކްރިތީ ސެނޮން އަކީ ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭވަރުގެ އެކްޓިންގ އެއް ދައްކާފައިވާ މޮޅު ތަރިންތަކެކެވެ.

ފުރަތަމަ ފަހަރަށް މި ތިން ތަރިން އެކުގައި އެއް ސްކްރީނަކުން ފެންނަން މި ވަނީ ހަމަޖެހިފައެވެ. އެކްތާ ކަޕޫރު އާއި ރިއާ ކަޕޫރު ގުޅިގެން އުދައްދާ އާ ފިލްމު 'ދަ ކްރޫ' އަށް ތިން ތަރިން ވަނީ ކާސްޓުކޮށްފައެވެ.

އެއާލައިން އިންޑަސްޓްރީގައި މަސައްކަތްކުރާ ތިން އަންހެނުންނަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ކޮމެޑީ ފިލްމެއް ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ. ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނިގޮތުގައި އޭނާގެ ފިލްމު 'ވީރޭ ދި ވެޑިންގ' ގެ ކާމިޔާބީ އަށް ފަހު ބަލާޖީ މޯޝަން ޕިކްޗާސް އިން އައު ފިލްމެއްގެ މަސައްކަތް ފަށާފައިވަނީ އުއްމީދާއެކު ކަމަށެވެ. އަދި މި ސްޓޯރީ ސްކްރީނަށް ގެނެސްދޭން ކެތްމަދުވެފައިވާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

މި ފިލްމުގައި އެކްތާ އާއެކު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ރިއާ ބުނިގޮތުގައި ހުނަރުން ފުރިގެންވާ ތިން ތަރިން އެކުގައި އޭނާގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރުމަކީ ހުވަފެނެއްގައި ކުލަޖެހުން ކަމަށެވެ.

"އެކްތާ އާއެކު 'ވީރޭ ދި ވެޑިންގ' އަށްފަހު މިއީ ދެވަނަ ފިލްމު މަސައްކަތްކުރާ. އޭގެ މާނައަކީ މުޅި ފިލްމުގައިވެސް އޭނާގެ ސަޕޯޓު އަހަންނަށް ލިބޭނެއޭ. އުފާވެސްވޭ، ނާވަސްވޭ އަދި ވަރަށް މަސައްކަތް ކުރާހިތުން މިހުރީ،" ރިއާ ކަޕޫރު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ފިލްމާ ގުޅޭގޮތުން، ފިލްމުގެ ލީޑް ތިން ތަރިންވެސް ވަނީ މަސައްކަތް ކުރަން ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ.

ރާޖޭޝް ކްރިޝަން ޑައިރެކްޓްކުރާ މިފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް އަންނަ އަހަރު ފެބްރުއަރީގައި ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް