އެއް ފަޔާއެކު ފުޓްބޯޅަ ކުޅެ، ޝަވަން ދެއްކީ ތަފާތު ހިތްވަރެއް

ޝަވަން ފުޓުބޯޅަ ކުޅެނީ -- ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެއީ އޭނާގެ ކުރިމަގަށް އޮތް ހުރަހެއްކަމަކަށް ނުދެކޑޭ

އިއްޔެ ސޯޝަލް މީޑއާއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ހދ. މަކުނުދޫ އިންޓަ ހައުސް ފުޓުސެލް މުބާރާތުގެ ތެރެއިން މީހަކު ނަގާ ފޭސްބުކުގައި ޕޯސްޓުކުރި ފޮޓޯއަކަށެވެ. ފޮޓޯއިން ކުޑަ ކުދިންތަކެއް ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ އިރު، އެންމެން ހައިރާން ކުުރުވީ އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއް ފައި ނެތް ނަމަވެސް ފުޓުބޯޅަ ކުޅެން ދަނޑަށް އަރާހުރި އުމުރުން ހަތް އަހަރުގެ ޝަވަންއެވެ. މި ފޮޓޯ ފެނުނު ގިނަ ބަޔަކު ޝަވަންއަށް ތައުރީފުކުރީ އޭނާގެ ހިތްވަރުގެ ސަބަބުންނެވެ.

މަކުނުދޫ ސްކޫލު ގްރޭޑް އެކެއްގައި ކިޔަވާ އަހުމަދު ޝަވަން މުހައްމަދަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އޭނާގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަންޏެވެ.

އޭނާގެ މަންމަ އައިޝަތު ވިޝާ "ސަން"އަށް ދިން އިންޓަވިއުއެއްގައި ބުނީ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެ ދެމަފިރިންގެ ހަމައެކަނި ދަރިފުޅު، ޝަވަން އަކީ ކުރާހިތްވާ ހުރިހާ ކަމެއް ވެސް ހިތްވަރާއެކު ކުރާ ކުއްޖެއް ކަމަށެވެ. އެގޮތުން ފުޓުބޯޅަ ކުޅުމާއި ސްކޫލުގެ އިތުރު ހަރަކާތަކުގައި ބައިވެރިވުން ފަދަ ހުރިހާ ކަމެއް ޝަވަން ކުރާކަމަށް އޭނާ ބުންޏެވެ.

"ޝަވަންގެ އަމިއްލަ ހޯޕް އޮވެގެން ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުންނާނީ އޭނަގެ ފަހަތުގަ،" ވިޝާ ބުންޏެވެ.

ޝަވަން -- ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެއީ އޭނާގެ ކުރިމަގަށް އޮތް ހުރަހެއްކަމަކަށް ނުދެކޑޭ

އިއްޔެ ދަނޑުގައި އެހެން ކުދިންނާއެކު ޝަވަން ފުޓްބޯޅަ ކުޅުނުއިރު، ދުވެ ހެދުމަށް އޭނާ ވަރަށް ފަރިތައެވެ. އެއް ފަޔާއެކު ދުވެ، ބޯޅަ އަތުލައި، ޕާސްދީ ކުޅެމުންދިޔައެވެ.

ވިޝާ ބުނީ ސްކޫލުގެ އެހީތެރިކަން ޝަވަން އަށް ވަރަށް ބޮޑަށް ލިބޭކަމަށެވެ. އަދި ސްކޫލުން ގިނަ ފުރުސަތުތަކެއް ޝަވަން އަށް ފަހިކޮށްދޭކަމަށް ވެސް އޭނާ ބުންޏެވެ. ސްކޫލު ކުދިންނާއި ރަށު މީހުންގެ ފަރާތުން ވެސް ދެރަވާދަފަ އެއްޗެއް ބުނުމާއި ފުރައްސާރަކޮށް ދިމާކުރުން އެއްވެސް ވަރަކަށް ކުރިިމަތި ނުވާކަމަށް އޭނާ ބުންޏެވެ.

"ރަށު މީހުނަށް ބަލާއިރު ވަރަށް ރަނގަޅު އަސްލު ހަމަ. މިރަށުގަ އާންމުކޮށް މީހުންގެ ފަރާތުން ވަރަށް ސަޕޯޓު ލިބޭ. ވަރަށް ހިތްވަރު ލިބޭކަހަލަ ބަސްތައް އަސްލު ޝަވަންއަށް ލިބޭ،" ވިޝާ ބުންޏެވެ.

ޝަވަންގެ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެއީ އޭނާގެ ކުރިމަގަށް އޮތް ހުރަހެއްކަމަށް ނުދެކޭ ކަމަށް ވިޝާ ބުންޏެވެ. އެހެންކަމުން ޝަވަން އަބަދު ވެސް ގެންގުޅެނީ މީހުންގެ ތެރެއަށްނެރި މީހުނާއެކު ކަމަށް ވިޝާ ބުންޏެވެ. ރަށްޓެހިންނާއެކު ކުޅެ މަޖާކުރާއިރު އާދައިގެ ކުއްޖަކާ ޝަވަން އާ އެއްވެސް ތަފާތެއް ނުހުންނަކަމަށް އޭނާ ބުންޏެވެ. އަދި އެގޮތަށް ޝަވަން ވެސް ނުދެކޭކަމަށް އޭނާ ބުންޏެވެ.

"އަބަދުވެސް ހަމަ އަހާލާއިރަށް ބުނާނެ ކޮއްކޮ ބޮޑުވެގެން ވާން ބޭނުންވަނީީ ޕޮލިހަކަށޭ. އެއީ އަބަދުވެސް އޭނަ ފަރާތުން އަންނަ ޖަވާބެއް،" ވިޝާ ބުންޏެވެ.

ވިޝާ ބުނީ ކުއްޖާގެ ނުކުޅެދުންތެރިކަމަށް ބަލާފަ ނުވަތަ ކުއްޖާގެ ސިފައަށް ބަލާފަ ކުދިންނާމެދު ގޮތް ނުނިންމުމަކީ އޭނާގެ އެންމެ ބޮޑު އެއް އެދުންކަމަށެވެ. ކުއްޖާގެ އުނި ސިފަތަކުން ކުއްޖާއަކީ ކާކުކަން ނޭންގޭނެކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް