03 އޭޕްރިލް 2012 އާ ގުޅޭ

އާދައިގެ މަތިން ޔޫހާ ކިޔާން ނިންދަވަން އެނދުގައި އޮތެވެ. ކުރުއަތްމައްޗަށް އޮށޯވެލައިގެން އޮތްއިރު އޭނަގެ ސިކުނޑީގައިވަނީ އައްޔަދުގެ ހިޔާލުތަކެވެ. އެދެމެދުގައި ބަދަހިވަމުން އަންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށް އެހެން ނަމެއްދޭން އޭނަ ބޭނުމެއ ްނުވެއެވެ. އެކަމަކު އައްޔަދުގެ ބައެއް ހަރަކާތްތައް ހުންނަގޮތުން އޭނަގެ ހިތުގައި ސުވާލު އުފެދޭގޮތްވަނީ އެވެ. ޔޫހާ އާއި މާބޮޑަށް ގާތްކަން ބޭއްވުމުގެ އިތުރުން ކިޔާންއަކީ އޭނަގެ ދަރިއެއްކަން އެނގުމުން އައްޔަދުގެ މޫނުމަތިންނާއި އޭނަގެ ހަރަކާތްތަކުން ފާޅުވެގެންދިޔައީ ކޮންކަހަލަ ކުލަވަރެއްކަން ޔޫހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ފަހުން ހަމަޖެހޭގޮތް ދެއްކިކަމުގައިވިޔަސް އައްޔަދު ގަޔާނުވާކަން އެނގެއެވެ. ދެން ޔޫހާ ހިތަށްއެރީ ޒައުލްގެ މަތިންނެވެ. ޒައުލްގެ ފަރާތުން ފެންނަމުންދާ އަޖައިބުކުރުވަނިވި ލޯތްބާއި އޯގާތެރިކަމެވެ. ޒައުލްގެ ބޭނުމަކީ ހަގީގަތުގަވެސް އޭނަ އާއި ކައިވެނި ކުރުންބާއޭ ޔޫހާގެ ހިތަށް އަރަނީ ގަބޫލުކުރަން ދަތިވެފައިވާ ކަމަކަށް އެކަން ވާތީއެވެ.

"ޔޫހާ... އަހަރެން ކާން ހަދާލަންވީތަ؟" ޔޫހާގެ ކޮޓަރިތެރެއަށް ވަދެގެން އައި އަފްލީން މަޑުމަޑުން އަހާލިއެވެ.
"ޝާއިން ނުކުތީތަ ކާން" މިހެން ބުނެ އަފްލީންއަށް ބަލާލި ޔޫހާ މަޑުމަޑުން އޭނަގެ އަތުގެ އިނގިއްޔެއްގައި ހިފަހައްޓައިގެން އޮތް ކިޔާން އާއި ދުރަށް ޖެހިލާ އެނދުން ތެދުވިއެވެ.
"އަދި ނުނިކުމޭ، އަހަރެން މާބޮޑަށް ބަނޑުހައިވީ" އަފްލީން ބުނެލިއެވެ. ޔޫހާ ކިޔާންގެ ކައިރިއަށް ބާލީސް ޖައްސާލުމާއިއެކު އަފްލީންއަށް އަތުން އިޝާރާތްކޮއްލީ އޭނަ އާއިއެކު އައުމަށެވެ.

* * *

ލޯގަނޑު ކުރިމަތީހުރި ޒައުލްގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އަދި ދާދިދެންމެއަކު ހަށިގަނޑަށް ޖަހާލި ސެންޓުގެ ވަހުން ކޮޓަރި އެއްވެސް ވެފައިވެއެވެ. ހިތްގައިމު މީރުވަހެކެވެ. އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑިމަތީއޮތް ޓީޝާޓު ނަގާ ލުމަށްފަހު ގަޔަށް ހެޔޮވަރުކޮއްލުމާއިއެކު ހަރަކާތް އަވަސްކޮއްލީ ފޯނު ހޯދުމަށެވެ. އެނދުން ބޭރަށް ވެއްޓިފައިހުރި ކުޝަންތަށް އެނދުމައްޗަށް އެއްލަމުން އެނދުމަތީ ހުރި ބާލީސްތައް ނަގާ ފޯނު ހޯދަން ފެށިއެވެ. އެންމެ ފަހުން ފޯނު ފެނުނީ ބާލީހު އުރައެއްގެ ތެރެއިންނެވެ. ޒައުލް ހިތްހަމަޖެހުމުގެ ނޭވާއަކާއިއެކު ޔޫހާއަށް ގުޅިއެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ޔޫހާ ފޯނެއް ނުނެގިއެވެ. ޒައުލް އިތުރަށް ގުޅާކަށް ބޭނުމެއ ްނުވިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލުމަށްފަހު އޭނަގެ ކޮޓަރިން ނުކުތީ ކާކޮޓަރިއަށް ދިއުމަށެވެ.
ކާމޭޒު ކައިރީ ކުދިންނަށްވުރެ ކުރިން އައިސް އިށީނދެއިން މަންސޫރުއަށް ޒައުލް ފެނުނެވެ. އެހެންނަމަވެސް އޭނަ ޒައުލް އާއި ވާހަކަ ދައްކަން ބޭނުންވަނީ ވަކިނ ްހުރެއެވެ. އެވަގުތު ކާ މޭޒުދޮށުގައި ލޫލުއާވެސް އިނުމާއިއެކުއެވެ. ލޫލުއާއަށް ޒައުލް ފެނުމާއިއެކު ދަތްތައް ފެންނަ ވަރަށް ހިނިތުންވެލެވުނެވެ. ކާމޭޒުދޮށުގައި އެވަގުތަށް ތިބެންޖެހޭ މެންބަރުން ހަމަވުމާއިއެކު ކާންފެށި އެވެ. ޒައުލް އިނީ ވަރަށް ބަނޑުހައިވެފަ އެވެ. އޭނަ ޔޫހާއަށް އިތުރަށް ނުގުޅީވެސް އެހެންވެއެވެ. އަނެއްކޮޅުން މިހާރު އޭނަގެ ސިކުނޑީގައި ރާވަމުން އެދަނީ ޔޫހާ ފޯނު ނުނަގައިފިއްޔާ އެގެއަށް ދާށެވެ.

* * *

"ދަރިފުޅު މިހާރަކަށް އައިސް ވަރަށް ތަފާތުވެއްޖެހެން މަންމައަށް ހީވަނީ" އިނާޔާ އޭނަގެ ހަގ ުދަރިފުޅުގެ ހަރަކާތްތަކަށް ބަލަމުން ބުނެލިއެވެ. ރޭގަނޑުގެ ކެއުމަށް ގޭގައި ގެންގުޅޭ މީހުން ސުފުރާ ތައްޔާރު ކުރަމުންދިޔައިރު އިނާޔާ ދިޔައީ ތަށިތައް އަތުރަމުންނެވެ. އޭނަގެ ހަގުދަރިފުޅު ރޮޒޭން އަތް ގާތްކޮއްދެއްމުންދިޔ ައެވެ. އޭނަ އާއިއެކު ގޭގެ މަސައްކަތްތަކުގައި ފަހަކަށް އައިސް ރޮޒޭން ބައިވެރިވާލެއް ގިނަކަން ފާހަގަކުރެވެއެވެ.
"މަންމައަށް އެހީވާންވާނެއެއްނު...." ރޮޒޭން ރަކިގޮތަކަށް ހީލާފައި ބުނެލިއެވެ.
"ރަނގަޅު އާދައެއްތީ، އެހެންވިޔަސް ކޮންމެވެސް ކަމެއްވެއްޖެހެން މަންމައަށް ހީވަނީ، ދަރިފުޅު ކަމެއް ބޭނުންވެގެންތަ ތިއުޅެނީ" މިހެންބުނެ އިނާޔާ ރޮޒޭންއަށް ބަލާލީ އަހަރެންގެ ދަރިފުޅު އަހަންނަށް ވަރަށް ރަނގަޅަށް އެނގެޔޭ ބުނާފަދަގޮތަކަށެވެ.
"ހެ ހެ ހެ... އަސްލު އަޅުގަނޑު މިހުންނަނީ މަންމަ ގާތު ވާހަކައެއް ބުނަން ބޭނުންވެފަ، އެކަމަކު އެހެން މީހުން ނެއްތަނެއްގަ އެވާހަކަ ދައްކަން ބޭނުންވަނީ" ރޮޒޭން އިނާޔާގެ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.
"ކޮބާ މަންމަ ބުނީމެއްނު... ތިވާހަކައެއް އަޑުއެހުން ދެން އެންމެ މުހިއްމު ކަމަކަށްވާނީ، މަންމަ ބަދިގޭ ކަންތައްތައް ނިންމާލާފަ ދަރިފުޅަށް ގޮވާލަނަން، އެގޮތް އެންމެ ރަނގަޅެއްނު" އިނާޔާ އޯގާތެރިކަމާއިއެކު ބުނެލިއެވެ.
"އަޅުގަނޑު މަންމަ ނިމެންދެން މިތަނުގަ މަޑުކޮއްލަ ފާނަން" ރޮޒޭން އުފަލުން ހުރެ ބުނެލިއެވެ. އެންމެފަހުން އޭނަގެ ހިތުގައިވާ ލޯބި މަންމައަށް ކިޔާދޭނެ ފުރުޞަތެއް ހޯދީއެވެ. ދެން އޮތީ އެމަންމަ ދެކޭނެގޮތެއް ނޭގޭތީ ކުރެވޭ އިންތިޒާރެވެ.

* * *

ކޮޓަރިއަށް ވަތް ޔޫހާއަށް ޒައުލް އޭނައަށް ދިން ފޯނު ބަލާލެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެހެންނަމަވެސް ބަލާލެވުނުކަން ނަސީބެކޭ އޭނަގެ ހިތަށްއެރިއެވެ. ޒައުލްގެ މިސްކޯލު ފެނުމުން އަވަސް އަވަހަށް ގުޅިއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ޒައުލް ފޯނު ނެގުމާއިއެކު ފަހުން ގުޅާނަން ކަމުގައި ބުނީ ވަރަށް އަވަސް އަރުވާލަފައެވެ. ޔޫހާ ދެބުމަ ކައިރިކޮއްލުމާއިއެކު ފޯނަށް ބަލާލާފައި ރީތިވާ މޭޒުމަތީ ފޯނު ބޭއްވި އެވެ.

ޝާއިން ކޮޓަރިއަށް ވަނުމާއިއެކު އޭނަގެ ހިތުގެވެރިޔާއަށް ގުޅާލިއެވެ. ލޯބިން ބަހެއް ނުބުނެވެނިސް ރޮޒޭންވެސް ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ކަނޑާލީއެވެ. ދެން އައީ މެސެޖެކެވެ. އެމެސެޖު ކިޔާލުމަށްފަހު ޝާއިންގެ މޫނުމަތީގައިވި ހައިރާންކަން ފިލާގޮސް ވަރަށް ބޮޑަށް ހިނިތުންވެލައިފިއެވެ. ރޮޒޭންގެ މައްޗަށް ހިތުގައި އުފެދިފައިވާ ޝައުގުވެރިކަން އިތުރުވެގެންދިޔައެވެ.

ހުރިހާ ކަމެއް ނިންމާލުމާއިއެކު ދެއަތްތިލަ ދޮވެލާފައި ކައިރީގައި ހުރި އަތްފޮހޭ ތުވާލިކޮޅުގައި އިނާޔާ އަތްފޮހެލިއެވެ. އަދި ރޮޒޭންއަށް ބަލާލުމަށްފަހު ވާހަކަދައްކަން ބޭނުންވަނީ ކާމޭޒުދޮށުގައި ތިބެތޯ އަހާލިއެވެ. ރޮޒޭން އޭނަގެ މަންމަގެ އަތުގައި ހިފާލަމުން އޭނަގެ ކޮޓަރިއަށް އައުމަށް ބުންޏެވެ.
"މަންމާ، އަޅުގަނޑު ބޮޑުވެއްޖެ ދޯ މިހާރު" ރޮޒޭންގެ އެނދުގައި އިށީނދެލައިގެން އިން އިނާޔާއަށް ބަލާލަމުން ރޮޒޭން އަހާލިއެވެ.
"މައިންބަފައިންނަށް އެމީހުންގެ ދަރިން ދުވަހަކުވެސް ބޮޑެއްނުވާނެ، އެކަމަކު ދަރިފުޅު ބުނަންތިއުޅޭ އެއްޗެއް މަންމައަށް ވިސްނިއްޖެކަންނޭނގެ، ދަރިފުޅު ކުއްޖަކާ ގުޅެން ބޭނުންވަނީދޯ..." އިނާޔާ ހީލާފައި ބުނެލިއެވެ.
"އަޅުގަނޑު ރައްޓެހިވެއްޖައިން... ޝާއިން ކިޔަނީ" ރޮޒޭން ޖެހިލުންވެފައި އިންގޮތަކަށް ބުނެލިއެވެ.
ރޮޒޭން އާއި އިނާޔާގެ މެދުގައި ޝާއިންގެ ވާހަކަދެކެވުނެވެ. ރޮޒޭންއަށް ޝާއިން އެނގޭވަރަށް އިނާޔާއަށްވެސް ޝާއިން އެނގިގެން ދިޔައެވެ. އަދި ރޮޒޭންގެ ފޯނުގައި ރެސްޓޯރެންޓެއްގައި ޝާއިން އާއިއެކު ނަގާފައިވާ ފޮޓޯއެއް އިނާޔާއަށް ދައްކާލި އެވެ. ބަލާބެލުމަށް ޝާއިންގެ ހުރިހާ ކަމެއްވެސް އިނާޔާއަށް ކަމުދިޔައެވެ. ޚާއްޞަކޮށް ރޮޒޭންގެ ފަރާތުން އިވުނު ތަޢުރީފުގެ ބަސްތައް އަޑުއިވި ޝާއިންއަކީ ރިވެތި އަޙްލާގެއް ލިބިފައިވާ ޒުވާނެއްކަން އިނާޔާއަށް ޔަގީންވިއެވެ. ރޮޒޭންގެ އުފާވެރިކަމަކީ އިނާޔާގެ ހުރިހާވެސް އުފަލަކާ ހިތްހަމަޖެހުމެވެ. ރޮޒޭން އުފަލުންގޮސް އޭނަގެ މަންމަގެ ގައިގާ އޮޅުލައިގަތެވެ. އިނާޔާ ބޭނުންވީ އޭނައާއި ބައްދަލު ކުރުމަށް ޝާއިން އެގެއަށް ގެނައުމަށެވެ. އަދި އާއިލާގެ އެހެންކުދިންނާއި ބައްދަލުކުރުވަންވެސް ބޭނުންވާ ކަމަށެވެ. ދުވަހަކުވެސް ރޮޒޭންގެ ފަރާތުން ފިރިހެން ކުއްޖެގެ ނަންކިޔާލި އަޑު މިނޫނީ އިނާޔާ ނާހައެވެ. އެހެންވެ އޭނަގެ ދަރިފުޅު ހިޔާރު ކުރި ހަމައެކަނި ފިރިހެނަކީ ޝާއިންކަން އޭނައަށް އެނގެއެވެ. އެލޯބި ނުލިބެއްޖެނަމަ އެދަރުފުޅުގެ ހިތް ހަލާކުވެދާނެކަން ވަރަށް ރަނގަޅަށް އިނާޔާއަށް އެނގެއެވެ. ދެލޯމަރައިގެން ހުރެ ވިޔަސް އޭނަ އެނިންމުން ނިންމާނީ ހަމައެގޮތަށެވެ. ދަރިފުޅުގެ އުފަލައްޓަކައި ވަކި ފެންވަރެއް ވަކި ދަރަޖައެއް ނޯންނާނެއެވެ. އެދަރިފުޅު ހިޔާރުކުރި ކޮންމެ ބައިވެރިއަކީ އޭނަގެ ދަނބިދަރިއަކަށް ހަދާނެޒުވާނެކެވެ.
"މަންމާ، ދޮންބެ މިކަމާ ގަބޫލުނުވެއްޖެއްޔާ... ޝާއިންއަކީ މުއްސަނދި ފައިސާވެރިއެއްނޫން، އޭނަގެ އާދައިގެ ދިރިއުޅުމާއިމެދު އަޅުގަނޑު ހިތްހަމަޖެހޭ... އެކަމަކު ދޮންބެ..." ރޮޒޭން އިނާޔާގެ އަތްތިލާގައި ހިފާލަމުން ބުނެލިއެވެ.
"ރިޝްވާން އެހެން އުޅުނަސް މަންމަ ބުނެފިއްޔާ އެއްވެސް އެއްޗެއް ނުބުނާނެ" އިނާޔާއަށް ރިޝްވާންގެ ގޮތް ރަނގަޅަށް އެނގޭއިރުވެސް ބުނެލިއެވެ. އެއާއިއެކު ރޮޒޭންގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. އަދި އޭނަގެ މަންމައަށް އެތަށް ފަހަރެއްގެ މަތިން ޝުކުރު އަދާކުރިއެވެ.

މަންސޫރު ޒައުލް އާއި ސުވާލުކުރީ ހަވީރު އޭނަ ގެއަށް އައިއިރު ހުރި ގޮތާއިމެދުގަ އެވެ. ޒައުލް އޭނަގެ ބައްޕައަށް ފުރަތަމަ ފަހަރަށް ދޮގު ހެދިއެވެ. އޭނަ އައީ ޔޫހާ ކައިރިންކަން ބުނަން ބޭނުންވިޔަސް އެކަން ހާމަކުރާނެ ގޮތެއް ނޭގުނެވެ. ޔޫހާ އާއިމެދު ރަނގަޅ ުނޫން ނިންމުންތަކެއް ނިންމާފާނެކަމުގެ ބިރާއިއެކުއެވެ. ޔޫހާ އޭނައަށް ގުޅީވެސް މަންސޫރު އާއިއެކު ވާހަކަދައްކަން ހުއްޓައެވެ. އަވަސް ޖަވާބެއްދެމުން ފޯނު ބޭއްވީ އެހެންވެއެވެ.
"ބައްޕައަށް ފެންނަނީ ދަރިފުޅު ހޮޓެލްގަ ނިދުން ތަންކޮޅެއް މަދުކޮއްލުން، ކާރު އޮވޭ، ޖަމާލު އެހުންނަނީ ދަރިފުޅު ބޭނުންތަނަކަށް ގެންގޮސްދޭން ހަމައެކަނި ދަރިފުޅަށް ޚާއްޞަކުރެވިފައި، ދަންވިޔަސް ބައްޕަ ބޭނުންވަނީ ދަރިފުޅު ގެއަށް އަންނަން... ހީކުރަން ބައްޕަގެ މި ނިންމުމާއި ދޭތެރޭ ދަރިފުޅު ވިސްނާނެކަމަށް، މިހާރު ދަރިފުޅު ތިހުރީ ބައްޕަގެ މަގާމުގައި އެހެންވީމަ މީހުން ކިޔާފާނެ އެއްޗަކަށްވެސް ބަލާލަންވާނެ، ވަރަށް ބޮޑަށް މީޑިއާގެ ލޯތަކަށް ސަމާލުވާންޖެހޭނެ..." މަންސޫރުގެ ނިންމުން އިއްވާލިއިރު އެއަޑުގައި ހަރުކަށިކަމެއް ނުވެއެވެ. އެހެންނަމަވެސް ޒައުލް ހުރީ ޖެހިލުންވެފަ އެވެ.
"ކާކުތަ އެގުޅީ، މިގަޑީގަ ކޮންކަމެއްތަ ކުރިއަށް ތިގެންދަނީ" މަންސޫރު އަނެއްކާ ވެސް ސުވާލުކުރި އެވެ.
"ހޮޓެލުން..." ޒައުލް ބަސްމަދުވެފައި ކިޔަމަންތެރިއެވެ.
"އެހެންނޭ، ހޮޓެލްގަ ކޮންކަމެއްހޭ ކުރިއަށް ގެންދަނީ" މަންސޫރު ޓެރެސްގެ ސޯފާގައި ކުރިން އިންގޮތް ބަދަލު ކޮއްލަމުން ބުނެލި އެވެ.
"ގާޑަންވިއުގެ ކަންތައްތައް، އެތަނަށް ބޭނުންވާވަރަށް މުވައްޒަފުންނެއްނެއް، އެތަން ވީހާވެސް އަވަހަކަށް ހުޅުވާލަން ކަމަށް" ޒައުލް އަނެއްކާވެސް ދޮގެއް ހަދާލިއެވެ. މަންސޫރު ބޯޖަހާލަމުން އިތުރު ސުވާލެއް ނުކުރިއެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު ޒައުލް އެތަނުން ދިއުމުގެ ހުއްދައަކަށް މަންސޫރުގެ ގާތުން އެދުނެވެ.
ސިޑިންފައިބައިގެން ދަމުން ޒައުލް އަވަސް އަވަހަށް ޔޫހާއަށް ގުޅާލިއެވެ. ނަސީބަކުން ގިނައިރެއްނުވެ ޔޫހާ ފޯނު ނެގިއެވެ. އެއާއިއެކު ޒައުލް ޔޫހާމެންގެއަށް އެބަދަންކަމުގައި ބުނެ ޔޫހާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ފޯނު ކަނޑާލައިފި އެވެ. ގޭޓުން ބޭރަށް ނުނިކުމެވެނިސް ޒައުލްއަށް ލޫލުއާ ގޮވާލިއެވެ. ހާސްކަމާއިއެކު ފަހަތަށް އެނބުރިލި ޒައުލްއަށް ރީތިވެލައިގެން އަންނަ ލޫލުއާއަށް ބަލާލެވުމާއިއެކު އޭނަވެސް އެއަންނަނީ ބޭރަށް ނުކުންނަންކަން އެނގުނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު