ފަރަށް ޕްލެޓްފޯމް އެރި މައްސަލަައިގައި އެފްކޮންސްއިން ހެދި ސާވޭ ރިޕޯޓް އީޕީއޭއަށް ހުށައަޅައިފި

ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތަކުގެ ފޮޓޯ -- ފޮޓޯ/ އީޕީއޭ

ތިލަމާލެ ބުރިޖު މަޝްރޫއުގައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެ މަޝްރޫޢުގެ މަސައްކަތްކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން އަމިއްލައަށް ހެދި ސާވޭ ރިޕޯޓް އީޕީއޭއަށް ހުށައަޅައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްކޮންސް އިން ހެދި އެތަނުގެ ދިރާސާ ރިޕޯޓް މިހާރު ވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ހުށައަޅައި ރިޕޯޓާ ގުޅޭގޮތުން މަޝްވަރާ ކުރަންފަށާފައެވެ. ނަމަވެސް އެ ރިޕޯޓުގެ ހޯދުންތަކާ އީޕީއޭއިން އެއްބަސްނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީޕީއޭއިން މި ރިޕޯޓް ބަލައި ނުގަތުމުގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ، ރިޕޯޓް އެފްކޮންސްއިން ހަދަން ފަށާފައިވަނީ ފަރަށް ގެއްލުން ލިބުނުތާވެސް ދުވަސްތަކެއް ފަހުން ކަމަށްވާތީއެވެ. އެފްކޮންސް އިން ހެދި މި ރިޕޯޓުގައިވާގޮތުން ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް އެރުމާ ގުޅިގެން ގެއްލުންވެފައިވަނީ ނިސްބަތުން ވަރަށް ކުޑަ ސަރަހައްދަކަށެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ އިރުދެކުނު ފަރަށް އަރާފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

އެ ހާދިސާގައި އެފްކޮންސްއިން އަމިއްލައަށް އެދިގެން ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ރިޕޯޓެއް އެކުލަވާލާފައިވަނީ، އީޕީއޭއިން ހެދި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ މިންވަރާ މެދު ހިތްހަމަނުޖެހިގެންނެވެ.

މިކަމާ ގުޅިގެން އޭރު ސަންއަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވެފައިވަނީ، އީޕީއޭއިން ހެދި ސާވޭގައި އެފްކޮންސްއަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވީނަމަވެސް އެކުންފުނިން މިކަމުގައި ބައިވެރިވެފައި ނުވާކަމަށެވެ.

އެ ކުންފުނީގެ ބަދަލުގައި ސާވޭގައި ބައިވެރިވީ ކުންފުނީގެ އިންޝުއަރެންސްގެ ބައެއް ކަމަށް ނައީމް ވިދާޅުވިއެވެ.

"އެމީހުންގެ ފަރާތުން ބައިވެރިވާނަމޭ ކިޔާފަ ފަހުން އިންޝުއަރެންސުން ބައިވެރިވީ،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ސާވޭ ރިޕޯޓު އަމިއްލައަށް ހެދުމަށް އެފްކޮންސްއިން އެދުނީ އެ ކުންފުންޏަށް ޖަވާބުދާރީވާން ދިން މުއްދަތުގެ ތެރޭގައި ކަމަށެވެ.

ޕްލެޓްފޯމު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް އީޕީއޭއިން ވަނީ އާއްމުކޮށްފައެވެ.

އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް އެ މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމެއް ފަރަށްއެރީ އޮގަސްޓް މަހުގެ 16ވަނަ ދުވަހުއެވެ. އަދި ހާދިސާ ހިނގިތާ 12 ދުވަސް ފަހުން ޕްލެޓްފޯމް ފަރުމަތިން ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.

comment ކޮމެންޓް