ވަޔެކާނޯ ރެއާލް ބަލިކޮށްފި، އެއްވަނައިގައި ބާސާއަށް ލީޑެއް

ސްޕެނިޝް ލާލީގާގައި ރަޔޯ ވަޔެކާނޯ އަތުން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ރޭ ވަޔެކާނޯގެ އަމިއްލަ ދަނޑުގައި ރެއާލް ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ސެންޓީ ކޮމެސާނާ ވަނީ ގޯލެއް ޖަހައި ވަޔެކާނޯއަށް ލީޑު ނަގައިދީފައެވެ.

ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ރެއާލްގެ ލުކާ މޮޑްރިޗް ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މާކޯ އެސެންސިއޯއަށް ވަޔެކާނޯ އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން މޮޑްރިޗް ޖެހި ގޯލެކެވެ.

މެޗުގެ 41 ވަނަ މިނެޓުގައި ރެއާލް އިން ގޯލެއްޖަހައި މެޗުގެ ލީޑު ނެގިއެވެ. އެ ގޯލަކީ އެސެންސިއޯ ނެގި ކޯނަރަކުން އެޑާ މިލިޓާއޯ ޖެހި ގޯލެކެވެ.

ރަޔޯ ވަޔެކާނޯއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގެޓީ އިމޭޖްސް

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޔެކާނޯއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އިސީ ޕްލެޒޮން ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން އެ ގޯލު ޖެހީ އަލްވާރޯ ގާސިއާ ރިވޭރާއެވެ.

މެޗުގެ ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އޮސްކާ ޓްރޭހޯ ވަނީ ގޯލު ޖަހައި ދެވަނަ ފަހަރަށް ވަޔެކާނޯއަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ރެއާލްގެ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު ޑެނީ ކާވަހާލް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެ ނަތީޖާއާއެކު މެޗު ނިމުމުން ތާވަލުގެ އެއްވަަނައަށް އެރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ރޭގެ މެޗުން މޮޅުވެގެން ރެއާލްއަށް ތާވަލުގެ އެއްވަނައަށް އެރޭނެއެވެ.

ނަމަވެސް ރޭގެ މެޗުން ބަލިވުމުން ރެއާލް ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 13 މެޗުން ލިބުނު 32 ޕޮއިންޓާއެކުގައެވެ. ބާސާ ވަނީ ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެ ޓީމު އެއްވަަނައިގައި އޮތީ ކުޅުނު 13 މެޗުން ލިބުނު 34 ޕޮއިންޓާއެކުވެ.

comment ކޮމެންޓް