ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ނުވަތަ ދެވަނަ ބުރުގައި މިދިޔަ ސީޒަންގެ ފައިނަލުގައި ކުޅުނު ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރު އިއްޔެ ނަގާފައިވާއިރު ފޯރިގަދަ މެޗުތަކެއް ވަނީ އެ ގުރުން ދިމާވެފައެވެ.
އެގޮތުން ފްރާންސްގެ ގަދަބާރު ޕީއެސްޖީ ދެވަނަ ބުރުގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްއާއެވެ. އެ މެޗު ވެސް ވާނީ ވާދަވެރިކަން ބޮޑު މެޗަކަށެވެ. 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ބަޔާން މިއުނިކް ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށް ނިކުންނައިރު ޕީއެސްޖީން ނިކުންނަނީ އެ ޓީމުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށެވެ.
އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ބައްދަލުކުރަން ޖެހޭއިރު އެ މެޗު ވެސް ވާނީ ފޯރިގަދަ މެޗަކަށެވެ. ޗެމްޕިއަންސް ލީގުގައި ކާމިޔާބު މިލާނުން އަށް ވަނަ ފަހަރު ތަށި ހޯދަން ނިކުންނައިރު ޓޮޓެންހަމްއަށް އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބެއް ނުކުރެވެއެވެ.
ދެވަނަ ބުރުގައި 2021 ވަނަ އަހަރުގެ ޗެމްޕިއަން ޗެލްސީއާއި ޑޯޓުމަންޑު ވެސް ވާދަކުރަންޖެހެއެވެ. އަދި ޗެމްޕިއަންސް ލީގަށް އަމާޒު ހިފައިގެ ކުޅުންތެރިންނަށް ބޮޑު ޚަރަދެއް ކޮށްގެން ނިކުންނަ މެންޗެސްޓާ ސިޓީއާ ވާދަކުރަން ޖެހެނީ ލެއިޕްޒިގްއެވެ.
މީގެއިތުރުން އިންޓަ މިލާނާއި ޕޯޓޯ ދެވަނަ ބުރުގައި ކުރިމަތިލާއިރު ނަޕޯލީއާއި ފްރެންކްފާޓުގެ ކުރިމަތިލުން ވެސް އެ ބުރުން ފެންނާނެއެވެ. ކްލަބް ބުރޫޖް އަދި ބެންފިކާ އަކީ ވެސް ދެވަނަ ބުރުން ފެންނާނެ މެޗެކެވެ.
އެ ބުރުގެ އެންމެ ވާދަވެރި މެޗަކަށް ވާނީ މިދިޔަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ރެއާލްއާއި ލިވަޕޫލް ބައްދަލުކުރި މެޗެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު ރެއާލްއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ ބުރުގެ އެންމެ ވާދަވެރި މެޗަކަށް ވާނީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ރެއާލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. އެ މެޗުތައް ކުޅޭނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އަހަރުގެ މާޗު މަހުގެ އަށްވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 16 ބަނަ ދުވަހާ ހަމައަށެވެ.