ޖަވާން ފިލްމަކީ ކޮޕީއެއް ކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

ޝާހުރުކްޚާންގެ ޖަވާން ފިލްމަކީ ކޮޕީ ކޮށްފައިވާ ފިލްމެއް ކަމަށް ބުނެ ތަމަޅަ ފިލްމު އުފައްދާ ފަރާތަކުން މައްސަލަ ހުށަހަޅައިފިއެވެ.

ޖަވާން ފިލްމުގެ ޕޯސްޓަރު ރިލީޒްކުރި ދުވަހުން ފަށައިގެންވެސް މި ފިލްމަކީ ކޮޕީ އެއް ކަމަށް ބުނާ ވާހަކަތައް ވަނީ ދެކެވިފައެވެ. އެގޮތުން، ބޯޖްޕުރީ ގިނަ ފިލްމުތަކެއް އުފައްދާފައިވާ ކަމާލް ރާޝިދު ޚާން – ކޭއާރްކޭ ވަނީ މި ވާހަކަ ޓްވިޓާގައި ދައްކާފައެވެ. އެހެންނަމަވެސް، މި ވާހަކަތައް ދޮގުކޮށް ފިލްމުގެ ޓީމުންވަނީ އެކަމަށް ރައްދުދީފައެވެ.

'ޓެމިލް ފިލްމް ޕްރޮޑިއުސަރސް ކައުންސިލް - ޓީއެފްޕީސީ' އަށް ތަމަޅަ ފިލްމު ޕްރޮޑިއުސަރު މަނިކަމް ނަރަޔަން މައްސަލަ ހުށަހަޅާފައިވައިވަނީ މި ފިލްމަކީ 2006ގައި ނެރުނު ތަމަޅަ ފިލްމު 'ޕެރަރަސޫ'ގެ ސްޓޯރީގެ ކޮޕީއެއް ކަމަށް ބުނެއެވެ. އަދި އެ ވާހަކައިގެ ރައިޓްސް އޮންނާނީ އޭނާގެ އަތުގައި ކަމަށް ބުނެފައިވެއެވެ. އަދި، މި ހުށަހެޅުމާ ގުޅިގެން ޓީއެފްޕީސީ އިން މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް އެއްބަސްވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

'ޕެރަރަސޫ' ފިލްމަކީ އެކްޝަން ކްރައިމް ފިލްމެކެވެ. މި ފިލްމުގައި ޖަޖެއް ކުއްލިއަކަށް ގެއްލުމުން އޭނާ ހޯދުމަށް މަސައްކަތްކުރާ ސީބިއައި އޮފިސަރ އެއް މިޝަން ދައްކުވައިދޭއިރު ފިލްމުގެ ލީޑުން ފެނިފައިވަނީ ވިޖަޔަކާންތުއެވެ.

ޝާހުގެ އާ ފިލްމުތަކުގެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، 'ޕަޓާން' އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރާނެއެވެ. އަދި، އަހަރުގެ މެދުތެރެއިން 'ޖަވާން' އަދި އަހަރުގެ ފަހުކޮޅު 'ޑަންކީ' ރިލީޒްކުރަން ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރަކީ ޝާހުގެ އަހަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ.

comment ކޮމެންޓް