ނާސްތާ ނުލިބުމުން ފިލްމު ޝޫޓިން ދޫކޮށްލައިފި

ފިލްމެއްގެ ޝޫޓިންއަށް ދިޔަ އިރު އެތަނުން ނާސްތާ ލިބެން ނެތުމުން ޝޫޓިން އެއްކޮށް ދޫކޮށް ދިޔަ ގޮތަށް ފިލްމުގެ ޝޫޓިން އަށް އަނބުރާ ނުދިޔަ ކަމަށް އިންޑިއާގެ ކުރީގެ މަޝްހޫރު މޮޑެލް އަދި އެކްޓަރު މިލިންދު ސޮމަން ބުނެފިއެވެ.

މިލިންދު ދާދި ފަހުން ނެރުނު އޭނާގެ މެމޮއާ، "މޭޑް އިން އިންޑިއާ"ގައި ވަނީ އޭނާ ފިލްމު ޝޫޓިން އެއްގެ ތެރެއިން މަސައްކަތް ދޫކޮށްލާފައި ދިޔަ ކަމާއި އެ ދޫކޮށްލި ސަބަބު ވެސް ހިއްސާކޮށްފައެވެ.

މިލިންދު ކިޔައިދިން ގޮތުގައިން އޭނާ އަށް ވަނީ "ޖޯ ޖީތާ ވޮހީ ސިކަންދަރު" ކިޔާ ފިލްމަކުން ފުރުސަތު ލިބިފައެވެ. މިއީ 1992 ވަނަ އަހަރުގައި ނެރުނު ފިލްމެކެވެ. މި ފިލްމުގައި އާމިރު ހާން ފެނިގެން ގޮސްފައެވެ.

މި ފިލްމުގެ ޝޫޓިންއަށް ދިޔަ އިރު އެއް ދުވަހު ހެނދުނުގެ ނާސްތާ ނެތުމުން އޭނާ ނިންމީ ޝޫޓިން ދޫކޮށްލައި އެއްކޮށް ދިޔުމަށެވެ. އަދި އެކަމާ ރުޅި އައިސްގެން ދިޔައީ އެ ސަރަހައްދުގައި ހުރި ބައިސްކަލެއް ވެސް އެއްލާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ ޝޫޓީން ދޫކޮށްލިއިރު އެ ފިލްމުގެ ޝޫޓިންގެ 75 ޕަސެންޓު ވަނީ ނިމިފައެވެ. ނަމަވެސް އެއަށްފަހު މިލިންދު އަނބުރާ ފިލްމުގެ ޝޫޓިން އަށް ގޮސްފައެއް ނުވެއެވެ. އެއާއެކު އެ ރޯލު ދީފައިވަނީ ދީޕަކް ތިޖޯރީ އަށެވެ. އެ ފިލްމުން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭނާއެވެ.

މިލިންދު އަތުން އެ ރޯލު ގެއްލުމުން އެކަމާ ކަންބޮޑު ނުވާ ކަމަށް އޭނާގެ މެމޮއާގައި ލިޔެފައިވެއެވެ. އޭނާ ބުނާގޮތުގައި އެ ފިލްމު ޝޫޓިން އޮތް ދުވަސްވަރު އޭނާ އަށް އެންމެ މުހިއްމު ކަމަކަށް ވީ އޭނާ އުފަލުގައި ހިތްހަމަ ޖެހިގެން ހުރުމެވެ. އަދި ޝޫޓިން ތެރެއިން ހިތްހަމަ ނުޖެހޭ ކަމެއް ވުމުން އެކަމާ ގުޅިގެން ހިތްހަމަ ޖެހޭ ގޮތަށް އަމަލު ކުރި ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް