ޕްރިމިއާ ލީގް ކުލަބް ލިވަޕޫލް ވިއްކާލަނީ

ލިވަޕޫލް ސްޓޭޑިއަމް.. ފޮޓޯ/ސްކައި ނިއުސް

ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެން ވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން އެ ކުލަބު ވިއްކާލަން ނިންމައިފިއެވެ.

މި ފަހަކަށް އައިސް އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ލިވަޕޫލް ވިއްކާލުމަށް ނިންމާފައިވާކަން އެފްއެސްޖީން ވަނީ ޔަގީންކޮށްދީފައެވެ. އެފްއެސްޖީން ބުނީ ލިވަޕޫލްގެ ކޮންޓްރޯލިން ޝެއާ ވިއްކާލުމަށް ނިންމާފައިވާ ކަމަށާއި، ވިޔަފާރީގެ މި މުއާމަލާތްތައް ކާމިޔާބުކަމާއިއެކީ ކުރިއަށް ގެންދިއުމަށް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެފްއެސްޖީން ބުނާގޮތުގައި އެ ކުލަބް ގަތުމަށް މިހާތަނަށް ވަރަށް ރަނގަޅު ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.

އެފްއެސްޖީން ބުނީ ލިވަޕޫލްގެ ކޮންޓްރޯލިން ޝެއާ ވިއްކާލި ނަމަވެސް، ކުލަބް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިން ކުލަބާއެކު އަބަދުވެސް ދެމިއޮންނާނޭކަމަށެވެ.

އެފްއެސްޖީން ޖޯޖް ޖިލެޓް އަދި ޓޮމް ހިކްސް އަތުން ލިވަޕޫލް ގަނެފައިވަނީ 2010 ވަނަ އަހަރު 300 މިލިއަން ޕައުންޑަށެވެ. އެފްއެސްޖީން ލިވަޕޫލާ ހަވާލުވުމަށްފަހު، އެ ކުލަބަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން ލިވަޕޫލް ސްޓޭޑިއަމުގެ އިންފްރާސްޓަކްޗާ ތަރައްގީ ކުރުމަށް މިހާތަނަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިރު، އެކުލަބުން ވަނީ މުޅިން އާ ޓްރެއިނިން ފެސިލިޓީއެއްވެސް ގާއިމްކޮށްފައެވެ.

އެފްއެސްޖީން ލިވަޕޫލާ ހަވާލުވުމަށްފަހު ވޭތުވެދިޔަ އަހަރުތަކުގައި ލިވަޕޫލުން ވަނީ ދަނޑުމަތީގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ލިވަޕޫލުން 2019 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސްލީގް ހޯދުމާއި، ހަމަ އެއަހަރު އިނގިރޭސި ޕްރިމިއާ ލީގް ހޯދުމެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ލިވަޕޫލް ގަތުމުގެ ޝައުގުވެރިކަން ޗައިނާގެ އިތުރުން އަރަބި މަހުޖަނުން ފާޅުކުރި ނަމަވެސް އެއިން އެއްވެސް ބަޔަކަށް ލިވަޕޫލް ވިއްކުމުގެ ވިސްނުމެއް ނެތްކަމަށް އެފްއެސްޖީން ވަނީ ބުނެފައެވެ.

ފޯބްސްއިން ބުނާގޮތުގައި މިއަހަރުގެ މެއިމަހުގެ ނިޔަލަށް ލިވަޕޫލްގެ އަގަކީ 3.63 ބިލިއަން ޕައުންޑެވެ.

comment ކޮމެންޓް