އަތޮޅު ތެރޭގައި އަމިއްލަ ކުންފުންޏަކުން އަޅާ ފުރަތަމަ ޕޮލިޓެކްނިކް ވިލާ ކޮލެޖަށް

އަތޮޅު ތެރޭގައި ޕްރައިވެޓް ބަޔަކު އަޅާ އެންމެ ފުރަތަމަ ޕޮލިޓެކްނިކް ގާއިމްކޮށް ހިންގަން ވިލާ އެޑިއުކޭޝަނަލް ސާވިސަސްއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދެވެ. އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ހިލްމީއެވެ. ވިލާ އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބެެވެ.

އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކެއް ގާއިމްކުރާނީ ކ. ތުލުސްދޫގައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ، މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕޮލިޓެކްނިކް ޚާއްސަކޮށްފައިވަނީ މެދު ފަންތީގެ ޓޫރިޒަމްގެ ފަންނީ ކޯސްތައް ހިންގުމާއި ވޯޓާ ސްޕޯޓަށެވެ. އެހެންނަމަވެސް އެހެން ދާއިރާތަކުގެ ވޮކޭޝަނަލް ޓްރެއިިނިންތައް ވެސް އެ ތަނުގައި ހިންގާނެއެވެ.

މި ޕޮލިޓެކްނިކަށް ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް އެ ރަށު ކައުންސިލުންވަނީ ޚާއްސަކޮށްފައެވެ. ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށް ޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗު ފްރަންޓުން ވަނީ ހަމަޖައްސައިފައެވެ.

ތަނުގެ މަސައްކަތް ނިމޭއިރު އެ ތަނުގައި ކިޔަވައިދޭން ބޭނުންކުރާ ބްލޮކަކާއެކު އެކޮމޮޑޭޝަން ބްލޮކެއް ވެސް ހުންނާނެއެވެ. މީގެ އިތުރުން މަދުވެގެން ހަ ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއް ވެސް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ.

ހަމައެއާއެކު ޓޫރިޒަމް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ.

ހަޔަރ އެޑިއުކޭޝަނާއި ވިލާ ކޮލެޖުން ޕޮލިޓެކްނިކް އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު-- ފޮޓޯ/ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އެ އެއްބަސްވުމަކީ ގިނަ ފައިދާތަކެއް ވާނެ އެއްބަސްވުމެއްކަމަށެވެ.

"މިއަދު މި ވެވޭ އެއްބަސްވުމަކީ އެއް ގޮތަށް ވުރެ ގިނަ ގޮތް ގޮތުން ވަރަށް ފައިދާހުރި އެއްބަސްވުމެއް. އެއީ އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައިނުވާނަމަ އަތޮޅު ތެރޭ ޕޮލިޓެކްނިކެއް ގާއިމްކުރުމަށް ޕްރައިވެޓް ޕާޓީއަކާ ސަރުކާރުން ވެވޭ ފުރަތަމަ އެއްބަސްވުން. ހަމައެއާއެކު މި ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް ލިބިގެންދާނެ މި ދާއިރާއިން ތައުލީމީ ސަަނަދު ހޯދައިގެން މަސައްކަތުގެ ހުނަރު ދަސްކޮށްގެން މި ދާއިރާއަށް ނިކުތުމަށް ޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަނާއި ވިލާ ކޮލެޖުން ޕޮލިޓެކްނިކް އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ ތެރެއިން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު -- ފޮޓޯ/ ހަޔަރ އެޑިއުކޭޝަން

އެ ހަފުލާގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ނަޖީބު ވިދާޅުވީ އެ ކޮލެޖަކީ ފަތުރުވެރިކަމާއި ވޯޓާ ސްޕޯޓްސްގެ އެކިއެކި ކޯސްތައް އެންމެ ޒަމާނީ ފެންވަރަށް ހިންގާ ތަނެއް ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެން މާކެޓަށް ނެރެފައިވާނެ 300އަށް ވުރެ ގިނަ ކުދިން ވޯޓާ ސްޕޯޓްސް އާއި އެކުއަޓިކްސްގެ ދާއިރާއިން. އަދި އޭގެ އިތުރަށް ޑައިވިން ވެސް އެ އަަދަަށް ނުވަތަ އެއަށްވުރެ މަތީ އަދަދަކަށް ނެެރެފައިވާނީ ޓޫރިޒަމް ދާއިރާއަށް،" އޭނާ ވިދާޅުވިއެެވެ.

ނަޖީބު ވިދާޅުވީ އުންމީދަކީ ސަރުކާރާއެކު ވެވުނު އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ އެ ތަނުން ދަރިވަރުން ކިޔަވައި ޚިދުމަތް ކުރަން ނިކުތުންކަމަށެވެ.

comment ކޮމެންޓް