ދޫނިދޫ ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

ފުލުހުން މާލޭގެ އަމަން ބަލަހައްޓަނީ: ދޫނިދޫ ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޫނިދޫ ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހުއެވެ. މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލީ ލ. ދަނބިދޫ/ ނާއިސް, އަނަސް އަލީގެ މައްޗަށެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޗެކްކުރިއިރު، އަނަސް ލައިގެން ހުރި ޔުނީފޯމްގެ ޖެކެޓުގެ ވާތް ފަރާތު ޖީބުން ނޮކިއާ ބައްތި ފޯނެއް ލައްވާ ބެޓެރިއެއް ވަނީ ފެނިފައެވެ. އަނަސް އަލީ ދިރިއުޅޭ ދޫނިދޫގެ ފެންޑާގައި ހުރި އޭނާގެ އަލަމާރި ބަލާ ފާސްކުރިއިރު އޭގެ ތެރެއިން ތިން ސިމް ކޮޅާއި ނޮކިއާ ބައްތި ފޯނެއް ވަނީ ފެނިފައެވެ. ޖަލަށް ވެއްދުން މަނާތަކެތި ވެއްދުމަށް ލިޔެފައިވާ 18 ނޯޓު ކަރުދާސްކޮޅު ވެސް ފުލުހުން ވަނީ ހޯދާފައެވެ.

އަނަސް ނިދާ އެނދުގެ ބާލިސް ދަށުން ވެސް ފުލުހުން ވަނީ ނޮކިއާ ބައްތި ފޯނެއް ހޯދާފައެވެ.

އެ މައްސަލައާ ގުޅިގެން އަނަސްގެ މައްޗަށް އުފުލާފައިވަނީ މަނާކުރެވިފައިވާ އެއްޗެއް މީހުން ބަންދުކުރާ މަރުކަޒަކަށް ގެންދަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާއަށް އަނަސް ވަނީ އިންކާރު ކޮށްފައެވެ. އަދި ބުނީ އެ ތަކެތި ނަގާފައިވަނީ އޭނާ ދިރިއުޅުނު ތަނުން ނަމަވެސް ދޫނިދީ ޖަލަށް ވައްދަން އުޅެނިކޮށް ނޫން ކަމަށެވެ.

އެ މައްސަލައިގައި އަނަސްއާ ދެކޮޅަށް ހެކިބަސް ދިން ފުލުހަކު ބުނީ ޖަލަށް ވެއްދުން މަނާ ތަކެތި އަނަސް ވައްދާކަމުގެ މައުލޫމާތު މީގެ ކުރިން ލިބިފައިވާ ކަމަށެވެ. އަދި ރައްޓެއްސެއްގެ ހައިސިއްޔަތުން އެކަން ނުކުރުމަށް އަނަސްއަށް ނަސޭހަތްތެރިވި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

އިތުރު ފުލުހުން ވެސް ވަނީ އަނަސް އަލީއާ ދެކޮޅަށް ހެކިބަސް ދީފައެވެ. ނަމަވެސް އަނަސްގެ ފަރާތުން ދިފާއުވުމަށް ހެކިންގެ ގޮތުގައި އެއްވެސް މީހެއް ހުށަހަޅާފައެއް ނުވެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެއްކިންގެ ހެކިބަހަށް ބުރަވެ ގާޒީ އިސްމާއީލް ޝަފީއު އިއްޔެ ހުކުމް ކޮށްފައިވަނީ އަނަސްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. އަދަބެއްގެ ގޮތުން ފަސް މަހާއި 19 ދުވަހު ޖަލުގައި ބަންދު ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރިޔަސް މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކަށް ފޯނު ވެއްދުމަކީ ވަރަށް އާންމު ކަމެކެވެ. އެކަން ކުރުމުގައި ޖަލު އޮފިސަރުންނާ ފުލުހުންގެ އަތެއްވާ ކަމުގެ އަޑުތައް އަބުދުވެސް އިވެއެވެ.

comment ކޮމެންޓް