އަރަބިއްޔާއަށް ރަނގަޅު ގޮތެއް ވާނެކަމުގެ އުންމީދެއް ނެތް، އެޑިއުކޭޝަނުން އިސްކަމެއް ނުދޭ: ބެެލެނިވެރިން

އަރަބިއްޔާގެ ދެ ބެލެނިވެރިއަކާއި އެޑިއުކޭޝަނުގެ ވެރިންނާ ބައްދަލުކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގައި އަރަަބި ތައުލީމު އުނގަންނައިދޭ ހަމައެކަނި ސްކޫލުކަމަށްވާ އަރަބިއްޔާއަށް އަވަސް މުސްތަގުބަލެއްގައި ރަނގަޅު ގޮތެއްވެދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް އެ ސްކޫލުގެ ބެލެނިވެރިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގެ ވާހަކަތައް ހިއްސާކުރަމުން ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް، "ސަން"އަށް ބުނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅާ ބާ ޖަމާލުއްދީންގެ ބިން އަދިވެސް ސަރުކާރުން އުޅެނީ ހުސްނުކުރެވިގެން ކަމަށެވެ. އަދި އެ ކަމަށް ވެސް ގިނަ ތާރީހުތަކެއް މަތި މައްޗަށް ދީފައިވާކަމަށް ބުންޏެވެ.

"މިހާރު އެ ތަން އޮތް ގޮތް ބަލައިލާފައި ވެސް އަޅުގަނޑަށް އެނގޭ އެ ބޭފުޅުން މިހާރު އެ ދެއްވާ ތާރީޚަށް ވެސް އެތަން ހުސްކޮށް ނުލެވޭނެކަން. ހައްތަހާ ލަސްވެގެން ދަނީ،" އޭނާ ބުންޏެވެ.

މީގެ އިތުރުން ސަރުކާރުން އެ ސްކޫލުގެ މަސައްކަތަށް އެހާ ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމަށް ބުނާއިރު ބަޖެޓުގައި އެ ސްކޫލުގެ މަސައްކަތް ނެތީ ކީއްވެތޯ ސުވާލު އުފެއްދިއެވެ.

އަރަބިއްޔާގެ ދެ ބެލެނިވެރިއަކާއި އެޑިއުކޭޝަނުގެ ވެރިންނާ ބައްދަލުކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ވަކިކޮށް ވަގުތީ ގޮތުން އެ ސްކޫލް ހިންގުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދާ މި ހަފުތާގައި ވަނީ ހަވާލުކުރައްވައިފައެވެ.

އާދީއްތަ ދުވަހު އަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ވަކިކުރި މައްސަލައިގައި ވެސް ބެލެނިވެރިންގެ ނުރުހުން އަމާޒުކުރިއެވެ.

އެގޮތުން ސްކޫލުގެ މެނޭޖުމަންޓާއި މުވައްޒަފުން ބަދަލުކުރި ނަމަވެސް ބެލެނިވެރިންގެ ޝަކުވާތަކާއި ނުރުހުން ފާޅުކުރުމަށް ކުރާ މަސައްކަތް "ކޮންޓްރޯލް" ނުކުރެވޭނެކަމަށް ބުންޏެވެ.

"އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ގުޅޭ ގިނަ ވާހަކަތަކެއް ވެސް އަޅުގަނޑުމެންނަށް އަޑު އިވޭ. އެ ބޭފުޅާ ވިދާޅުވާ ކަމުގެ އަޑުތައް އިވޭ އަރަބި މީޑިއަމަށް ކިޔަވައިދިނުމަކީ ޑިމާންޑު ނެތް ކަމެއްކަމަށް. ދެން އަަޅުގަނޑުމެން ސުވާލުކުރީ އަރަބިއްޔާއަށް ކިޔަވައިދެވޭނެތޯ ނުދެވޭނެތޯ ސުވާލު އުފެދެންޏާ ކިހިނެއްތޯ އޭ ކުރިއަށް ގެންދާނީ. އެހެންވީމާ މިއީ ވަަރަށް ކަންބޮޑުވާ ކަމެއް،" ބެލެނިވެރިޔާ ބުންޏެވެ.

އަރަބިއްޔާގެ ދެ ބެލެނިވެރިއަކާއި އެޑިއުކޭޝަނުގެ ވެރިންނާ ބައްދަލުކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އެ ސްކޫލުގެ ޕީޓީއޭގެ އިސް ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް "ސަން"އަށް ވިދާޅުވީ އެޑިއުކޭޝަނުން ބައްދަލުވުމަށް ދައުވަތު ދިން ގޮތާ މެދު ވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ. އެގޮތުން ވަގުތު ކުޑަކޮށް އެންގުމަށްފަހު ކުއްލިއަކަށް ބައްދަލުކުރާނެ ގަޑި ބުނެ މަދު ބަޔަކަށް ފުރުސަތު ލިބޭހެން ކަންކަންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރަން އަރަބިއްޔާ ބެލެނިވެރިން އެ މިނިސްޓްރީއަށް ދިޔައީ އިއްޔެ ހެނދުނެވެ. ނަމަވެސް މިނިސްޓަރާ ބައްދަލުކުރަން ފުރުސަތު ލިބުނީ އޭގެ ފަސްގަޑިއިރު ފަހުން ހަވީރެވެ.

އޭގެ ކުރިން ފުލުހުން ވަނީ ބެލެނިވެރިން އެ ތަނުން ނެރެން ވެސް މަސައްކަތްކޮށްފައެވެ.

އަރަބިއްޔާ ބެލެނިވެރިން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީގައި -- ފޮޓޯ / ބެލެނިވެރިން

އަރަބިއްޔާ ބެލެނިވެރިން ބުނި ގޮތުގައި މިނިސްޓަރާ ބައްދަލުކުރަން މީގެ ތިން ހަފުތާކުރިން ވަނީ އެދިފައެވެ. ނަމަވެސް ބެލެނިވެރިން ބުނީ އެ މިނިސްޓްރީން ތަކުރާރުކޮށް ބުނަމުން އައީ މިނިސްޓަރު ބިޒީކަމަށާއި ވަގުތެއް ހުސްކޮށްދެވެން ނެތްކަމަށެވެ.

މީގެ އެތައް މަހެއް ކުރިން ލައިފައިވާ ސިޓީއަކަށް އަދިވެސް ޖަވާބު ދީފައިނުވާތީ އަރަބިއްޔާ ބެލެނިވެރިން އިއްޔެ ހެނދުނު ވަނީ ރައީސް އޮފީހަށް ވެސް ގޮސްފައެވެ.

comment ކޮމެންޓް