ޓޮޓެންހަމް ބަލިކޮށް ލިވަޕޫލަށް ހަމަ ނޭވާއެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ޓޮޓެންހަމް ބަލިކޮށްފިއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ރޭ ލިވަޕޫލުން އެ ޓީމު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދި އެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޑާވިން ނުނޭޒްގެ އެހީއާއެކު އެ ގޯލު ޖެހީ މުހައްމަދު ސަލާހުއެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ހެރީކޭން ނަގައިދިން ހުރަހެއް އިވާން ޕެރިސިޗް ހުސްކޮށް އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ އިމޭޖްސް

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން އެ ޓީމުގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސަލާހު ޖެހި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ކޭން ޖެހި އެ ގޯލަކީ ޑޭޖާން ކުލުސެވްސްކީ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ޖެހި ގޯލެކެވެ.

ލިވަޕޫލްގެ އެ މޮޅާއެކު އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އަށް ވަނައިގައި އެ ޓީމު އޮތީ ކުޅުނު 13 މެޗުން ލިބުނު 19 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޓޮޓެންހަމް ތާވަލުގެ ހަތަރު ވަނައިގައި އޮތީ ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެ ލިބުނު 26 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް