ފެބުރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެމްއެންޔޫއިން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަންނަ އަހަރުގެ ފެބުރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކަކުން ކޯސްތަކަށް ހުޅުވާލާއިރު، މީގެ ތެރޭގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ކެމްޕަސް އާއި, ދެ އައުޓްރީޗް ސެންޓަރުތައް ހިމެނެއެވެ.

ފޯމު ބަލައިގަތުން މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޯހަށް އެދި ހުށައަޅާ މީހުންނަށް 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ. މިފަހަރު 117 ކޯހަކުން 6000 ޖާގަ ހުޅުވާލާނެއެވެ. އެމްއެންޔޫ އިން ބުނީ ކޯސްތަކާއި ބެހޭ މައުލޫމާތު މިހާރު އެ ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނޭ ކަމަށެވެ.

ފެބުރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން މެރިޓް އުސޫލުން ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

ސްކޫލް އޮފް ނާސިންގ، ސްކޫލް އޮފް މެޑިސިންގެ ޑިގްރީ އިން ޑޮކްޓާ އޮފް މެޑިސިން، ފެކަލްތީ އޮފް ހެލްތް ސައިންސްގެ ބެޗެލާ އޮފް މެޑިކަލް ލެބޯޓްރީ ސައިންސް، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ބެޗެލާ އޮފް އާޓްސް އިން އާކިޓެކްޗަރަލް ޑިޒައިނިންއެވެ.

މީގެ އިތުރުން އެމްއެންޔޫއިން ވަނީ މިދިޔަ މަހު އޭލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް ސްކޫލް ލީވިން ސެޓްފިކެޓާއި އިމްތިހާނުތަކުގެ ނަތީޖާތަކާއިއެކުވެސް ކޯހަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެމްއެންޔޫއިން ބުނީ އެފަދަ ދަރިވަރުންނަށް އޭލެވެލްގެ ނަތީޖާ ލިބުމުން ދަރިވަރު ކޯހުގައި ރަޖިސްޓްރީ ކޮށް ދޭނޭ ކަމަށެވެ.

comment ކޮމެންޓް