ޕީޕީއެމް ވެރިކަމެއްގެ ފުރަތަމަ ތިން އަހަރު ތެރޭ، އައްޑޫސިޓީގައި 5000 ވަޒީފާ އުފައްދާނަން: ރައީސް ޔާމީން

"ފޭދޫ މަވެސް ޕީޕީއެމް' ޖަލްސާގައި ރައީސް ޔާމީނު ވާހަކަދައްކަވަނީ-- ފޮޓޯ/ޕީޕީއެމް

ޕީޕީއެމް ވެރިކަމެއްގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އައްޑޫސިޓީގައި 5000 ވަޒީފާގެ ފުރުސަތު އުފައްދަވާނެ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފޭދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި "ފޭދޫ ވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އައްޑޫސިޓީގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނީ އެ ސިޓީގައި ފައްޓަވާނެ އިޤްތިސާދީ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

ރައީސް ޔާމީނު ފޭދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށްލައްވަނީ-- ފޮޓޯ/ޕީޕީއެމް

"ވެރިކަމަށް އާދެވިއްޖެ ނަމަ ފުރަތަމަ ކަމަކަށް އޮންނާނީ އަދުގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމާއި، އިންޑިއާއިން ނަގާފައިވާ ލޯނުތައް ދެއްކުން. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދޭނީ ޒުވާނުންގެ ހާލަތު ރަނގަޅުކުރަން. ޒުވާނުންނަށް އާމްދަނީ ހޯދޭނެ ގޮތެއް ހޯދުން. މިހާރު އެކަމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

"ފޭދޫ މަވެސް ޕީޕީއެމް' ޖަލްސާގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް

އެމަނިކުފާން ވިދާޅުވީ އަދާކުރަންޖެހޭ ދަރަނިތައް އަދާކޮށް ނިންމުމަށްފަހު ވެސް ފުރަތަމަ ތިން އަހަރުދުވަހުގެ ތެރޭގައި އުނދަގުލަކާ ނުލައި 5000 ވަޒީފާގެ ފުރުސަތު އެ ސިޓީއަށް ފަހިކޮށްދެވޭނޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ވެސް މިއަދު ޒުވާނުންނަށް ދިމާވެފައިވާ ދައްޗެއް ކަމަށާއި، ވަށާޖެހޭ އިޤްތިސާދެއް ޤާއިމްކުރެވިގެން ނޫނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވެން ނެތް ކަމަށެވެ.

އެމަނިކުފާން އިތުރަށް ވިދާޅުވީ އަދުގެ ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއްވީ ނަމަވެސް އޭގެން އެންމެ ވައުދެއް ވެސް ފުއްދައިދީފައި ނުވާ ކަމަށެވެ. އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އެކަން ވެސް ކުރިއަށް ނުގެންދެވުނުކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވަސީލަތްތަކާއިއެކު ބޮޑު ހޮސްޕިޓަލެއް ހިންގަން ފުރުސަތު ލިބުނުއިރު އެކަންވެސް ނުކުރެވުނުކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

"ފޭދޫ މަވެސް ޕީޕީއެމް' ޖަލްސާގެ ތެރެއިން-- ފޮޓޯ/ޕީޕީއެމް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ވީ ވައުދު ނުފުއްދާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، 2018 ވަނަ އަހަރު އައްޑޫސިޓީއަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން އެމަނިކުފާން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަނީ ބޮޑެތި ވައުދުތަކެއް ވެފައެވެ.

މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ފަސް އަހަރުދުވަހުގެ ތެރޭގައި ފަސް ބައްރަކުން ކޮންމެ ދުވަހަކު ފަސް ފްލައިޓް އައްޑޫސިޓީ ގަމަށް އުދުހުންތައް ބޭއްވުމާއި އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް 8000 ވަޒީފާ އާ އެކު 8000 ޓޫރިސްޓު އެނދު ތަރައްޤީ ކުރެއްވުމަށް ވީ ވައުދެވެ.

comment ކޮމެންޓް